ގއ. ވިލިނގިލިން މުޙައްމަދު ނާއިލް ހަފީޒް

ގއ. ވިލިނގިލީ ރައްޔިތުން ދަތުރު ދިއުމަށް ޚާއްސަ ތަނެއްގެ ގޮތުގައި މި އަތޮޅުގައި އޮންނަ ދޮރެގައްލާ ފަޅު ތަރައްގީ ކޮށްދިނުމަށް، އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެ ވަޑައިގެންފިއެވެ.

ގއ. ވިލިނގިލީގައި ރޭ އޮތް ހަރުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދެވަނަ ދައުރެއްގައި ވިލިނގިލީގެ ތަރައްގީއަށް ކުރުމަށް ޓަކައި ރާއްވަވައިފައި ހުރި ގިނަަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެ ކަންކަމަކީ ކޮބައިކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި ވިލިނިގިލީގައި މިހާރުގެ ހައުސިން ޔުނިޓުތަކުގެ އިތުރުން 100 ހައުސިން ޔުނިޓް އަަޅުއްވައިދެއްވާނެ ކަމަށެވެ. އަދި ބިން ހިއްކައި އިތުރު މަޝްރޫތައް އެ ބިމުގައި ހިންގަވާނެ ކަމަށެވެ.

މިއީ މަސްވެރިކަމަށް ބަރޯސާވާ ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ރަށުގައި މަސްވެރިންނަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމަކާއި މަސް ރައްކާކުރެވޭ އިންތިޒާމެއް ފަހިވެފައި އޮތުން މުހިންމު ކަމަށެވެ.

މަސްވެރިކަމުގެ ތަރައްގީއަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ދެކުނުގެ ދެ ސަރަހައްދެއްގައި ދެން އަންނަ ދައުރެއްގައި ދެ ކޭނިން ފެކްޓްރީއެެއް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މަދުވެގެން ދެ ކޭނިން ފެކްޓްރީ ދެކުނުގައި ހެދުން އަލުގަނޑުމެންގެ ޕްލޭނުގައި އެބައޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކޫއްޑޫ ވިލިނގިލީ ބްރިޖުގެ މަސައްކަތް އަދި ނުހިނގާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ކަމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ.

ރައީސް ވިދާޅުވީ ކޫއްޑޫއާއި މި ރަށާ ދެމެދު ބްްރިޖު އަޅާނީތޯ ނުވަތަ ނާޅާނީތޯ ނިންމާނީ ރައްޔިތުން ކަމަށެވެ. ސަބަބަކީ އެ ކަމުގެ ޕްރޮޕޯސަލަށްވުރެ އެއަށްވުރެ މާ ފުރިހަމަ ޕްރޮޕޯސަލްތަކެއް ހުރުމުންކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގާނޫނު އަސާސީގެ ދަށުން އެކި ދާއިރާތަކުން އަސާސީ ހައްގުތަކުގެ މިނިވަންކަން ކަށަވަރުކޮށްދެވިފައިވާ ކަމަށެވެ. އެއީ ގިނަ ދުވަސްތަކެއް ފަހުން އެކުލަވައިލެވުނު ގާނޫނެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު އެ ކަން ހަނިކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެނެއް އެއެއް ނިގުޅައެއް ނުގަނެވޭނެ. އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން،' ރައީސް ވިދާޅުވިއެވެ.

ރައީސް ގއ. ވިލިނގިލީގައި -- ފޮޓޯ/ އެމްޑީޕީ

ރައީސް ވިދާޅުވީ މިއަދު ސިޔާސީ ވެރިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި އުޅުނު ދުވަސް މަޒީވެއްޖެކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ހަމަޖެހުމުގެ ނޭވާ ލާންވީ ވަގުތު،"

އެ މަނިކުފާނު ވިދާޅުވީ މިއަދު ވިސްނަންވީ ގައުމުގެ ތަރައްގީއާމެދު ކަމަށެވެ. އެ މަނިކުފާނުވަނީ ސިޔާސީ ޚިޔާލު ތަފާތުވުމަކީ ތަރައްގީއަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.

އަދި އެއްވެސް ރަށަކަށް ތަރައްގީ ގެނައުމުގައި ސިޔާސީ ފިކުރުގެ ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސަށް މަރުހަބާ ކިޔުމަށް ގއ. ވިލިނގިލީގައި ތިބި ރައްޔިތުން -- ފޮޓޯ/ އެމްޑީޕީ

އެއާއެކު ރައީސް ވަނީ ކުރިއަށް އިންތިޚާބުގައި ވޯޓުލާއިރު މާޒީގައި ކަން ހިނގި ގޮތާއި މިހާރުގެ ހާލަތާމެދު ވިސްނުމަށް އިލްތިމާސް ކުރައްވައިފައެވެ.

އަދި ވިސްނުންތެރިކަމާއެކު ވޯޓު ލުމަށް އެދިވަޑައިގެންފައެވެ.

ރައީސް އިއްޔެ ވިލިނގިއްޔަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރަށް އެއްވެފައެވެ.

އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެނުންގެ އިތުރުން ފިރިހެނުން ވެސް ހިމެނެއެެވެ. އަދި ގިނަ އަދަދެއްގެ އިސްރަށްވެހިން ވެސް ހިމެނެއެވެ.