07 May 2012, 12:32
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކްރެޑިޓަށް ނަގާފައިވާ ތެލަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދަން އެފްއެސްއެމް އިން ދައުވާ ކުރި މައްސަލައިގެ ޝަރީއަތް އަހަރަކަށް ފަހު މިއަދު ފަށައިފި އެވެ.
ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅަމުން އެފްއެސްއެމް ގެ ވަކީލު ވިދާޅުވީ އެ ކުންފުނިން ދައުވާކުރަނީ ފުނައްޑޫއިން ނަގާފައިވާ ތެލަށް އޭޕްރީލް 10، 2011 ގެ ނިޔަލަށް ދައްކަންޖެހޭ 3،068،768.32ރ ނުދެއްކުމުން ޖޫރިމަނާއަށް އަރާފައިވާ 7،019،693.85ރ އާއި އެކު ޖުމްލަ 10،088،462.17ރ އެކީ އެއްފަހަރާ ހޯދުމަށް ކަމަށެވެ.
ވަކީލު ވިދާޅުވީ އެ މައްސަލައަކީ މިދިޔަ އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހު އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާއިރު، މައްސަލަ ހުށަހެޅިތާ އަހަރު ދުވަސް ފަހުން މައްސަލައިގެ ޝަރީއަތް ފެށުނީތީ ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުނައްޑޫއަށް އެންގުމުން ވެސް ފައިސާ ދައްކާފައިނުވާތީ އެކަމުގެ ސަބަބުން ކުންފުންޏަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.
ފުނައްޑޫ އިން އެފްއެސްއެމްއާ އެކު ވެފައިވާ އެއްބަސްވުމާއި އަދި ފައިސާގެ ބިލްގައި ވެސް ވަނީ ބިލުގެ މުއްދަތު ހަމަވާ ދުވަހަށް ފައިސާ ނުދައްކާނަމަ ބިލުގައިވާ އަދަދުގެ 0.15 ޕަސެންޓްގެ ރޭޓުން ކޮންމެ ދުވަހަކު ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހަށް މިއަދު ހާޒިރުވެފައި ވަނީ ފުނައްޑޫގެ ދެ ހިއްސާދާރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއާއި މ. ރަފީގުގޭ އަހުމަދު ރަޝީދު އެވެ. އެ ދެބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އަކީ ވެސް އެ ކުންފުނީގެ ހިއްސާދާރެކެވެ.
ސިވިލް ކޯޓުގެ ގާޒީ ވިދާޅުވީ ފުނައްޑޫގެ ހިއްސާދާރުން ޝަރީއަތަށް ހާޒިރުކުރަން ޖެހުނީ އެ ކުންފުންޏަށް ޗިޓް ރައްދުކުރުމަށް ކޯޓުން ކުރި މަސައްކަތް ނާކާމިޔާބު ވުމުންކަމަށެވެ.
ދައުވާއާ މެދު ވާހަކަދެއްކުމަށް ފުރުސަތު އެރުވުމުން އާޒިމް ވިދާޅުވީ ދައުވާއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކޭނީ ކުންފުނީގަ މަޝްވަރާކޮށް، ވަކީލަކު އައްޔަން ކުރުމަށް ފަހު ކަމަށެވެ.
"މިއަދު ވާހަކަ ދައްކަން ދަތި. ކުންފުނީގަ މަޝްވަރާކޮށްފަ، ލޯޔަރަކާއެކު ވާހަކަދައްކަން ބޭނުންވަނީ،" އާޒިމް ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު އައްޔަންކުރުމަށް ފަހު ދައުވާއަށް ޖަވާބުދާރީ ވުމަށް ފުނައްޑޫއަށް ފުރުސަތު ދިނުމަށް ފަހު އެވެ.