ލ. ކައްދޫ އެއާޕޯޓުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް، ފާތިމަތު ޝާނާ ފާރޫގުއެވެ.

މި މަޝްރޫއުގެ ދަށުނ،ް ސޭންޑް ސާޗް ސާވޭއެއް ހެދުމާއ،ި 56.40 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 4,433 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއު 360.90 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކުރީ 600 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

ކައްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ އިތުރުން އދ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އދ. ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން -- ފޮޓޯ/ އެމްޓީސީސީ

މި މަޝްރޫއުގެ ދަށުނ،ް 3090 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއ،ި 30,070 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 51 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 122 މީޓަރުގެ ވެލި ފުރާފައިވާ ބޭރުތޮށި އައުޓާ ރިވެޓްމެންޓެއް ޖަހާނެއެވެ.

އޭގެ އިތުރުން 135 މީޓަރުގެ ވެލި ފުރާފައިވާ ބޭރުތޮށި އިނާ ރިވެޓްމެންޓެއް ޖެހުމާއ،ި 38 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއ،ި 30 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 21.29 މިލިއަން ރުފިޔާއަށް 330 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

އެމްޓީސީސީ އިން ބުނިގޮތުގައި އެ ދެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އެއް ހެދުމަށްފަހުގައެވެ.