މ. އަތޮޅު މުލަކު މޫދުގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

މުލަކު ކައުންސިލްގެ ރައީސް މުހައްމަދު އިބުރާހިމް މިއަދު ވިދާޅުވީ މޫދުގައި މިއަދު ހެނދުނު 11:30 އެހާކަންހާއިރު މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ރަށު ފެހިގެ އަބުދުﷲ ހަސަން،47، ކަމަށެވެ.

ކައުންސިލަރު ވިދާޅުވީ އަބުދުﷲ ހަސަން އެ ރަށު އެހެން މީހަކާ އެކު މިއަދު ހެނދުނު ދޯންޏަކަށް ފެން ހަންތަކެއް އެރުވުމުގެ މަސައްކަތުގައި އުޅުނު ކަމަށާއި އެ ހަންތައް އަރުވައި ނިމުމުން އެ މީހާ ގެ އަށް ފޮނުވާލި ކަމަށް ބުނާ ކަމަށެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އަބުދުﷲ ހަސަން މޫދުގައި މަރުވައި އޮއްވައި ފެނިފައިވާ ކަމަށެވެ. އަދި މަރުވި މީހާއަކީ ސިކުނޑީގައި އުނިކަމެއް ހުރި މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޮޑިއަކަށް ފެންއަރުވަން ވެގެން ހަންތަކަށް ފެންއަޅައިގެން އެހެން ކުއްޖަކާއެކީ އޭނާ ވެސް ފެން ހަންތައް އަރުވަން އުޅުނީ. އޮޑިޔަށް ފެންއަރުވައި ނިމުނީމާ އެމީހާކައިރީގައި މިބުނީ ގެއަށް ދާށޭ. ފެންވަރާން. އެހެންކިޔާފައި ދިޔައީ. އޭގެ ފަހުން ފާލަން ކައިރިއަށް ދިޔައިރު މީހަކު މޫދަށް ވެއްޓިފައި އޮތްހެން ހީވެގެން ބެލިއިރު އަބުދުﷲ ހަސަން އޮތީ މަރުވެފައި،" ކައުން ސިލަރު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު އިބުރާހިމް ވިދާޅުވީ އަބުދުﷲ ހަސަން މަރުވެގެން މޫދަށް ވެއްޓުނު ކަމަށް ބެލެވޭ ކަމަށާއި އޭނާ މޫދުން ނެގިއިރު ވެސް މަރުވެފައިވާ ކަމަށެވެ. މިހާރު އޭނާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ވަނީ ފުވައްމުލަކުގައި މޫދަށްއެރި އުޅުނު އުމުރުން 15 އަހަރުގެ ކުއްޖަކު ވެސް ގެނބިގެން މަރުވެފަ އެވެ. އަދި ހޮނިހިރު ދުވަހު ވަނީ އައްޑޫ ސިޓީގެ ހުޅުމީދޫގައި މޫދަށް އެރިއުޅުނު އުމުރުން ދުވަސްވީ 74 އަހަރުގެ މީހަކު މަރުވެފައި އޮއްވައި ފެނިފަ އެވެ.