10 Aug 2023, 13:06
އެމްޑީޕީގެ އިސްވެރިންތަކެއް އެ ޕާޓީން ވަކިވެ އެހެން ޕާޓީއެއް އުފެއްދި ނަމަވެސް އެމްޑީޕީން މާ ގިނަ މެންބަރުންތަކެއް ވަކިވެގެން ގޮސްފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ސްޕޯކްސްޕާސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާ ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިއަދު މާރިޔާ ވިދާޅުވީ, އެ ޕާޓީގެ އިސް ސަފުގައި ތިބި ބަޔަކު ޕާޓީން ވަކިވެގެން ދިޔަ ނަމަވެސް އާންމު ގިނަ މެންބަރުންތަކެއް އެ ބޭފުޅުންނާ އެކު ގޮސްފައި ނުވާ ކަމަށެވެ.
"އަޅުގަނޑަކަށް ފާހަގައެއް ނުވޭ އެމްޑީޕީން މާ ބައިވަރު މެންބަރުންތަކެއް ކެނޑޭ ކަމަކަށް," މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީން ވަކިވެގެން އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިފައިވަނީ މަދު މެންބަރުންކޮޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެކަމުގައި ކަންބޮޑުވުމެއް ނެތްކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ, އެމްޑީޕީއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށެވެ.
"އެމްޑީޕީ އޮތީ އެކަތިގަނޑެއްހެން. އެމްޑީޕީ ނަގާނެ ހަމަ ބޮޑުތަނުން މި އިންތިޚާބު," މާރިޔާ ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ދާން ޖެހިދާނެ ކަމަށް އުންމީދު ނުކުރައްވާކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ, ކެމްޕެއިނުން ފެންނަ މަންޒަރަކީ އެއްބުރުން އިންތިޚާބު ކާމިޔާބު ކުރާތަން ކަމަށެވެ.
"އެމްޑީޕީ އަކީ ހަމަ އެކަނި ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ބަސް އަޑުއަހައި ރައްޔިތުންގެ މެނިފެސްޓޯއެއް ހިފައިގެން ރައްޔިތުން ބޭނުންވާ ވައުދުތައް ފުއްދުމަށްޓަކައި ނުކުމެގެން އުޅޭ ޕާޓީއަކީ," މާރިޔާ ވިދާޅުވިއެވެ.
އެހެން ޕާޓީތަކުން ވެރިކަމަށް އާދެވިއްޖެ ނަމަ ކޮށްދޭނެ ކަންތައްތަކުގެ މާ ގިނަ ވާހަކަތަކެއް ނުދައްކާކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓްގެ ވައުދަކީ އެ ކޯލިޝަނުގެ ލީޑަރު ޖަލުން މިނިވަން ކުރުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީ ނޫނީ އެހެން ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ރައްޔިތުންނަށް ކޮށްދޭނެ މާގިނަ ކަންތައްތަކެއްގެ ވާހަކަ ނެތްއިރު އެ މެނިފެސްޓޯތަކުގައި ހުރީ ވެރިންނަށް ހެޔޮ ގޮތްތައްތަކެއް ފަހިކޮށްދޭނެ ވާހަކަތައް ކަމަށް މާރިޔާ ވިދާޅުވިއެވެ.
"މެނިފެސްޓޯ ބަލާލީމަ ވެސް މި ފެންނަނީ ވެރިންނަށް ގެތައް ހައްދަވައި ދެއްވާނެ ވާހަކަ އާއި ރައީސް އާއި ނައިބު ރައީސް ހުންނަވާނެ ގެކޮޅު ތައްޔާރު ކުރައްވާނެ ވާހަކައާއި ފަނޑިޔާރުގެތައް އަލުން އަޅުއްވައިދެއްވާނެ ވާހަކަ އާއި ފަނޑިޔާރުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަހަލަ ވާހަކަތައް," މާރިޔާ ވިދާޅުވިއެވެ.
ޕީޕީއެމް، ޕީއެންސީ ހިމެނޭ ކޯލިޝަނުން ފުރަތަމަ ރިޔާސީ ޓިކެޓް ހަވާލުކޮށްފައި ވަނީ ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނާ ނަމަވެސް އެމަނިކުފާނު ޖަކު ހުކުމެއް ތަންފީޒު ކުރައްވާތީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ ތާއިދުކޮށްފައެވެ.
އޭގެ ސަބަބުން ރައީސް ޔާމީނާއި ކޯލިޝަންގެ ލީޑާޝިޕުން ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭ ސިޓީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް އިންތިޚާބުގައި ތާއިދު ކުރަން ނިންމާފައެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. އެ ޕާޓީގެ ކެމްޕޭންގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގިނަ ވޯޓުތައް ޑިމޮކްރެޓްސްއިން ހޯދާނެ ކަމަށާއި އެމްޑީޕީ ރޫޅާލާނެ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.