ސަލާމަތީ ޚިދުމަތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއުގެ ދަށުން މީގެ އެތައް އަހަރެން ކުރިން އަޅަން ފެށި، ސިފައިންގެ ފްލެޓުތައް ހަވާލުކުރަން ތައްޔާރުވެއްޖެއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރު ހަވާލުކޮށްފައިވާ ސިފައިންގެ ފްލެޓުތައް ނުނިމި ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެ ފްލެޓުތައް ފުރަތަމަ ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ނަމަވެސް އެކި ސަބަބުތަކާ ހެދި އެ ތާރީޚަށް ބަދަލުތައް ގެނެސްފައިވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ސިފައިންގެ ފްލެޓް ލިބޭ މީހުންނަށް އެކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ 8:30ގައި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވެއެވެ.

ސިފައިންގެ ފުލެޓުތައް އަޅަނީ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓު އަޅާ ގޮތަށެވެ. އެ ޓަވަރުތަކުގައި 20 ޕެންޓްހައުސް ވެސް ހުންނާނެއެވެ.

ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ގުރޫޕާއެވެ. ނަމަވެސް އެ ކުންފުންޏަށް މަސައްކަތްތައް ނުނިންމުމުން ނޫމަޑިއާއެކު ހެދި އެއްބަސްވުން އުވާލައި، އައިލެންޑް އެކްސްޕާޓް ކިޔާ އަމިއްލަ ކުންފުންޏަކާ މަޝްރޫއު ހަވާލުކުރިއެވެ.

ނަމަވެސް ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި މަޝްރޫއު ހިންގަން ދަތިތަކާ ދިމާވުމުން އެ ކުންފުނިން ކުމަޝްރޫއު ދޫކޮށްލިއެވެ. އޭގެ ފަހުން ސިފައިންގެ މަސައްކަތް ފަހުން ހަވާލުކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ އެވެ.

ސިފްކޯ ހިޔާގެ ނަމުގައި އަޅާ އެ ފްލެޓުތަކުގެ އިތުރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސިފައިންނަށް 138 ހައުސިން ޔުނިޓްގެ އިމާރާތެއް އަޅަން ނިންމާފައިވާކަން، ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ ޖޫން މަހު ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އިއުލާން ކުރައްވާފައެވެ.

އެ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ޖުލައި މަހުގެ ތެރޭގައި، ސިފްކޯ ހިޔާގެ ފްލެޓުތަކުގައި ދިރިއުޅެން ފެށޭވަރު ވާނެ ކަމަށް ވިދާޅުވެފައެވެ.