ހުރިހާ ބާރެއް އެއްކުރައްވައިގެން، މިނިވަންކަމެއް ރައްޔިތުންނަށް ނުދެއްވާ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރައްވަމުން ގެންދެވި ދިގު 30 އަހަރުގެ ވެރިކަން ނިމުނު ހިސާބުން ސިޔާސީ މަޝްރަހު ހަމަ ނޭވާއެއްލިއެވެ. ޑިމޮކްރެޓިކް ގިނަ އުސޫލުތަކެއް ދިވެހީންގެ ތެރެއަށް ތައާރަފުވިއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބި، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ފުޅާ ކުރިއިރު ވެސް ދިވެހީން އެންމެ ބޭނުންވާ މަންޒަރު އޮތީ ނުފެނިއެވެ. އެއީ ޕާޓީތައް އެއް ބޭފުޅެއްގެ ފަހަތުން އެނބުރޭތީއެވެ. ގިނަ ހިޔާލުތަކަށް ފުރުސަތު ނުލިބި ޕާޓީތައް ހިންގަމުން އައީ ވެރިއަކަށް ހުންނަ ބޭފުޅަކު ބޭނުންފުޅުވާ ގޮތަކަށެވެ.

ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ރިޔާސީ އިންތިޚާބުތައް ރާއްޖޭގައި ބާއްވަން ފެށިތާ 15 އަހަރު ވެފައިވާއިރު ގިނަ އިންތިޚާބުތަކާ އެކު ޕާޓީތަކުގެ ތެރޭގައި ޓިކެޓުގެ ވާދަވެރިކަން ބޮޑުވެއެވެ. ޕާޓީ ބައިބައިވެއެވެ. ބަލި ގަބޫލު ކުރުމުގެ ރީތި މިސާލު އޮންނަނީ ނުދެއްކިއެވެ. ނަމަވެސް މި ފަހުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން މި ދެއްކީ ތަފާތު ނަމޫނާ އެކެވެ.

ޕްރައިމަރީގެ މާޒީ ހިތި

މާޒީއަށް ބަލާއިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ ތެރޭގައި ބޭއްވި ޕްރައިމަރީ ފާހަގަކޮށްލެވެއެވެ. އެ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާއި ރީކޯ މޫސާ މަނިކުގެ އިތުރުން ދެން ވާދަ ކުރެއްވީ ޑރ. މުޙައްމަދު މުނައްވަރެވެ. ވާދަވެރި އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ނަޝީދެވެ.

އިދިކޮޅު ކެންޑިޑޭޓުންނަށް ނަތީޖާ ގަބޫލު ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެއާއެކު ޕާޓީތެރޭގައި އެކިއެކި މައްސަލަ ޖެހުނެވެ. ނާކާމިޔާބުވި ދެ ކެންޑިޑޭޓުން ހޮވުނު ކެންޑިޑޭޓަށް ތާއީދު ކުރުމުގެ ބަދަލުގައި ފެޔަށް ޖެހުނެވެ. އެންމެ ފަހުން އޭރު އެމްޑީޕީގެ ރައީސަކަށް ހުންނެވި މުނައްވަރު ޕާޓީ ވެސް ދޫކޮށްލެއްވީއެވެ. ރީކޯ މޫސަ ޕާޓީގައި ހުންނެވި ނަމަވެސް ފުރަތަމަކޮޅު ހުންނެވީ ދުރުގައެވެ. ކައިރިވީ ވަކި ހިސާބަކުންނެވެ. ނަޝީދު ކާމިޔާބު ކުރެއްވި އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދެން ވާދަ ކުރެއްވީ ޕާޓީތަކުގެ ތެރެއިން މާ ބޮޑު ވާދަވެރިކަމެއް ނެތި ޓިކެޓު ހޯއްދެއްވި ކެންޑިޑޭޓުންނެވެ.

ރައީސް ނަޝީދާއި ރީކޯ މޫސާ މަނިކު--

އެއަށް ފަހު 2013ގައި އޮތް ރިޔާސީ އިންތިޚާބުގެ ޓިކެޓް ނަޝީދަށް އެމްޑީޕީން ދިނީއެވެ. ސަބަބަކީ 2012 ވަނަ އަހަރު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ކަމުން، އިސްތިއުފާ ދެއްވަން މަޖުބޫރި ކުރުވީކަމަށް އެ ޕާޓީއިން ދެކޭތީއެވެ. އޭރު ނަޝީދަކީ އެންމެ މަގުބޫލު ކެންޑިޑޭޓެވެ. އެ އަހަރުގެ އިންތިޚާބުގައި ޕާޓީގެ ޓިކެޓަށް އެންމެ ވާދަވެރިކަން ބޮޑުވީ ޕީޕީއެމްގެ ތެރެއިންނެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އުމަރު ނަސީރު އެ ޕާޓީގެ ޓިކެޓަށް ވާދަކުރެއްވިއިރު ފޯރިގަދަ ކެމްޕެއިންގެ ތެރެއިން ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ. ހާއްސަކޮށް ފާޅުގައި އުމަރު، ޔާމީނަށް ވިދާޅުވި ފާޑުކިޔުންތަކާ އެކުއެވެ. ޔާމީނަކީ ކޮރަޕްޓު ބޭފުޅެއް ކަމަށް އުމަރު ގެންދެވީ ޕޯޑިއަމްތަކުގައި ވިދާޅުވަމުންނެވެ. އެ ޕްރައިމަރީ ޔާމީން ކާމިޔާބު ކުރެއްވުމާ އެކު އުމަރަށް ނަތީޖާ ގަބޫލެއް ނުކުރެއްވުނެވެ. އެންމެ ފަހުން ޕީޕީއެމް ދޫކުރައްވައި، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ ގުޅިވަޑައިގަތެވެ. ދެން އުމަރު އުޅުއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވެރިކަމަށް ގެނައުމަށެވެ. އެ ފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމާއި ޖޭޕީ ކޯލިޝަން ހެދުމުން ފަހުން އުމަރު ވެސް ޔާމީނަށް ތާއީދު ކުރެއްވިއެވެ. ނަމަވެސް ކުރިން އުމަރު ފާޅުގައި ޔާމީނަށް ކިޔުއްވި ފާޑުކިޔުންތަކާ އެކު ކަންކަން އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. ގިނަ މީހުންނަށް އެކަން ބަލައެއް ނުގަނެވެއެވެ. ނަމަވެސް ޔާމީން އެ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ޖޭޕީގެ ޓިކެޓްގައި އުމަރަށް ވަނީ ހޯމް މިނިސްޓަރުކަން ދެއްވާފައެވެ.

އެއަށް ފަހު ދެން އޮތީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބެވެ. ރައީސަކަށް ހުންނެވި ޔާމީނަށް ޕީޕީއެމް ޓިކެޓު ލިބިވަޑައިގަތީ ޕްރައިމަރީއަކާ ނުލައެވެ. އެމްޑީޕީގެ ތެރޭގައި ބޭއްވި ޕްރައިމަރީއަކަށް ނަޝީދު އެކަނި ކުރިމަތި ލައްވައިގެން ޓިކެޓު ހޯއްދެވިއެވެ. ނަމަވެސް ޖަލު ހުކުމެއްގެ ސަބަބުން ނަޝީދަށް ވާދަ ކުރުމުގެ ފުރުސަތެއް ލިބިވަޑައެއް ނުގަތެވެ. އެހެންވެ ނަޝީދު ބޭނުންފުޅުވީ އެމްޑީޕީގެ ޓިކެޓު އެހެން ބޭފުޅަކަށް ނުދީ އިންތިޚާބު ބޮއިކޮޓް ކުރާށެވެ.

ނަމަވެސް އެ ޕާޓީގެ ލީޑާޝިޕުން އެ ކަމަކަށް އެއްބަހެއް ނުވިއެވެ. ދެން ނަޝީދު މަސައްކަތް ކުރީ އޭރުގެ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖޭޕީއަށް ރިޔާސީ ޓިކެޓު ދިނުމަށެވެ. ނަމަވެސް އެންމެ ބޮޑު ޕާޓީއަށް އެމްޑީޕީ ވާތީ އެ ޕާޓީގެ ލީޑާޝިޕުން އެ ކަމަކަށް ވެސް އެއްބަހެއް ނުވިއެވެ. ލީޑާޝިޕުގައި މަޝްވަރާ ކުރުމަށް ފަހު އެ ބޭފުޅުންނަށް އެއްބަސް ވެވުނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދިނުމަށެވެ. އެ ފުރުސަތު ރައީސް ޞާލިޙަށް ދެއްވީ ޕްރައިމަރީއަކަށް ނުގޮސް އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައިވާއިރު އެންމެ ބޮޑު ދެ ޕާޓީގެ ޓިކެޓު ހޯދެއްވުމަށް މިވަނީ ބޮޑު ހަނގުރާމަތަކެއް ކޮށްފައެވެ. އެމްޑީޕީގެ ޓިކެޓު ހޯއްދެއްވުމަށް ރައީސް ޞާލިޙާއި ކުރީގެ ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވިއިރު ބޮޑު ތަފާތަކުން ނަޝީދު ބަލިކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް ޞާލިޙެވެ. އެއާ އެކު ފެނުނީ ޑިމޮކްރެޓިކް ނޫން ވަރަށް ހަޑި މަންޒަރެކެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ޕްރައިމަރީ ތަފާތު

އެތައް ބައެއްގެ މަސައްކަތުން ރާއްޖެއަށް ގެނައި ޑިމޮކްރަސީ، ގެނައި ބޭފުޅާކަމަށް އެއްބަޔަކު ބުނާ ނަޝީދު އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރެއްވިއެވެ. އެންމެ ފަހުން ޕާޓީގެ ތެރޭގައި ވަކިން މަސައްކަތް ކުރަން ފެއްޓެވިއެވެ. އެކަން ކާމިޔާބު ނުވުމުން ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދެވިއެވެ. މިހާރު ނަޝީދު ހުންނެވީ އެ ބޭފުޅާއާ ޕްރައިމަރީގައި ވާދަކުރައްވައި މޮޅުވި ކެންޑިޑޭޓު، ރިޔާސީ އިންތިޚާބުން ބަލި ކުރުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާގޮތަށެވެ. ޑިމޮކްރަސީގެ ރީތި ނަމޫނާގެ ކުޑަ މިންވަރެއް ވެސް ނަޝީދުގެ ފަރާތުން މި ފަހަރު ނުފެނުނެވެ.

ޕީޕީއެމަށް ބަލާއިރު ރިޔާސީ ޕްރައިމަރީގެ ޓިކެޓުގެ ކަންކަން ވަރަށް ބޮޑަށް ގޯސްވިއެވެ. އެ ޕާޓީގެ ޓިކެޓު އަރުވާފައިވާ ރައީސް ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގައެވެ. އޭގެ ސަބަބުން އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މި ވަނީ ނިންމާފައެވެ. ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި އެ ކޯލިޝަންގެ ޓިކެޓް ހޯދުމަށް އެތައް ބޭފުންނެއް ތިއްބެވީ އަތުކުރި އޮޅާލައިގެންނެވެ. އެގޮތުން ޔާމީންގެ އިތުރުން އަނެއް އޮޕްޝަނެއް ހޯދުމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ބޭފުޅަކަށް ޓިކެޓު ދިނުމަށް ޔާމީން އެންގެވިއެވެ. ޔާމީން ނަމެއް ދެއްކުމަށް ލީޑާޝިޕުން ތަކުރާރުކޮށް އެދުމުން ވެސް އެ މަނިކުފާން އެންގެވީ ޕާޓީގެ ސެނެޓުން އެކަން ނިންމުމަށެވެ. ސެނެޓުން ވާދަވެރި ޕްރައިމަރީއެއް ބޭއްވިއިރު ވާދަ ކުރެއްވީ ޕީޕީއެމްއިން ވަކިވެވަޑައިގެން އެ ދުވަހު އެ ޕާޓީއާ ގުޅިވަޑައިގެންނެވި މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. ދެ ވޯޓްގެ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ މުއިއްޒެވެ.

ދެން އެއާ އެކު އިވުނީ މާ ތަފާތު ވާހަކައެކެވެ. ޕީއެންސީގެ ޓިކެޓް މުއިއްޒަށް އެ ދިނީ ރޭވުމެއްގެ ތެރެއިން އޭނާ ޕީޕީއެމުން ބޭރު ކުރުމަށް ކަމަށެވެ. އަދި، ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމުން ކެންޑިޑޭޓެއް ދައްކާނެ ކަމަށެވެ. ޔާމީންގެ ރަނިންމޭޓް، އަދި އިސް ގާނޫނީ ވަކީލް، މުޙައްމަދު ޖަމީލް އަޙްމަދާއި އެ ޕާޓީގެ އިސް އެހެން ބޭފުޅުން ވެސް އެކަން ހާމަކުރިއެވެ. ޕްލޭން "ބީ" އެއް އެބައޮތް ކަމާއި މުއިއްޒަކީ "ވޯސްޓްކޭސް ސިނާރިއޯ" ކަމަށެވެ. އެއާ އެކު އެ ކޯލިޝަންގެ ތެރޭގެ މަސްލަހަތު ވަރަށް ގޯސްވިއެވެ. މުއިއްޒުގެ ސަޕޯޓަރުންނާއި ޕާޓީގެ އެހެން ވިސްނުމުގެ ބޭފުޅުންގެ ގުޅުން ވަރަށް ގޯސްވިއެވެ.

ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމުމާ އެކު އެ މަނިކުފާނު އެންގެވީ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ޔާމީންގެ އެއްވެސް އެންގުމަކާ ޕީޕީއެމް/ޕީއެންސީގެ ބޭފުޅުންނަށް ދެކޮޅު ހައްދަވަން ކެރޭނެ ކަމަށް ހީކުރި މީހުން މަދެވެ. ނަމަވެސް ކަންވީ އެގޮތަކަށް ނޫނެވެ. އެ ކޯލިޝަންގެ ސެނެޓުން ހޫނު ބަހުސްތަކެއް ކުރުމަށް ފަހު ފާސްކުރީ އިންތިޚާބު ބޮއިކޮޓް ނުކުރާނެ ކަމަށެވެ. އެކަން ޖަލުގައި ހުންނެވި ޔާމީނަށް އެންގެވިއެވެ. ނަމަވެސް އަނެއްކާ ވެސް ޔާމީން އެންގެވީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ނަމަވެސް ސެނެޓުން އަނެއްކާ ވެސް އެކަމާ ދެކޮޅު ހެދިއެވެ.

އެއާ އެކު ދެން ފެނުނީ ރީތި މަންޒަރެކެވެ. ޔާމީން ގޮތް ދޫކުރެއްވިއެވެ. މުއިއްޒަށް ތާއީދު ކުރެއްވިކަން ގާނޫނީ ވަކީލު މެދުވެރި ކުރައްވައި އެންގެވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕާއި މުއިއްޒުގެ ގުޅުން އޮތީ ވަރަށް ގޯސްވެފައެވެ. ރިޔާސީ ޓިކެޓު ހޯއްދެވުމަށް މުއިއްޒު މާ ކުރިންސުރެއް ނުފޫޒުތައް ފޯރުވަމުން ދިޔަ ކަމަށް ތުހުމަތުކޮށެވެ. އެހެންވެ، އެ ބޭފުޅުން، ސިއްރާއި ފާޅުގައި ދިޔައީ މުއިއްޒާ ދެކޮޅު ހަދަމުންނެވެ. އެކުވާނެ ކަމަށް ނުބެލޭ ވަރަށް މި ފަހުން އެ ކޯލިޝަން ބައިބައިވިއެވެ. އޭގެ ފައިދާ ވާދަވެރި ކެންޑިޑޭޓުން ނަގަން ވެސް އުޅުނެވެ. ނަމަވެސް ފަހު ވަގުތު މަންޒަރު ބަދަލުވެއްޖެއެވެ.

މުއިއްޒާ ހިތްހަމަ ނުޖެހޭ، ޕާޓީގެ ލީޑާޝިޕް މިހާރު ތިބީ މުއިއްޒާ އެކުއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެކުގައި އެ ތިބީ ނުކުމެއެވެ. ޕާޓީ މަގުމަތި ވާކަށް ދުލެއް ނުކުރިއެވެ. ބޮޑާ ހަދާފައި ގެއަކަށް ނުދިޔައެވެ. ހިތްހަމަ ނުޖެހުންތަކާ އެކު ވެސް މެޖޯރިޓީއަށް ތަބާވީއެވެ. ޕާޓީގެ ހައްގުގައި ތެދުވީއެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގަތުގައި ވެސް ތަފާތު ނަމޫނާ އެކެވެ.