މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް އުފައްދަވައި، ޖެންޑާ، ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު ކަމުގެ މަގާމަށް، ސ. ހުޅުދޫ ގޯރަންވިލާ ފާޠިމަތު ދިޔާނާ ސަޢީދު، ޢައްޔަން ކުރައްވައި، އެކަމަނާއަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބު ކަމުގެ މަގާމު ފުރުއްވެވި އަދި ސާކްގެ ސެކްރެޓެރީ ޖެނެރަލްކަން ވެސް ކުރެއްވެވި ދިޔާނާއަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެކަމަނާ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި މިއަދު ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، އެކަމަނާ ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބަދަލާ އެކު މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމެލީގެ ނަން ހެލްތު މިނިސްޓްރީގެ ނަމަށް ބަދަލުކުރައްވައި ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައި ކުރިން ވެސް ހުންނެވި ޑރ. އަހުމަދު ޖަމްޝީދު ވަނީ އަލުން މަގާމުގެ ހުވާކުރައްވައިފައި ކަމަށެވެ.