10 Aug 2023, 10:22
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެރިކަމަށް ހޮވިވަޑައިގެންފިނަމަ 65 އަހަރު ފުރުމުން ދައުލަތުންދޭ އިނާޔަތް 7000 ރުފިޔާއަށް އިތުރުކުރާނެ ކަމަށް އެ ޕާޓީގެ މެނިފެސްޓޯގައި ބުނެފިއެވެ.
ގާސިމްގެ މެނިފެސްޓޯ ރޭ ވަނީ އިފްތިތާހުކޮށްފައެެވެ. އެ މެނިފެސްޓޯގައި އިސްރަށްވެހިންނަށް ކޮށްދޭނެ ކަންތައްތައް ވަނީ ވަކިން ހިމަނައިފައެވެ. "ޝަރަފުވެރި އިސްރަށްވެހިން"ގެ ޝިއާރާއެކު ނުވަ ކަމެއް ވަނީ ހިމަނައިފައެވެ.
ގާސިމްގެ މެނިފެސްޓޯގައި ވާގޮތުން 55 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެެރެެއިން ވަޒީފާ ގެއްލި އަދި އާމްދަނީ ނުލިބޭ މީހުންނަށް ތިން މަސް ތެރޭގައި ވަޒީފާ ލިބޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން، އިސްރަށްވެހިންނާ ގުޅޭ ކަންކަމުގައި ލަފާދީ ޚިދުމަތްތައް ބެލެހެއްޓުމުގައި ރައީސަށް ސީދާ ރިޕޯޓު ކުރާ އިސްރަށްވެހިންގެ ހާއްސަ އެޑްވައިޒަރުގެ މަގާމު އުފައްދާނެކަމަށް ވެއެވެ.
މީގެ އިތުރުން ވެސް އިސްރަށްވެހިންނަށް ކޮށްދޭނެ އިތުރު ކަންތައްތައް ވަނީ ގާސިމްގެ މެނިފެސްޓޯގައި ހިމަނައިފައެވެ.
އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކޮށްދިނުމަށް ގާސިމްގެ މެނިފެސްޓޯގައި ހިމަނައިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މެނިފެސްޓޯގައި ވެސް އިސްރަށްވެހިންނަށް ކޮށްދޭނެ ކަންކަން ވަނީ ހިމަނައިފައެވެ.
އެ މެނިފެސްޓޯގައި ވަނީ ދޮށީ އުމުރުގެ މީހުންނަށް މާލީ އެހީ ދޭ މިންވަރާއި މާލީ އެހީ (ޕެންޝަން) ދިނުމުގެ ނިޒާމް މުރާޖައާކުރާނެ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ތައާރަފްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު 2000 ރުފިޔާއާ އެކު ފެށި އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.