10 Aug 2023, 00:34
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށްފަހު ސަލާމަތް ނުވެވޭނެ ކަމަށް ގާސިމްގެ ރަނިން މޭޓް އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމްގެ މެނިފެސްޓޯ އިފްތިތާޙު ކުރުމަށް މިރޭ ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ, އެ ޕާޓީގެ މެނިފެސްޓޯ އަކީ ދިރޭ އެއްޗެއް ކަމަށާއި ރައްޔިތުންގެ ބޭނުން އެނގޭ ވަރަކުން މެނިފެސްޓޯ ދާނީ ބޮޑުވަމުން ފުޅާ ވަމުން ކަމަށެވެ.
ގާސިމް ވެވަޑައިގެންފައިވާ ވައުދުތަކަކީ ހަމައެކަނި ލިޔެލާފައިވާ ލިޔުންކޮޅެއް ނޫން ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ, އެ ހުރިހާ ވައުދުތަކެއް ފުއްދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި ގަވާއިދާ ޚިލާފަށް، ގާނޫނާ ޚިލާފަށް ކޮރަޕްޝަނުގެ އަމަލުތައް ހިންގައިގެން ލާހިކު ކުޅަދާނެ އެއް ނޫން އެ މީހަކު ސަލާމަތްވާކަށް. ލާހިކު ކުޅަދާނެއެއް ނޫން. އަޅުގަނޑުމެން އެ މީހުން ފަހަތުން ދާނަން," އަމީން ވިދާޅުވިއެވެ.
ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ މީހުން ހުއްޓުވާނެ ކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ, އެކަން ހުއްޓުވާނެ ފޯމިއުލާ އެނގޭ ކަމަށެވެ.
ވައުދު ވުމަކީ ކޮންމެ މީހަކަށް ވެސް ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް ތަންފީޒު ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންް ކަމަށް އަމީން ވިދާޅުވިއެވެ. އެގޮތުން ގާސިމްގެ މެނިފެސްޓޯގައި ވެފައިވާ ވައުދުތައް ފުއްދުމަށް އެންމެ އިސް ސަފުގައި ތިބީ ކެރޭ ގާބިލް ޓީމެއް ކަމަށް އަމީން ވިދާޅުވިއެވެ. ޖޭޕީގެ ކުރިއަށް ހުރި ހަފްލާތަކުން އެ މޫނުތައް ފެންނާނެ ކަމުގެ ޔަގީންކަން އަމީން ވަނީ މިރޭ ދެއްވާފައެވެ.
"އެއްވެސް ޕާޓީއެއްގައި ނެތް ޓީމް. އެއްވެސް ޕާޓީއެއްގަ ނެތް ކުޅަދާނަ ކަމާއި ގާބިލްކަން. އެއްވެސް ޕާޓީއެއްގަ ނެތް ވަރުގަދަ ތަޖުރިބާއާއި ކާމިޔާބު ޓްރެކް ރެކޯޑް އޮތީ ޖުމްހޫރީ ޕާޓީގައި," އަމީން ވިދާޅުވިއެވެ.
ގާސިމްގެ ވެރިކަމެއްގައި ރައްޔިތުން ތިބޭނީ މިހާރު ތިބި ހުރިހާ ހާސްކަމަކުން މިންޖުވެ އުފަލުން ފޮޅިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.