15 Aug 2023, 10:16
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ އުފައްދާ ފަރާތްތަކުން, ކޮޕީރައިޓް ކޮށްފައިވާ ތަކެތި ބޭނުންކުރުމާ ބެހޭ ގަވާއިދު އިސްލާހު ކުރުމަށް ދުނިޔޭގެ ބޮޑެތި މީޑިއާ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.
އެމެރިކާގެ ގާތްގަނޑަކަށް 2،000 ޕަބްލިކޭޝަން ހިމެނޭ ނިއުސް މީޑިއާ އެލަޔަންސް އާއި ޔޫރަޕިއަން ޕަބްލިޝާސް ކައުންސިލް ފަދަ މި ދާއިރާގެ ޖަމިއްޔާތަކުން ސޮއިކޮށްފައިވާ ޕެޓިޝަނެއްގައި ވަނީ މީޑިއާ ކުންފުނިތަކަށް އޭއައި މޮޑެލް އޮޕަރޭޓަރުންނާ މަޝްވަރާ ކުރެވޭނެ އޮނިގަނޑެއް އެކުލަވާލުމަށް ގޮވާލާފައެވެ.
ޖެނެރޭޓިވް އޭއައި އާއި ލާޖު ލެންގުއެޖް މޮޑެލްތައް ތަރައްގީ ކުރުމުގައި، ކޮޕީރައިޓް ކޮށްފައިވާ ކޮންޓެންޓްތައް ބޭނުން ކޮށްފައިވަނީ އެ ކޮންޓެންޓާއި މައުލޫމާތު އުފެއްދި ފަރާތްތަކަށް އެންގުމަކާ ނުލައި، ނުވަތަ އަސްލު އުފެއްދުންތެރިންނަށް އިނާޔަތެއް ދިނުމެއް ނެތިއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މީޑިއާ އިންޑަސްޓްރީގެ ވިޔަފާރީގެ މޮޑެލްތަކަށް ބުރޫ އަރާ ކަމަށް އެ ޕެޓިޝަނުގައިވެއެވެ.
ޗެޓްޖީޕީޓީ އާއި ގޫގުލް ބާޑް ފަދަ ޚިދުމަތްތަކުގެ ސަބަބުން ބޮޓްތަކުން އުފައްދާ އޮންލައިން ކޮންޓެންޓް އިތުރުވެ، ބައެއް ސިނާއަތްތަކުން ދަނީ އޭގެ ސަބަބުން އެ މީހުންގެ ވިޔަފާރިތަކަށް ކުރާ އަސަރު ދެނެގަންނަމުންނެވެ.
އޭގެ ތެރެއިން ގިނަ ޚިދުމަތްތަކުން އެ މީހުންގެ މޮޑެލްތައް ތަމްރީނު ކުރުމަށް ބޭނުންކޮށްފައި ވަނީ ކޮން އިންޕުޓްތަކެއްކަން ހާމަކޮށްފައި ނުވި ނަމަވެސް، އޭގެ ތެރޭގައި ނިއުސް ވެބްސައިޓްތަކުގެ ކޮންޓެންޓް ވެސް ހިމެނޭ ކަމަށް މީޑިއާތަކުން ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކުން އަދިވެސް އަންނަނީ އޭއައި ބޮޓް ޓެކްނޮލޮޖީ ބޭނުންކުރާނެ އުސޫލްތަކާ މެދު ވިސްނަމުންނެވެ. އަނެއްކޮޅުން ބައެއް މީޑިއާ ކުންފުނިތަކުން ވަނީ ޖެނެރޭޓިވް އޭއައި އެކްސްޕެރިމެންޓްކޮށް، އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް އެ ކުންފުނިތަކުގެ ކޮންޓެންޓް ބޭނުންކުރުމަށް ޓެކް ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދަން ފަށައިފައެވެ.
އެ ޕެޓިޝަނުގައި ސޮއިކުރި އެއް ފަރާތް ކަމަށްވާ އެސޯސިއޭޓެޑް ޕްރެސްއިން މިދިޔަ މަހު ވަނީ އޯޕަންއޭއައިއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޯޕަންއޭއައިއިން ވަނީ އެމެރިކަން ޖާނަލިޒަމް ޕްރޮޖެކްޓް (އޭޖޭޕީ)ގެ ކޮންޓެންޓް ބޭނުންކުރުމަށް ފަސް މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމައިފައެވެ.