07 May 2012, 11:23
އެސްޓީއޯއިން ހުޅުމާލޭގައި އިމާރާތް ކުރަމުން ގެންދާ ފަސް ތަރީގެ ހޮޓަލުގެ މަސައްކަތް މިއަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ އެ ހޮޓެލްގެ ފައުންޑޭޝަންގެ މަސައްކަތް މީގެ ދެ ހަފްތާއެއްހާ ދުވަހުގެ ކުރިން ނިންމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ކޮންކްރީޓް އެޅުމުގެ މަސައްކަތް ކަމަށެވެ.
"ފައުންޑޭޝަންގެ މަސައްކަތް މީގެ ދެ ހަފުތާގެ ކުރިން ފަށައިއިފައި ވަނީ، އުންމީދު މި ކުރަނީ އޮކްޓޫބަރުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭ ނެކަމަށް" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހޮޓަލަކީ އެސްޓީއޯއިން ޓުއަރިޒަމް ވިޔަފާރިއަށް ވަނުމަށް ކުރާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ ހޮޓަލުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
"މަސައްކަތް ކުރިއަށްދާ ގޮތާއިމެދު ވަރަށް ހިންހަމަޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 7.5 މިލިއަން ޑޮލަރު ހަރަދުކުރާ ހޮޓަލުގެ މަސައްކަތް ކުރަނީ އަމީން ކޮންޓުރަކްޝަނުންނެވެ.ހޮޓަލުގެ ކަންތައްތައް ބަލަހައްޓަނީ އެމެރިކާގެ ކާލްސަން ގުރޫޕުންނެވެ.