10 Aug 2023, 09:27
ހޮލީވުޑްގެ މިހާރުގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މޭގަން ދީ ސްޓޭލިއަންގެ ފަޔަށް ބަޑި ޖެހި ކަން ސާބިތުވެ ރެޕް ލަވަކިޔުންތެރިޔާ ޓޯރީ ލޭންޒްގެ ޖަލު ހުކުމް 10 އަހަރަށް ހަދައި އޭނާ ޖަލަށް ލައިިފިއެވެ.
ކެނެޑާގެ ރެޕް ލަވަކިޔުންތެރިޔާ އާ ދެކޮޅަށް މޭގަން މައްސަލަ އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ ލޮސް އެންޖެލެސްގެ ކޯޓަކަށެވެ. މި މައްސަލައިގައި މޭގަންގެ ފަޔަށް ބަޑި ޖެހިކަން ސާބިތުވެފައިވާއިރު އެ މައްސަލައިގައި ލޭންޒްގެ މައްޗަށް ޖުމްލަ ތިން ކުށެއް ވަނީ ސާބިތުވެފައެވެ.
އެއީ އިހުމާލުގެ މައްސަލައަކާއި ރެޖިސްޓާ ނުކޮށް އޮތް ބަޑިއެއް އުޅަނދެއްގެ ތެރޭގައި ގެންގުޅުމާއި ބަޑިއަކުން ނުވަތަ ސެމީ އޮޓޮމެޓިކް ހޭންޑްގަން އަކުން ބަޑި ޖެހި ކަމުގެ މައްސަލައެވެ.
މި މައްސަލަ ސާބިތުވެ އެންމެ ފުރަތަމަ ކޯޓުން ވަނީ ލޭންޒްގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. ނަމަވެސް އެކަމާ ގުޅިގެން ލޭންޒް ވަނީ މައްސަލަ އިސްތިއުނާފުކޮށްފައެވެ.
ކޯޓުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހެޅީ ލޭންޒް ޖަލު ހުކުމުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އެންމެފަހުން ކޯޓުން ހުކުމްކޮށްފައިވަނީ 10 އަހަރަށް ޖަލަށް ލުމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ 2020 ވަނަ އަހަރުގައި އެމެރިކާގެ ހޮލީވުޑް ހިލްސްގައި އޮތް ޕޫލް ޕާޓީއެއްގެ ތެރެއިންނެވެ. ދެމީހުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގާފައިވަނީ ލޭންޒް އަށް ސްޓޭލިއަންގެ ކެރިއަރުގެ ކުރިއެރުން ކަމު ނުގޮސްގެން ކަމަށް ސްޓޭލިއަން ބުންޏެވެ.
އެގޮތުން ޕޫލް ޕާޓީގެ ތެރެއިން ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން ހިނގައިދިޔައީ ކާރެއްގެ ތެރޭގައި ތިއްބައެވެ. އަދި މައްސަލަ އިތުރަށް ހޫނުވާން ފެށުމުން ސްޓޭލިއަން ކާރުން ނިކުންނަން މަސައްކަތް ކުރިއެވެ. ނަމަވެސް އެވަގުތު ލޭންޒް ވަނީ އޭނާގެ ފައިތިލައަށް ބަޑި ޖަހާފައެވެ.
މި މައްސަލައިގައި މޭގަންގެ ފަޔަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި ވަޒަނުގެ އެތިކޮޅުތައް ފައިތިލައިގެ ތެރޭގައި ހުރުމުން އެ ނެގުމަށް ސާޖަރީ ހަދަން ޖެހުނު ކަމަށް މޭގަން ބުންޏެވެ.