13 Aug 2023, 10:05
ރަޝިއާއިން ޑިޖިޓަލް ރޫބަލް ރަސްމީކޮށް ބޭނުންކުރަން ފެށުމުގެ ކުރިން ކުރިއަށްގެންދާ ޓެސްޓުތައް ފުޅާކުރަން ނިންމައިފިއެވެ.
ރަޝިއާއިން ޑިޖިޓަލް ރޫބަލް ޓެސްޓު ކުރަން ފެށީ މިމަހުގެ އެކެއްގައެވެ. އެގޮތުން ފުރަތަމަ ޓެސްޓުތަކުން ބައިވެރިކޮށްފައި ވަނީ އެގައުމުގެ 13 ބޭންކެކެވެ.
ރަޝިއާގެ މަރުކަޒީ ބޭންކުގެ ފަސްޓް ޑެޕިއުޓީ ގަވަރުނަރު އޮލްގާ ސްކޮރޯބޯގަޓޯވާ ވިދާޅުވީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެ ޓެސްޓުތަކުގައި އެ 13 ބޭންކުގެ ބައެއް ކްލައެންޓުން ބައިވެރިކުރަން ފަށާނެ ކަމަށެވެ. އެގޮތުން އެގައުމުގެ 11 ސިޓީއަކުން 600 ކަސްޓަމަރުންނާއި 30 ކުންފުންޏެއް ޓެސްޓުތަކުގައި ބައިވެރިކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.
މި ޓެސްޓުތަކުގައި، ޑިޖިޓަލް ފައިސާ ދޫކުރާ އެހެން ގައުމުތަކާ އެކު ކްރޮސް ބޯޑާ ޕޭމަންޓް ތަރައްގީ ކުރާނެ ކަމަށް ސްކޮރޯބޯގަޓޯވާ ވިދާޅުވިއެވެ.
ގިނަ ގައުމުތަކެކޭ އެއްފަދައިން ރަޝިއާއިން ވެސް ފާއިތުވި އަހަރުތަކުން ފެށިގެން އަންނަނީ މަރުކަޒީ ބޭންކް ޑިޖިޓަލް ކަރަންސީ (ސީބީޑީސީ) ނުވަތަ މަރުކަޒީ ބޭންކުތަކުން ދޫކުރާ ޑިޖިޓަލް ޓޯކަންތައް ތަރައްގީ ކުރަމުންނެވެ.
އެމެރިކާގެ އެޓްލާންޓިކް ކައުންސިލްގެ ތިންކް ޓޭންކުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ކެރީބިއަން އާއި ނައިޖީރިއާގެ ގިނަ ގައުމުތަކެއް ހިމެނޭ ގޮތަށް އެގާރަ ގައުމެއްގައި މިހާރު ވެސް ސީބީޑީސީ ޓެސްޓް ކުރަމުން ދާއިރު، ޗައިނާގެ އިތުރުން ގިނަ ގައުމުތަކަކުން ދަނީ ޑިޖިޓަލް ފައިސާ ޓެސްޓު ކުރުމުގެ ބޮޑު ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ.
ރަޝިއާއިން ޔޫކްރޭނަށް އަރައިގަނެ، އެގައުމަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކުން ވަނީ ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ސަބަބުން ރަޝިއާއަށް ވަނީ ދުނިޔޭގެ މާލީ ނިޒާމުގައި ހަރަކާތްތެރިވުމަށް ހުރަސްތަކެއް ކުރިމަތިވެފައެވެ. އެހެންވެ، ރަޝިއާއަށް ވަނީ އެގައުމުގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން މަޖުބޫރުވެފައެވެ.
ރަޝިއާގައި ރަސްމީކޮށް ޑިޖިޓަލް ރޫބަލް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުއެވެ. އެހާތަނަށް އެގައުމުން ޑިޖިޓަލް ފައިސާގެ ޓެސްޓުތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ އިރު އެ ޓެސްޓުތަކުގައި ބައިވެރިވާން އިތުރު 19 ބޭންކަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސްކޮރޯބޯގަޓޯވާ ވިދާޅުވިއެވެ.