ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވެރިކަމެއްގައި ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ 75 ޕަސެންޓަށް ބޮޑުކޮށްދޭން ވައުދުވެވަޑައިގެންފިއެވެ.

ގާސިމްގެ މެނިފެސްޓޯ އިއުލާން ކުރުމަށް ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި ސުޕްރީމް ކޯޓާއި ހައިކޯޓު ހިންގަން ޚާއްސަ އިމާރާތެއް އަޅުއްވައިދެއްވާނެ ކަމަށެވެ.

ފަނޑިޔާރުންނާއި މުއައްޒަފުންނަށް ތަމްރީނު ދީ ޝަރުއީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށްދޭނެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ ކޮންމެ ބަޔަކު ވެސް ދައްކާކަމަށާއި ނަމަވެސް ވެރިކަމަށް ވަޑައިގަތުމުން އެކަމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އެގޮތުން އެމަނިކުފާނު ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރި ގޮތަށް މިއަދާ ހަމައަށް މުސާރައަށް އެއްވެސް ކުރިއެރުމެއް ދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ވާއިރު ފަނޑިޔާރުންގެ މުސާރަ މިހާރު އޮތް ވަރަށް ވުރެ 75 ޕަސެންޓް އިތުރު ކޮށްދޭނަން،" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން މުއައްޒަފުންގެ މުސާރައަށް 35 ޕަސެންޓްގެ ކުރިއެރުމެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.