މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކެންޕެއިން ކުރާއިރު އެ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން، އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ އަގުވައްޓާލުމުގެ ގޮތުން ގަސްދުގައި ހަގީގަތާ ޚިލާފު ވާހަކަތައް ނުދެކުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު ދަރުބާރުގޭ ރަންނަ ބަންޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ މިއީ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފަހަރު ކަމަށާއި އެކަމުން ދޭހަކޮށްދެނީ ޑިމޮކްރެސީގައި ރާއްޖެ ކުރިއަރަމުން އަންނަ މިންވަރު ކަމަށެވެ.

މި އިންތިޚާބަކީ ވަރަށް ވާދަވެރި އިންތިޚާކަށް ވާނެކަން ފާހަގަ ކުރައްވަމުން ހަބީބު ވަނީ، އިންސާފުވެރިކަމާއެކު އިންތިޚާބު ބޭއްވުމަށް ޓަކައި އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑަށް ކެންޑިޑޭޓުންނާއި އެބޭފުޅުންނަށް ތާއީދުކުރާ ފަރާތްތަކުން ޢަމަލުކުރުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަ ކުރައްވާފައެވެ.

"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރާއިރު ކެންޑިޑޭޓުންގެ އަބުރަށް އަރައިގަނެ، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި ދޮގު އިލްޒާމު އެޅުވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތުގެ ހަމަތަކާއި ޚިލާފު އަދި ހަމަނުޖެހުމަށް މަގުފަހިވާ ކަންކަން،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވަނީ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބައްދަލުވުންތައް ބޭއްވުމަށާއި އެއް ބަޔަކު ބާއްވާ ބައްދަލުވުމަށް އަނެއް ބަޔަކު ހުރަސް ނޭޅުމަށާއި ދެ ޕާޓީއަކުން އެއް ފަހަރާ އެއް ތަނެއްގައި ބައްދަލުވުންތައް ނުބޭއްވުމަށް އެދިވަޑައިގެންފައެވެ. އަދި ވަކި މީހަކަށް ވޯޓުލުމަށް މަޖުބޫރު ކުރުވާ ނުވަތަ ބިރު ދެއްކުމަކީ ނުރައްކާތެރި ކަމެއްކަމަށް ވިދާޅުވެ، އެފަދަ ޢަމަލުތައް ނުކުރުމަށް ހަބީބު އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން ވަކި މީހަކަށް ވޯޓް ލުމަށް ޓަކައި ނުވަތަ ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް ފަރާތަކުން ފައިސާ އާއި ހަދިޔާ އަދި މާލީގޮތުން ފައިދާއެއް ވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އަދި އެފަދަ ކަންކަމުން ދުރުހެލިވާން ހަބީބު ނަސޭހަތްތެރިވިއެވެ.

ހަބީބު ވިދާޅުވީ މިއަހަރުގެ އިންތިޚާބަކީ އަމާންކަމާއެކު ބޭއްވޭ އިންތިޚާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މައްސައްކަތެއް އިލެކްޝަންސަންސް ކުރާނެ ކަމަށެވެ.

"ރިޔާސީ އިންތިޚާބަކީ އަމާންކަމާއި އޮމާންކަމާ ސުލްހަވެރިކަމާ އެކީގައި ބޭއްވޭ އިންތިޚާބަކަށް ހެދުމަށް އިލެކްޝަން ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާމެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" ހަބީބު ވިދާޅުވިއެވެ.

މިއީ ހަތެއް އޯގަސްޓް 2008 ގައި ތަސްދީގު ކުރި އާ ގާނޫނު އަސާސީ އިން ގިނަ ޕާޓީތައް އެކުލެވޭ ނިޒާމު ތައާރަފުވެ، ގިނަ ކެންޑިޑޭޓުންނަށް ކުރިމަތިލެވޭ ގޮތަށް އިންތިޚާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އަހަރެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ފަސް ބޭފުޅުން ވާދަ ކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރައްވައެވެ.