ބްރެންޓްފޯޑްގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ރާޔާ، އާސެނަލާ ގުޅުމަށް އެއްބަސްވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކީޕަރު ރާޔާގެ ޓްރާންސްފާ ފުރިހަމަކުރުމަށް ބްރެންޓްފޯޑާއި އާސެނަލުން ވަނީ 30 މިލިއަން ޕައުންޑް (38 މިލިއަން ޑޮލަރު)ގެ އަގަށް އެއްބަސްވެފައެވެ. އަދި މިހާރު ރާޔާ ވެސް ވަނީ އާސެނަލާ ގުޅުމަށް އެއްބަސްވެ، މި ހަފުތާގެ ތެރޭގައި މެޑިކަލް ފުރިހަމަކުރުމަށްފަހު އެ ކްލަބަށް ސޮއިކުރާނެއެވެ.

ކީޕަރު ރާޔާ އާސެނަލާ ގުޅިއްޖެ ނަމަ، މިހާރު އެ ކްލަބުގެ ގޯލު ބަލަހައްޓަމުންދާ އިނގިރޭސި ކީޕަރު އާރޮން ރަމްސްޑޭލްގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދޭނެއެވެ. އާސެނަލަށް 30 މިލިއަން ޕައުންޑް (38.3 މިލިއަން ޑޮލަރު) އަށް 2021 ވަނަ އަހަރު ގުޅުނު ފަހުން ރަމްސްޑޭލް އަކީ އެ ކްލަބުގެ އެއް ނަމްބަރު ކީޕަރެވެ.

ސްޕެއިންގެ ބާސެލޯނާއަށް އުފަން ގޯލްކީޕަރު ރާޔާ މުޅިން ވެސް ފެނިގެންދިޔައީ އިނގިރޭސި ކްލަބުތަކުންނެވެ. ރާޔާގެ ކެރިއަރު 2014 ވަނަ އަހަރު ބްލެކްބާން ރޯވާސް އިން ފެނިގެންދިޔަ އިރު، އޭނާ ބްރެންޓްފޯޑާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އޭނާ ވަނީ ބްރެންޓްފޯޑް، ޕްރިމިއާ ލީގަށް ޕްރޮމޯޓުކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކޮށްފައެވެ.

ރާޔާ އަކީ ކުޅުމުގައި ވަރަށް ބޮޑަށް ބައިވެރިވާ ކީޕަރެކެވެ. އެހެންކަމުން އޭނާއަކީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބޭނުންކުރާ ކުޅުމުގެ ސްޓައިލާ ވަރަށް ގުޅޭނެ ކީޕަރެކެވެ.