09 Aug 2023, 21:25
ރާއްޖޭގެ ބޯޑާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިންޓަޕޯލްއިން ފޯރުކޮށްދޭ ތަޖުރިބާއާ ފަންނީ އެހީތެރިކަމަށް ޓަކައި އެ ޖަމުއިްޔާއަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރައްވައިފިއެވެ.
އިންޓަޕޯލް އިން ރާއްޖެއަށް ފޯރުކޮށްދޭ އެހިތެރިކަމަށް ޓަކައި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރެއްވީ އެ ޖަމުއިއްޔާގެ ސެކްރެޓަރީ ޖެނެރަލް، ޔާގަން ސްޓޮކް، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ އިންޓަޕޯލް އާއި ދިވެހި ސަރުކާރާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖޭގެ ބޯޑާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިންޓާޕޯލްއިން ފޯރުކޮށްދޭ ތަޖުރިބާއާ ފަންނީ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި އިންޓަޕޯލުން އެންމެ ފަހުން ކުރިއަށް ގެންދިޔަ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި، އެކި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މެންބަރު ގައުމުތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެބޭފުޅުންގެ ވަނީ މައުލޫމާތު ހިއްސާކުރުމާއި ތައުލީމާއި ތަމްރީނުދިނުން ފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އިންޓަޕޯލް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރީޖަނަލް ޕޮލިސް ޕާޓްނާޝިޕަށް ހިތްވަރުދެއްވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ ކުށްމަދުކުރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ދިވެހި ފުލުހުންނާއި ޤާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން ކުރަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އިންޓަޕޯލްއިން ލިބެމުންދާ އެއްބާރުލުމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.