ޕްރެމިއާ ލީގުގައި ނިއުކާސަލް އަތުން 2-0 އިން މެންޗެސްޓާ ސިޓީ މޮޅުވި މެޗަށް ފަހު ޔާޔާ ޓޯރޭ މޭން އޮފްދެ މެޗުގެ އިނާމް ގަބޫލު ނުކުރުމުން އެއިނާމް ބަދަލު ކުރަން ޕްރެމިއާ ލީގުން ނިންމައިފި އެވެ.

ސިޓީގެ ދެ ގޯލު ވެސް ޖަހައިދިނުމުން މެޗުގެ މޭން އޮފް ދެމެޗަކަށް ހޮވުނު ޔާޔާ ޓޯރޭ މޭން އޮފް ދަ މެޗުގެ އިނާމް ގަބޫލުނުކުރީ އެއީ ޝެމްޕޭންފުޅި އަކަށްވާތީ އެވެ. މިހެންވެ އޭނާ އެފުޅި ދިނީ ޓީމް މޭޓް ލެސްކޮޓަށެވެ.

"އަހަންނަކީ މުސްލިމެއް. އަލްކަހޯލް އަހަރުމެން ބޭނުންނުކުރަން،" ލެސްކޮޓްގާތު ޓޯރޭ ބުންޏެވެ. ކުރިން ބާސެލޯނާ އަށް ވެސް ކުޅުނު ޓޯރޭ އަކީ އައިވަރ ކޯސްޓަށް އުފަން މުސްލިމް ކުޅުންތެރިއެކެވެ.

މިހެންވެ ޕްރެމިއާ ލީގުން ބުނީ ދީނީ ހިލާފުތަކާހުރެ އިނގިރޭސި ޕްރެމިއާ ލީގުގެ މޭން އޮފްދަ މެޗުގެ އިނާމް ބަދަލު ކުރަން ނިންމައިފި ކަމަށާއި އެންމެނަށް ހަމަހަމަވާން ޖެހޭ ކަމަށެވެ.

މިހާދިސާވެސް ހިނގުމާއެކު ޕްރެމިއާ ލީގުން އިނާމް ބަދަލު ކުރަން ނިންމިއިރު ލީގުގައި 68 ގައުމެއްގެ ކުޅުންތެރިން ދަނީ ވާދަކުރަމުންނެވެ.

ސިޓީ މިވަގުތު އޮތީ ރޭގެ މޮޅާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. އެ ޓީމާ އެއް އަދަދަކަށް ޕޮއިންޓް ލިބުނު ނަމަވެސް ގޯލުގެ ތަފާތުން ދެވަނާގައި އޮތީ ދިފާއީ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑެވެ. އޭޝްލީ ޔަންގާއި ޕޯލް ސްކޯލްސްގެ ގޯލުތަކުން އެ ޓީމު ރޭ މޮޅުވީ ސްވަންސީ އަތުން 2-0 އިންނެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.