07 May 2012, 10:59
އީގަލްސް އަތުން 2-1 އިން އިއްޔެ ލިބުނު މޮޅަކީ ލީގުގެ ފުރަތަމަ ބުރުގައި ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒު (އިންމަ) ބުނެފި އެވެ.
"އަސްލު މިކާމިޔާބީގެ ސަބަބުން ކުޅުންތެރިންގެ މޯޓިވޭޝަން ވަރުގަދަވާނެ. މި މެޗަށް ނުކުތީ ވެސް މެޗު ގެންނަން. އެކަން ކާމިޔާބު މި ކުރެވުނީ،" އިންމަ ބުންޏެވެ.
އިއްޔެގެ މެޗުގައި މާޒިޔާގެ ދެ ގޯލު ވެސް ޖަހައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އެވެ. މި މޮޅާއެކު މާޒިޔާ އަށް ވަނީ ތިން މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު ބަލިވީ ފުރަތަމަ މެޗުގައި ވިކްޓަރީ އަތުންނެވެ. އީގަލްސް އަށް ލިބެނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމަށްވުރެ ހުރިހަ ގޮތަކުން ވެސް އިއްޔެ މޮޅީ މާޒިޔާ ކަމަށެވެ.
ކުރީ މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން މުހުތާރު ނަސީރު (ޓޫކިލޯ) ނެތި ކުޅެމުންދިޔަ އީގަލްސް އަށް އިއްޔެ ގޯލު ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން އައްސަދު އަބުދުލްގަނީ އެވެ. މި ޕެނަލްޓީ އަކީ މާޒިޔާގެ ކެޕްޓަން އަލީ ނިޔާޒު އީގްލްސް އަހުމަދު އިމާޒު ޕެނަލްޓީ އޭރިޔާ ތެރެއަށް ވައްޓާލުމުން ލިބުނު ޕެނަލްޓީ އެކެވެ. އަދި ރެފްރީ ވަނީ އަލީ ނިޔާޒަސް ރަތްކާޑު ދައްކައިފަ އެވެ. މިއީ ލީގުގައި ފެނިގެންދިޔަ ހަތަރުވަނަ ރަތްކާޑެވެ.