09 Aug 2023, 12:44
"ރައީސް ޔާމީން [މިނިވަން ކުރޭ]. ރައީސް ޔާމީން [މިނިވަން ކުރޭ]. ރައީސް ޔާމީން [މިނިވަން ކުރޭ]،"
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަރުއަޑުން ގޮވާލެއްވީ ޖަލަށްލާފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށެވެ. މިއީ، ސިޔާސީ ބޭފުޅުންގެ ނިފާގުކަން އެނބުރެމުން އެނބުރެމުން އައިސް، ޖެހިފައި އޮތް ހިސާބެވެ.
މިދިޔަ ސަރުކާރުގައި މާރިޗު، 13، 2015 ގައި، އޭރުގެ ސަރުކާރުން ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާތަކުގެ ހުކުމް އޮތް ރެއެވެ. ނަޝީދު އެންމެ ފަހު އާދޭހަކަށް ދެންނެވީ "ފުރާނަ އަތްމައްޗަށް" ލައިގެން ވެސް ޔާމީންގެ ސަރުކާރު ބަދަލު ކުރަން ނުކުންނާށެވެ.
"ދުނިޔެއަކަށް ލަދެއް ނެތި، އާހިރަތަކަށް ބިރުވެރިކަމެއް ނެތި ރިޝްވަތު ނަންގަވަމުން ބޭއިންސާފުވަމުން އެ ގެންދަވަނީ. އެކަމުގެ ސަބަބުން ތަރައްގީއަށް މި އަންނަނީ ހުރަސްއެޅެމުން،" ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި އަނިޔާވެރިކަން އިންތިހާއަށް ގޮސްފި ކަމަށާއި ވައްކަން ކުރުން ހަމައިން ނައްޓައިފި ކަމަށް ތުހުމަތު ކުރައްވައި، އެ ސަރުކާރު ބަދަލުކުރަން ނޫން ނަމަ "ޔާމީން ނޫން ގޮތެއް،" ހޯދަން ނުކުތް ބޭފުޅަކީ ނަޝީދެވެ. އެ މަނިކުފާނު ނުރުހުންވުމުން، ޔާމީނަށް ނުކުރައްވާ ތުހުމަތެއް ނެތެވެ. އެ ބޭފުޅުން އިސްވެ ތިއްބަވައިގެން އެތައް މަރެއްގެ ޒިންމާ ވެސް އެޅުއްވީ އޭރު ހުންނެވި ރައީސްގެ އިސްތަށިފުޅުގައެވެ. ގޭގޭ ސިޓިންރޫމުގައި ޓީވީ އަޅުވައިލަން ނުކުރޭހާ ހަޑިހުތުރު އެއްޗެއްސާއި ތުހުމަތުތައް ހަރުއަޑުން ގޮވިއެވެ.
ޔާމީން ޖަލަށްލާން ޖެހޭ ކަމަށާއި އެ މަނިކުފާނު އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލު ގޮޅީގައި ކަމަށް އެންމެ ބާރަށް ވިދާޅުވަމުން ގެންދެވީ ނަޝީދާއި އެ މަނިކުފާނަށް ވަފާތެރި މެންބަރުންނެވެ. ސިޔާސީ ގޮތުން ބޭނުންފުޅުވާ ކަންކަން ހާސިލު ކުރައްވަން ޖެހުމުން، ހަމައެއް ލަމައެއް ނޯވެއެވެ. އުސޫލެއް، ގޮތެއް ފޮތެއް ނޯވެއެވެ.
"ޔާމީން ނޫން ގޮތެއް،"
ވެރިކަމުގައި ޔާމީން ހުންނެވިއިރު، ނަޝީދު ބޭނުންފުޅުވީ "ޔާމީން ނޫން ގޮތެއް" ހޯއްދަވާށެވެ. އެ މަނިކުފާނު ރައްޔިތުންނާއި ޕާޓީތަކުގެ ލީޑަރުންނަށް ކުރައްވަނީ އަނިޔާ ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރެއްވިއެވެ.

15 ނޮވެންބަރު 2018 : ކޯލިޝަންގެ ލީޑަރުން ހޮޓަލް ޖެންގައި ބައްދަލު ކުރެއްވުމައް ފަހު މީޑިއާއަށް މައުލޫމާތު ދެއްވުމުގެ ތެރެއިން -- ސަން ފޮޓޯ : އަޙުމަދު އަވްޝަން އިލްޔާސް
އޭރުގެ ވެރިކަން ބަދަލުކުރަން އިދިކޮޅު އިއްތިހާދެއް އެކުލަވައިލަން އެންމެ ފުރަތަމަ މަސައްކަތް ފެއްޓެވީ ވެސް ނަޝީދެވެ. އެ ސަރުކާރުން ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމަށް ފަހު، އަމިއްލަފުޅަށް ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނަވައި އެ މަނިކުފާނު ވިދާޅުވީ ޔާމީން މަގާމުން އަޒުލު ކުރުން ނޫން އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އެހެންވެ، އޭރު އޮތް ޔާމީންގެ ވެރިކަން ބަދަލުކުރަން، 'ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ' ބޮޑު އިއްތިހާދެއް އެކުލަވައިލުމުގެ މުގުލުގައި ހުންނެވީ ނަޝީދެވެ. ސިޔާސީ މަޝްވަރާތައް ކުރައްވަމުން ގެންދެވީ ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނަވައިގެންނެވެ.
ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އަދި ނަޝީދުގެ މުޅި ސިޔާސީ ހަޔާތް އެ ބޭފުޅަކާ ދެކޮޅަށް ބިނާ ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ވެސް ބަޔަތު ހިއްޕެވިއެވެ. އަންނިގެ ނަމުން ސިޔާސީ ކަންކަމުގައި މަޝްހޫރުކަން ހޯދި ނަޝީދުގެ މުޅި ސިޔާސީ ކުރިމަގު ބައްޓަންވީ "މައުމޫނާ ދެކޮޅަށް" ކުރެއްވި މަސައްކަތަށެވެ. އެ މަނިކުފާނު އެ ހުރިހާ ގޮތެއް ދޫކުރައްވައި، މައުމޫނާ ވެސް ބަޔަތު ހިއްޕަވައިގެން ނުކުންނެވީ "ޔާމީން ނޫން ގޮތެއް،" ހޯއްދަވާށެވެ.
މިދިޔަ 2017 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު، ކުނޫޒުގައި އިއްވި ނަޝީދުގެ މެސެޖެއްގައި އެ މަނިކުފާނު ވިދާޅުވީ، ޕާޓީތައް ގުޅިގެން ދިވެހީންނަށް ރާއްޖެ އަނބުރާ ހޯދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ކަންކަމުން އަރައިގަންނަން އެބަޖެހޭ، މިއަދު ގައުމީ އެއްބައިވަންތަކަން ފާހަގަކުރާ މި ދުވަހުގައި އަޅުގަނޑުމެންގެ އެންމެންގެ ވެސް ވާޖިބަކީ އެއްބައިވުން، ވާދަވެރި ސިޔާސީ ފަރާތްތައް މިވަނީ އެކުވެރި ކަމުގެ ކަމަރަކުން ބަނދެވިފައި، އަޅުގަނޑުމެންގެ އަމާޒަކީ ހެޔޮ ގޮތް ހޯދައިދިނުން، އަޅުގަނޑުމެންގެ ބޭނުމަކީ ދިވެހިންނަށް ދިވެހިންގެ ހައްގު މިންވަރު ހޯދައިދިނުން،" ނަޝީދު އެ ދުވަހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ރައީސް ޔާމީން ބަލިކުރުން، އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން، އިރާދަކުރެއްވިއްޔާ މި ދިވެހިރާއްޖެ ގެއްލުނަކަ އަޅުގަނޑުމެން ނުދޭނަން، އަޅުގަނޑުމެން ދިވެހިރާއްޖެ ހޯދާނަން، ދިވެހިންނަށް ދިވެހިރާއްޖެ ލިބޭނެ،"
އެހެންވެ، އެ ސަރުކާރު ބަލި ކުރަން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވީ އެއް ކެންޑިޑޭޓަކު ނެރޭށެވެ. އެންމެން ރުހޭ ކެންޑިޑޭޓެއް ގޮވައިގެން ނުކުމެ، "ޔާމީން ނޫން ގޮތެއް" ހޯދަން މަސައްކަތް ކުރާށެވެ.
އެކަން ކާމިޔާބު ވެސް ކުރެއްވިއެވެ. އިދިކޮޅު އިއްތިހާދުން ނެރުނު ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، 2018 ވަނަ އަހަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ. އެ ހިސާބުން އެނބުރި ގައުމަށް ވަޑައިގެން ވިދާޅުވީ، ހުންނަވާނީ އެ މަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި، ހިޔާނާތުގެ މައްސަލައިގައި ދައުވާކޮށް، ޔާމީން ޖަލަށްލާން އެންމެ ބޮޑަށް ގޮވާލަމުން ގެންދެވީ ނަޝީދެވެ.
ވެރިކަން ބޭނުންވެ، އެމްޑީޕީއާ ދުރަށް ދިއުން
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ނުކުންނަވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފުގެ ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މިދިޔަ 2018 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހު، ނަޝީދު ވިދާޅުވީ ރައީސް ޞާލިޙްގެ ފަހަތްޕުޅުގައި ހުންނެވުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
"ރައްޔިތުން އެދޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުން އެއީ މި ޕާޓީގެ އެންމެ ބޮޑު ވާޖިބު. އެ ކަމަށް ކުރާން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން. އެ މަސްއޫލިއްޔަތު އަދާކުރެވޭނެ ފަހަތުގައި ތިބެގެން ވެސް. ކުރިއަށް އަރާކަށް ނުޖެހޭ. އަޅުގަނޑުގެ ޒަމާންވީ ރަހުމަތްތެރިޔާ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ފަހަތުގައި ހުންނަނީ ފަހުރުވެރި ކަމާ އެކު. ވަކި އެއަށް ވުރެ ބޮޑު ފަހުރެއް އަޅުގަނޑުގެ ހަޔާތުގައި ނުލިބޭ،" ނަޝީދު އެ ދުވަހު ވިދާޅުވިއެވެ.
އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދިޔައިރު އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލު ވެއްޖެއެވެ. މަޑުމަޑުން ނިޒާމުގެ ވާހަކަދައްކަވާން ފައްޓަވައިފިއެވެ.
ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި އިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަޖިލީހަށް ހޮވިވަޑައިގަތުމަށް ފަހު، މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވަން ވެސް ކުޅުއްވީ ޑްރާމާއެކެވެ. އެ މަގާމަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރައީސް ކަމަށް ގެނައުމަށެވެ. އެކަމަކު، ނަޝީދު ނުކުންނަވާ ކެމްޕޭން ފެއްޓެވީ، އެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެނައުމަށެވެ. މުޅި ޕާޓީ ތެރޭގައި ހެޔޮވަރުގެ ފިތުނައެއް އުފެއްދީއެވެ.
އެއަށް ފަހުގައި، އެންމެން އެއްބަސްވެވޭ ގޮތް ކަމަށް ހައްދަވާފައި، މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއަށް އެ މަނިކުފާނު އަމިއްލަފުޅަށް އެރުއްވީއެވެ.
މަޖިލީހަށް ކުރިމަތިލެއްވި އިރު ވެސް، ނަޝީދުގެ ވިސްނުންފުޅަކީ ބަރުލަމާނީ ނިޒާމަކަށް ފޮރުޅާލުން ކަމަށް އަޑުތައް ފެތުރުނެވެ. އެކަމަކު، ސީދާ ގޮތެއްގައި އެ ވާހަކަތަކެއް ނުދައްކަވައެވެ. އިންތިޚާބު ނިމެންދެން ހުންނެވިއެވެ. އެކަމަކު، އިންތިޚާބަށް ފަހު އޭޕްރީލް އަށެއް، 2019 ގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ފޮރުޅާލަން ބޭނުންފުޅުވާ ކަމަށެވެ. އެކަމަކު، އެ ކަން ކުރައްވާނީ ރައީސް ޞާލިޙްގެ ރުހުމާ އެކު ކަމަށް ވިދާޅުވިއެވެ.
"ރައީސަށް އުނދަގޫފުޅުވާ ގޮތަކަށް އަޅުގަނޑެއް އެކަހަލަ ކަމެއް ކުރާކަށް ދުވަހަކު ވެސް ނޫޅޭނަން، އެއީ އަޅުގަނޑުމެން މިހާރު ވެރިކަމުގައި މި ތިބީ، އެއީ ރައިސުލްޖުމްހޫރިއްޔާއަކީ ވެސް އެމްޑީޕީ، ރައްޔިތުންގެ މަޖިލީހަކީ ވެސް އެމްޑީޕީ. މި ވަގުތަށް ބަލާއިރުގަ އަޅުގަނޑުމެންނަށް އޭގެންވާ އުނދަގުލެއް ނެތް،" އެ ދުވަހު ނަޝީދު ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑު އަދިވެސް ދެކެނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމޭ، އެ ނިޒާމް އަޅުގަނޑުމެންގެ ތެރެއަށް ތައާރަފުވެގެން އަންނަ ޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި ޕާޓީގެ ކޮންގްރެސްގައި ވެސް ގުނަވަންތަކުގައި ވެސް މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް އައިސް ފެންނަ ނުފެންނަ ވޯޓެއް ނެގިގެން، މިއީ ވަރަށް ދިގު މަސައްކަތެއް. މިއިން އެއްވެސް މަސައްކަތެއް ފަށައިގަންނަން ވެސް ޖެހެނީ ރައީސްގެ އިޒްނަ ވެސް ރުހުން ވެސް ހިތް ވެސް އޮވެގެން،"

އެމްޑީޕީގައި ހުންނެވިއިރު ނަޝީދު، ރައީސް ޞާލިޙާ އެކު ކެމްޕޭން ޖަލްސާއެއްގައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ފަހުން، އެ ހުރިހާ މައްޒަރެއް ބަދަލުވީއެވެ. ނުރުހުންވަމުން ނުރުހުންވަމުން ގޮސް، ދެން ނުހުންނެވިގެން ނިޒާމު ބަދަލު ކޮށްދޭން ރައީސް އަރިހުން ދެންނެވީއެވެ. އެ ކަން ކާމިޔާބު ނުވުމުން، ދެން ނުކުންނަވާފައި، މާ ކުރިން އޮންނާނީ ނިޒާމު ފުރޮޅާލަން އެއްބަސްވެފައޭ ވެސް ދެންނެވީއެވެ.
ނިޒާމީ މައްސަލަ ބޮޑުވެ، ދެ ރައީސުންގެ ގުޅުން ގޯސްވަމުން ދިޔައީ މަޑުމަޑުންނެވެ. ކުނި ޖެހެމުން ކުނި ޖެހެމުން ގޮސް، މި ޖެނުއަރީ މަހު އޮތް އެމްޑީޕީގެ ޕްރައިމަރީއާ ހިސާބަށް އައިއިރު، ދެ ބޭފުޅުން ތިއްބެވީ ހަތުރުންނަށް ވެފައެވެ. މި ސަރުކާރުން ކުރާ އެއްވެސް ކަމެއް ނަޝީދަށް ކަމަކު ނުދެއެވެ. އެހާ ބުރަ މަސައްކަތުން، އެހާ ބޮޑަށް ކޯފާވާ، ބޭފުޅުންނާ އެކު ބަޔަތު ހިއްޕަވައިގެން ގެނައި ވެރިކަން "މާ ގޯސް" ކަމަށް ވިދާޅުވެ، ނުކުންނެވީއެވެ.
އެކަމަކު، ޕްރައިމަރީން ނާކާމިޔާބުވީއެވެ. އެ ހިސާބުން އަނެއްކާ ވެސް ފަހަތަށް ޖެހުނެވެ. ނަމަވެސް ދެން ނުކުންނަވާފައި ތަފާތު ތުހުމަތުތައް ކުރައްވައި، ރައީސް ޞާލިޙަށް ތާއީދުކޮށް، ބަލި ގަބޫލުކުރަން ދެކޮޅު ހެއްދެވީއެވެ.
އެ ގުޅުން ގޯސްވެ، މޭ ހައެއް 2021 ގައި ދިން ބޮމުގެ ހަމަލާއަކީ ވެސް ސަރުކާރުން ކުރި ކަމެއް ގޮތުގައި ސިފަ ކުރެއްވިއެވެ. އެންމެ ފަހުން، ރައީސާ މެދު އޮތް ނަފުރަތު ބޮޑުވަމުން ގޮސް އެހާ ލޯބިން އުޅުނު އެމްޑީޕީ ވެސް ގޯސްވީއެވެ. ހުތުރުހާ ތުހުމަތުތައް ރައީސަށް ކުރެއްވިއެވެ. "ރައްޓެހިވެގެން އުޅުނީ ކުލައަކާއި ލޯގޯއަކާ ނޫން" ކަމަށް ވިދާޅުވެ، އެ ޕާޓީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދެވީއެވެ.
ޕްރައިމަރީގެ ނަތީޖާ ވެސް ގަބޫލުފުޅު ނުކުރައްވާ، ޑިމޮކްރެޓްސްއިން ވަކި ކެންޑިޑޭޓަކު ނެރެގެން ނުކުންނަވައިގެން މިހާރު އެ އުޅުއްވަނީ ރިޔާސީ ކެމްޕޭންގައެވެ.
"އިބޫ ނޫން ގޮތެއް،"
ވެރިކަމާއި ނިޒާމާއި ބާރުވެރިކަމުގެ މައްސަލަތަކާއި ކުރެއްވި ހުތުރުހާ ޒާތުގެ ތުހުމަތުތަކަށް ފަހު، މިހާރު ނަޝީދު ބޭނުންފުޅީ އެންމެ ކަމެކެވެ. އެއީ، އެންމެ ގާތް އެކުވެރިޔާ، ރައީސް ޞާލިޙް ވެރިކަމުން ބޭލުމެވެ. މިހާރު އެ މަނިކުފާނާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަނީ ބޭނުންވަނީ "އިބޫ ނޫން ގޮތެއް،" ކަމަށެވެ. މިދިޔަ އިންތިޚާބުގައި "ޔާމީން ނޫން ގޮތެއް،" ހޯއްދަވަން އުޅުއްވީ ފަދައިންނެވެ.
އެ މަސައްކަތް ކުރައްވަން އަނެއްކާ ވެސް އިދިކޮޅު އިއްތިހާދެއް އެކުލަވައިލަން ލައްކަ މަސައްކަތް ކުރެއްވިއެވެ. ގާސިމް ކައިރިއަށް ސަން އައިލެންޑަށް ވެސް ވިއްސަކަށް ފަހަރު ވަޑައިގަތެވެ. ޔާމީންގެ ޕީޕީއެމާ އެކު ވެސް މަޝްވަރާތައް ކުރެއްވިއެވެ.

ގާސިމް އިބްރާހިމާއި ރައީސް މުޙައްމަދު ނަޝީދާއި ކާނަލް މުޙައްމަދު ނާޒިމް، ކުނޫޒުރުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރެއްވުން--
އެންމެ ފަހުން ނުހުންނެވިގެން، "އަޅުގަނޑާއި ޔާމީނާ ދެ ބޭފުޅުން ވެސް ވާދަ ނުކުރައްވާ،" ނެރެންވީ "ކޮމަން ކެންޑިޑޭޓެއް،" ކަމަށް މި ފަހަރު ވެސް ވިދާޅުވިއެވެ. އެ މޭރުމުން މަސައްކަތް ވެސް ކުރެއްވިއެވެ.
އެންމެ ނުރުހުންވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާ އެކު ވެސް މަޝްވަރާ ކުރެއްވިއެވެ. ނާޒިމާއި ގާސިމާ އެކު ނުކުންނަވާ، އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެވިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ. ތަކުރާރުކޮށް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މަސައްކަތް ކުރެއްވީ އިދިކޮޅު އިއްތިހާދެއް އެކުލަވައިލާ "އިބޫ ނޫން ގޮތެއް،" ހޯދަން ނުކުންނާށެވެ. އެކަމަކު، ޔާމީން ޖަލުގައި ހުންނެވުމާ އެކު ޕީޕީއެމާ އެކު ކުރި މަޝްވަރާތައް ކޮޅެއްގައި ނުޖެހުނެވެ.
އެހެންވެ، އެންމެ ފަހުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ޓިކެޓު އަރުއްވައިގެން ނުކުންނެވީ ކެމްޕޭނަށެވެ. އެކަމަކު، ނަޝީދުގެ އަރިސް ބޭފުޅުންނާއި އެ މަނިކުފާނު ދައްކަވަނީ އެންމެ ވާހަކައެކެވެ. "އިބޫ ނޫން ގޮތެއް،" ކަމަށް ވިދާޅުވެއެވެ. މައިގަނޑު ކެމްޕޭނަކީ އެއީއެވެ.
އެންމެ ފަހުން، ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ނަޝީދު ހަރުއަޑުން އެ ގޮވާލެއްވީ ޔާމީން މިނިވަން ކުރާށެވެ. އަދި، އެ މަސައްކަތުގައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
"ރައީސް ޔާމިން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން، އިރާދަކުރެއްވިއްޔާ ދެން ޔާމީން މާ ގިނަ ދުވަހަކު ޖަލުގައި ނުހުންނާނެ،" ޔާމީން ދޫކޮށްލަން ހަރު އަޑުން ގޮވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ރަހުމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން. އަޅުގަނޑުމެން އިހުތިޖާޖުގައި ވެސް ބައިވެރިވާނަން. ބައިނަލްއަޤްވާމީ ފަރާތްތަކާ އެކުގައި ވާހަކަ ދައްކަން ވެސް ދާނެ. އެކިއެކި ބައިނަލްއަޤްވާމީ ވަކީލުން ރާއްޖެ އައިސް ވަކާލާތު ވެސް ކުރައްވާނެ،"
މި އިންތިޚާބުގެ ދެވަނަ ބުރެއްގައި ވެސް އެމްޑީޕީއަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަރުއްވާނީ ޕީޕީއެމްގެ ފަހަތަށް ކަމުގެ އިޝާރާތެއް ވެސް ދެއްވިއެވެ. މިހާރު އެ ހުންނެވީ، މި ވެރިކަން ބަދަލު ކުރާށެވެ. މި ނޫން ކޮންމެ ގޮތެއް ވަރިހަމައެވެ.
ހަގީގަތުގައި ބޭނުންފުޅުވީ "ޔާމީން ނޫން ގޮތެއް" ވެސް ނޫނެވެ. އަދި، އަމުދަކުން މިހާރު ބޭނުންފުޅީ "އިބޫ ނޫން ގޮތެއް،" ވެސް ނޫނެވެ. ބޭނުންފުޅީ ވެރިކަމެވެ. އެކަމަކު، ވެރިއެއްގެ ވިއްޔާ ގޮތެއް ހުންނަން ވާނެއެވެ. އުސޫލެއް، ހަމައެއް ލަމައެއް އޮންނަން ވާނެއެވެ. ގޮތެއްފޮތެއް ހުންނަން ވާނެއެވެ.