ކައިވެނި ކޮށްގެން އުޅޭތާ 42 އަހަރުވެފައިވާ އަނބިކަނބަލުން ގޮވައިގެން ރިޔާސީ އިންތިޚާބަށް ނުކުތީ، ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ދޭތެރޭ މާޔޫސް ވެގެން ކަމަށް، އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލް، މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގައި ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ހުންނެވި ޒަމީލް، މަގާމުން އިސްތިއުފާ ދެއްވައި ވެރިކަމަށް ކުރިމަތިލުން ގިނަ ބަޔަކަށްވީ ހައިރާންކަން ލިބުނު ކަމަކަށެވެ. އަދި އެންމެ ގިނަ މީހުންނަށް އަޅައިގަތް އެއް ކަމަކީ އޭނާގެ ރަނިންމޭޓަކަށް އަނބިކަނބަލުން މަރިޔަމް އަލީމް ހަމަޖައްސައި، އިންތިޚާބީ އެޖެންޓަކަށް ދަރިކަލުން ހަމަޖެއްސުމުންނެވެ.

ގިނަ ބަޔަކު މިކަން ޖޯކަކަށް ނެގިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރަން އިދާރީ ފީއެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދައްކަން ޖެހޭއިރު މިއީ ކީއްކުރަން ކުރި ކަމެއްތޯ ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ސުވާލު އުފެއްދިއެވެ. ޒަމީލްއާ "ސަން" އިން ސުވާލު ކުރުމުން މި ވަނީ އެ ތަފްސީލުތައް ދެއްވާފައެވެ.

ޒަމީލްއާއި އަނބިކަނބަލުން ފޯމް ހުށަހެޅުއްވުމަށް ދަރުބާރުގޭގައި-- ސަން ފޮޓޯ: އަޙްމަދު އާޒިފް

އޭނާ ވިދާޅުވީ އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގެ ސިޔާސީ މަޝްރަހުން ހެޔޮބަދަލުތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. ނަމަވެސް އޭގެ ފަހުން 15 އަހަރު ވެފައިވާއިރު އަދި ހަތަރު ބޭފުޅުން ވެރިކަން ކޮށްފައިވާއިރު ސިޔާސީ ގޮތުން އޭނާ ކުރި އުއްމީދުތައް ފުނޑުފުނޑުވެފައިވާ ކަމަށެވެ.

"މިކަންކަމާ ވަރަށް ބޮޑަށް ނާއުއްމީދު ވެގެން އަޅުގަނޑު ހުންނަން ބޭނުންނުވަނީ އެބޭފުޅުންނަށް ތާއީދު ކުރާ ނުވަތަ ވާގިވެރިވާ މީހެއްގެ ގޮތުގައި... އެހެންވެ އިސްތިއުފާ ދީފައި މި ނުކުތީ،" ޒަމީލް ވިދާޅުވިއެވެ.

ޒަމީލްގެ ކަންބޮޑުވުންތަކުގެ ތެރޭގައި ކޮރަޕްޝަން ދުވަހުން ދުވަހަށް އިތުރުވުމާއި ނާއިންސާފަށް ހައްލު ނުލިބުން ހިމެނެއެވެ. އަދި ރައްޔިތުން އުޅެމުން އަންނަ ދަތި ދިރިއުޅުމަކީ ދިވެހީން އުޅެން ޖެހޭނެ ހާލު ކަމަށް އޭނާ ގަބޫލެއް ނުކުރައްވައެވެ. ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައިސް އެބޭފުޅުންގެ އަރިސް މީހުންނަށް ކަންކަން ކޮށްދީފައި ގައުމަށް ކޮށްދޭ ޚިދުމަތެއް ނެތް ކަމަށް ޒަމީލް ވިދާޅުވިއެވެ.

މި ރިޔާސީ އިންތިޚާބުގައި ދެން ވާދަ ކުރައްވަނީ ސިޔާސީ ގޮތުންނާއި މާލީގޮތުން ވެސް ވަރަށް ތަނަވަސް ބޭފުޅުންނެވެ. އެ ބޭބޭފުޅުންގެ ފަހަތުގައި އެތައް ހާސް ސަޕޯޓަރުންނަކާއި ލީޑާޝިޕެއް އެބައޮތެވެ. ޒަމީލް ވިދާޅުވިގޮތުގައި ވިޔަފާރިއެއް ނުކުރާތީއާއެކު އޭނާގެ އަތުގައި މާބޮޑު މާލީ ތަނަވަސްކަމެއް ނެތެވެ. ކެމްޕެއިންކޮށް މީހުން ހޯދައި ހެދުމަށް މާބޮޑު ހޭދައެއް ވެސް ކުރެވޭކަށް ނެތެވެ. ނަމަވެސް އޭނާ ދައްކާ ވާހަކަ ރައްޔިތުންނާ ހަމައަށް ގޮސްފިނަމަ ތާއީދު ލިބި ވެރިކަން ލިބޭނެ ކަމަށް ޒަމީލް އުއްމީދު ކުރައްވައެވެ.

"ކޮންމެހެން ވެރިކަން ލިބޭނެ ކަމަކަށް ނޫން. އެކަމަކު ވެރިކަން ލިބިއްޖެ ނަމަ އަޅުގަނޑަކީ މިނިވަން ކެންޑިޑޭޓެއްވީމައި އަޅުގަނޑަކީ އެއްވެސް ނުފޫޒެއް ނެތް މީހެއް. އަޅުގަނޑުގެ މައްޗަކަށް އެއްވެސް މީހެއްގެ ނުފޫޒެއް ނެތް... މިކަން ކާމިޔާބު ވިޔަސް ނުވިޔަސް އަޅުގަނޑު ބޭނުންވީ އަޅުގަނޑު މިދައްކާ ވާހަކަ. ކަންތައްތައް މިދަނީ ރަނގަޅަށް ނޫންކަން އަންގަން." ޒަމީލް ވިދާޅުވިއެވެ.

ކިތަންމެ ވަރުގަދަ ބޭފުޅުންތަކަކާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ޖެހުނު ނަމަވެސް އިންތިޚާބު ކާމިޔާބު ވުމުގެ ފުރުސަތު އެބައޮތް ކަމަށް ޒަމީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މާތް ﷲ އިރާދަކުރައްވައިފިނަމަ ހީވެސް ނުކުރާ ގޮތަށް އެ ފުރުސަތު ލިބިދާނެއެވެ.

ރަނިންމޭޓަކަށް އަންހެނުން ނެގީ އިތުބާރު ކުރެވޭތީ

ޒަމީލާއި މަރިޔަމްގެ ކައިވެންޏަށް 42 އަހަރުވެފައިވާއިރު ދެ ދަރިން ވަނީ ލިބިފައެވެ. އަދި ދެ ކާފަ ދަރިންވެސް މިހާރު އެބަތިއްބެވެ. ޒަމީލް ވެރިކަމަށް ކުރިމަތިލާފައި މިވަނީ އާއިލާގެ ބޮޑު ހިއްސާއަކާއެކުއެވެ. ރަނިންމޭޓަކަށް އަނބިމީހާ ހަމަޖެއްސުމަކީ ދުނިޔޭގެ ނިސްބަތުން ވެސް އާއްމު ކަމެއް ނޫނެވެ. އަދި އެއީ ރާއްޖޭގައި ކުރިން ހިނގާފައި އޮތް ކަމެއް ވެސް ނޫނެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޒަމީލް ވިދާޅުވީ އޭނާ ވެރިކަން ކުރާއިރު އެންމެ ގާތުގައި ހުންނަން ވާނީ ވަރަށް އިތުބާރު ކުރެވޭ މީހެއް ކަމަށެވެ. އޭނާއަށް އެންމެ އިތުބާރު ކުރެވޭ އެކަކީ އަނބިކަނބަލުން ކަމަށް ވާތީ އެ ފުރުސަތު އޭނާއަށް ދިނީ ކަމަށް ޒަމީލް ވިދާޅުވިއެވެ.

"ކިތަންމެ ރަނގަޅު ގާބިލް މީހުން ވެސް އެބަތިބި ދެއްތޯ؟ އެކަމަކު އެކަހަލަ މީހަކު ލުމަށް ވުރެން އަޅުގަނޑަށް މަސައްކަތް ކުރަން ވެސް ފަސޭހަ ވާނެ. އަޅުގަނޑަށް ކާމިޔާބުވެއްޖެ ކަމަށް ވާނަމަ ރާއްޖޭގައި ވެސް ތަޖުރިބާ ހުރި މީހުންނާއި ތައުލީމް ހުރި މީހުން އެބަތިބި. އެހެންވީމައި [އެހެން މަގާމުތަކަށް] މުސާރަ ދީފައި ވަޒީފާ ދިނީމައި މީހުން ހޯދިދާނެ،" ޒަމީލް ވިދާޅުވިއެވެ.

ޒަމީލްގެ ރަނިންމޭޓަކަށް އައްޔަން ކޮށްފައިވާ މަރިޔަމް ވަނީ އެޓޯލްސް މިނިސްޓްރީގައި 21 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި 11 އަހަރު ހިދުމަތް ކުރެއްވިއެވެ.

ގިނަ ދިވެހީން މިހާރު އުޅެމުން އަންނަ ދަތިހާލުން ސަލާމަތް ކުރުމަށް އޭނާގެ ވިސްނުންތަކެއް އެބަހުރި ކަމަށް ޒަމީލް ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، އެންމެ ކުޑަ އުޖޫރައަކީ 20000 ނުވަތަ 25000 ރުފިޔާ ކަމަށް ހެދޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. އަދި ރާއްޖޭގެ އިގްތިސާދު ވަރުގަދަ ކުރުމަށްޓަކައި އާބާދީ އިތުރު ކުރުމަށް، ގޭގައި ކުދިން ބަލަން އިންނަ ބެލެނިވެރިޔާއަށް ވެސް ރަނގަޅު އެލަވަންސެއް ހަމަޖެއްސުމަކީ އޭނާގެ އަމާޒު ކަމަށް ޒަމީލް ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ޒަމީލް، ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު އޭނާއަކީ އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވާ މީހެއް ކަމަށް އެ ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ.