09 Aug 2023, 10:52
ސަރުކާރުގެ ޚަރަދުގައި ލޯނު ނަގައިގެން ކިޔަވާ ދަރިވަރުން ގައުމަށް ޚިދުމަތް ކުރާ މިންވަރު ބަލައި, ވަކި އަދަދަކަށް ލޯން މައާފުކޮށްދޭނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ގދ. ވާދޫގައި އޮތް ޖަލްސާގައި ތައުލީމީ ސިޔާސަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ ތައުލީމީ ވިސްނުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.
އެގޮތުން ތައުލީމީ ދާއިރާ ކުރިއަރުވައި މީހުން ބިނާކުރަން ކުރިއަށް އޮތް ފަސް އަހަރުގައި ވެސް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތައުލީމްގެ ފުރުސަތު ފަހިކޮށްދިނުމަށް މުޅި ދުނިޔެއަށް ހުޅުވައިލެވިގެން ސްކޮލަޝިޕާއި ކޯސްތައް ފަހިކޮށްދެއްވާނެކަމަށެވެ.
މީގެ އިތުރުން ކޯސްތަކަކީ އެ މީހެއްގެ ގާބިލްކަމާއި ފޯރުންތެރިކަމާ އެއްވަރަަށް ބައިވެރިވެވޭ ޕްރޮގްރާމްތަކަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯނު މައާފްކޮށްދިނުމުގައި ގައުމަށް ޚިދުމަތް ކުރާ މިންވަރު ބަލާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ދައުލަތަށް ޚިދުމަތްކުރުމުގެ މިންވަރު ބެލުމަށްފަހު އަނބުރާ ދައްކަން އޮންނަ މިންވަރެއް މައާފުކުރެވޭ އުސޫލަކަށް ހެދިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ސްޓޫޑަންޓް ލޯނު ދައްކަން އޮންނަ ގްރޭސް ޕީރިއަޑް ވެސް ހަ މަސް ދުވަހަށްވުރެ އިތުރުކޮށްދެއްވާނެކަމަށެވެ.
އެކަމުގެ ބޭނުމަކީ އާމްދަނީ ހޯދޭނެ ފަދަ މަސައްކަތެއް ހޯދޭނެ މުއްދަތު ދިނުންކަމަށް ރައީސް ވިދާޅުވިއެވެ.
"އެގޮތުން ތައުލީމީ ދާއިރާގެ ކަންތައްތައް ކުރުމަށް ޓަކައި އަޅުގަނޑުމެންގެ ވައުދުތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެ ވައުދުތަކަކީ:
ލޭންޑް ޔޫސް ޕްލޭންތައް ހަދާއިރު އެ ތަނަށް އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ބެލުން. ރައީސް ވިދާޅުވީ އޭރުން އެކި ދާއިރާތަކަށް ބޭނުންވާ މީހުންގެ އަދަދު ދެނެގަނެ ތަމްރީނު ދޭން ފަސޭހަވާނެކަމަށް.
- އެޑިއުކޭޝަނަލް ޓޫރިޒަމަށް ފަހިކުރުން
- ދުނިޔޭގެ ނަން މަޝްހޫރު ހޮސްޕިޓަލިޓީ ސްކޫލެއްގެ ކެމްޕަސް ރާއްޖޭގައި ގާއިމްކުރުން
- 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ކެރިއާ ގައިޑެންސް ސެޝަން ތައާރަފުކުރުން
- އޯޝަން ބޭސްޑް ސައިންސްގެ ދިރާސާތަކަށް މަގުބޫލު ގައުމަކަށް ރާއްޖެ ހެދުން
އެ މަނިކުފާނު ވިދާޅުވީ މި ހުރިހާ ކަންތައްތަކަކީ ވެސް އުފާވެރި ދިރިއުޅުމަކަށް މުހިންމު ކަންތައްތަކެއް ކަމަށެވެ.