ސ. ގަން އެއާޕޯޓް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ގަން އެއާޕޯޓް މިހާރު އޮޕަރޭޓް ކުރަމުން އަންނަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ކުންފުނިން މިދިޔަ މަހުގެ 28 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓްގައި އާންމު ކުރި އިއުލާނެއްގައި ބުނަނީ ޗޮއިންޓް ވެންޗާ އުސޫލުން ގަން އެއާޕޯޓް ތަރައްގީކުރަން ކުންފުންޏަކުން ރަންވޭ އާއި އޭޕްރޮންއަށް ބައެއް އިތުރުކޮށް އަދި ރިހިބިލިޓޭޝަން ޕްރޮޖެކްޓްގެ މަސައްކަތް ވެސް ކުރަން ޖެހޭނެ ކަމަށެވެ. އަދި ގަން އެއާޕޯޓާއި ގުޅުން ހުރި އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތްވެސް ޖޮއިންޓް ވެންޗާ އުސޫލުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ގަން އެއާޕޯޓް ކުންފުނިން ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކުންފުނިތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ ގަމުގެ މަޝްރޫއަށް އޭޝީއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިތުރު ބޭންކް ތަކުގެ ފައިނޭންސް ލިބޭނޭ ކަމަށެވެ.