07 Aug 2010, 14:53
19:54
ތިން ފަހަރަށް ފަސްކުރުމަށް ފަހު އެންމެ ފަހުން ޖަލްސާ ކެންސަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ޤާނޫނު އަސާސީގައިވާ ގޮތުގެމަތިން އިންތިޤާލީ މަރުޙަލާގައި ނިންމަންހުރި ކަންތައްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން މިއަދުގެ ނިޔަލަށް ނިންމެން ހުރި ކަންކަން ނިންމުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް، މިއަދު ބޭއްވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރެއްވި ކަމަށެވެ. ނަމަވެސް މިރޭ 8 ޖެހުމާ ހަމައަށް އައިއިރުވެސް އެކަމާ ގުޅޭ ގޮތުން އަލިމަގެއް ފެނިފައިނުވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެފައިވެ އެވެ.
"ހިތާމައާ އެކު، ދަންނަވާލަން ޖެހެނީ، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާމެދު، އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް އެއްވެސް އަލިމަގެއް މިވަގުތާހަމައަށް އައިއިރުވެސް ފެނިފައެއްނުވޭ" އެ ބަޔާނުގައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައިވާ ޚިޔާލުތަފާތުވުންތައް ނައްތާލެވިގެންނޫނީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިއުމުގެ ފުރުޞަތު އޮތްކަމަށް ނުފެންނަކަމަށް ޕާޓީތަކުގެ ލީޑަރުން މަޝްވަރާދެއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި މިއަދު ހެނދުނު 9:00 ން ފެށިގެން ޖަލްސާ ލަސްވަމުންގޮސް މިރޭގެ 8:00 ގައި ފަށާގޮތަށް ހަމަޖެއްސި ޖަލްސާ ކުރިއަށް ގެންދެވޭނެކަމަށް ނުފެންނަކަމަށް ޕާޓީތަކުން ލަފާ ދެއްވާފައި ވާތީ، ޖަލްސާ ކެންސަލްކުރީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.