09 Aug 2023, 00:11
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ކެމްޕެއިނުގައި ގދ. މަޑަވެއްޔަށް ވަޑައިގެން ކެމްޕެއިން ކުރުމުގެ ގޮތުން ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ސަރަޙައްދުގައި އަލިފާންޖަހާ އެތަނުގައި ހުރި މުދަލާއި ތަކެއްޗަށް ގެއްލުން ދީފައިވާތީ އެމްޑީއޭ އިން އެކަން ކުށްވެރިކޮށްފައެވެ.
ގދ. މަޑަވެއްޔަށް މިއަދު ހެނދުނު ރައީސް ވަޑައިގަންނަވާތީ އެ ރަށުގައި ޖަގަހަ ޖަލްސާއެއް ބާއްވަން އޮތީ ތައްޔާރުކޮށްފައެވެ. ނަމަވެސް ފަތިސްވީއިރު އެ ތަން އެއްކޮށް އަންދައި މުޅި ތަން ބޭނުން ނުކުރެވޭވަރުވަނީ ކޮށްފައެވެ. އެގޮތުން ތަނުގައި ހުރި ގޮނޑިތަކާއި، ބެކްޑްރޮޕް ވެސް ވަނީ ހަލާކުކޮށްލައިފައެވެ.
މިކަމާ ގުޅިގެން އެމްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިނިވަންކަމާއެކު ކެމްޕެއިންކޮށް ތާއީދު ހޯދަން މަސައްކަތް ކުރުމަކީ، އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ވެސް ގާނޫނުން ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން ގިނަ ކެންޑިޑޭޓުން ބައިވެރިވާ މިފަދަ އިންތިޚާބެއްގައި އެއްވެސް ފަރާތަކުން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އެއްވެސް ކަމެއް ނުކުރުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.
"މި ނޭއްގާނީ އަމަލު ހިންގި ފަރާތްތައް ހޯދައި އެފަރާތްތަކަަށް ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ހަރުއަޑުން ގޮވާލަން،" އެމްޑީއޭއިން ބުންޏެވެ.
އެ ޕާޓީން ވަނީ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތްތަކަށް ހުރަސްއަޅާ އެފަދަ ދަށުދަރަޖައިގެ ފިނޑި އަމަލުތައް ހިންގުން ހުއްޓާލުމަށް ގޮވާލައިފައެވެ. އެގޮތުން ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރަމުން ގެންދިޔުމަށް ވާދަވެރި ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންނަށް ނަސޭހަތްތެރިފައެވެ.