08 Aug 2023, 21:55
އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކޮށްދޭން ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހުން އާދޭސް ދެންނެވި ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އޭނާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަތް ފަހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ, އެ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ޔާމީން ޖަލުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ.
އެ މަސައްކަތް އެއްވެސް ވަރަކަށް މަޑު ޖެހިފައިނުވާކަން ފާހަގަކުރައްވައި ޑރ. މުއިއްޒު މިރޭ ވިދާޅުވީ, ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުރިހާ ހަރަކާތެއް ވެސް ހިންގަމުން ދާނީ ޔާމީންގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ޔާމީން ގެއަށް ބަދަލު ކުރަންދެން ޕީޕީއެމް، ޕީއެންސީން އެންމެ އިސްކަމެއް ދީގެން ކުރާނެ މަސައްކަތަކީ އެމަނިކުފާނު މިނިވަންކުރަން ހުރި މަސައްކަތްކަން ފާހަގަކުރައްވައި ޑރ. މުއިއްޒު ވިދާޅުވީ, ދާދި ފަހުން ވެސް ޔާމީން މިނިވަންކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެންނެވި ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވެސް ހަމަ ގުޅާ ދަންނަވާފަ ވާނީ އެމަނިކުގާނު [ރައީސް ޔާމީން] ގެއަށް ވެސް ބަދަލު ކޮށްދެއްވުމަށް," މުއިއްޒު ވިދާޅުވިއެވެ.
އެ ފޯނު ކޯލުގެ އިތުރު ތަފްސީލް ދެއްވަމުން ޑރ. މުއިއްޒު ވިދާޅުވީ, އެ ވާހަކަތައް ރައީސްއަށް ދެންނެވީ ސުޕްރީމް ކޯޓުން ރައީސް ޔާމީންއާ ދެކޮޅަށް ކެންޑިޑެންސީ މައްސަލަ ނިންމުމުން ކަމަށެވެ.
"އަޅުގަނޑު ދެންނެވިން ތިބޭފުޅުން ބޭނުންފުޅުވެލެއްވީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ގޮތް ހަދަން ނޫން ހޭ. މިހާރު އެމަނިކުފާނަށް ކުރިމަތިނުލެވޭނެ ކަން ޔަގީންވޭ ނުންހޭ. ދެން އެމަނިކުފާނު ގެއަށް ގެނެސް ދެއްވުމަށް އަޅުގަނޑު އާދޭސްކޮށް ދަންނަވަމޭ. އަޅުގަނޑު އާދޭސް ދެންނެވިން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް," މުއިއްޒު ވިދާޅުވިއެވެ.
ޖަލުގައި އޮންނެވުމުގެ ސަބަބުން ރައީސް ޔާމީންގެ އިތުރުން އެމަނިކުފާނުގެ އާއިލާއަށް ވެސް ނިކަމެތިކަން ކުރިމަތިވެފައިވާކަމަށް ރައީސް ޞާލިހަށް ދެންނެވިކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ތަކުރާރުކޮށް އާދޭސް ދެންނެވިކަން މުއިއްޒު ފާހަގަކުރެއްވިއެވެ.
"ދެން ވިދާޅުވި ތިމަން މަނިކުފާނު ވިސްނަވާނަމޭ. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ އަދި މިރޭ ގޮވާލަނީ ވެސް އަޅުގަނޑު މީގެ ދެ ދުވަސް ކުރިން ދެންނެވި ދެންނެވުމަށް އިޖާބަދީ ރައީސް ޔާމީން މިހިދުން މިހިދަށް ވެސް ގެއަށް ބަދަލު ކޮށްދެއްވުމަށް," މުއިއްޒު ވިދާޅުވިއެވެ.
ޔާމީން ހުންނެވީ ސިޔާސީ ހައްޔަރެއްގައިކަމަށް ތުހުމަތު ކުރައްވައި މުއިއްޒު ވިދާޅުވީ, އެމަނިކުފާނު ގެއަށް ބަދަލު ކުރުމަކީ ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށެވެ.
"ރައީސް ޔާމީން މިހާރު ގެއަށް ނުގެނެސްދޭންވީ އެއްވެސް ސަބަބެއް ނެތް," މުއިއްޒު ވިދާޅުވިއެވެ.