07 May 2012, 09:30
ކާބުލް (މޭ 7): އަފްޣާނިސްތާނުގެ އިދިކޮޅު ތާލިބާން ޖަމާއަތުގެ ޢަސްކަރީ އެންމެ އިސްކޮމާންޑަރު އަވަހާރަކޮށްލެވިއްޖެ ކަމަށް އެޤައުމަށް އަރައި ހަނގުރާމަކުރާ ބޭރުގެ ބާރުތައް ކަމަށްވާ ނޭޓޯއިން ބުނެފި އެވެ.
ނޭޓޯގެ ކޮމާންޑުން ބުނި ގޮތުގައި ތާލިބާން ޖަމާއަތުގެ އެންމެ އިސްކޮމާންޑަރު އަވަހާރަކޮށްލެވުނީ މިދިޔަ ހުކުރު ދުވަހު އަފްޣާނިސްތާނުގެ އުތުރުގައި ނޭޓޯގެ ބާރުތަކުން ހިންގި ޚާއްސަ ޢަސްކަރީ އޮޕަރޭޝަނެއްގަ އެވެ. މިއޮޕަރޭޝަން ހިންގި ގޮތެއް އަދި އިސްކޮމާންޑަރުގެ ނަމެއް ނޭޓޯ އިން ހާމަކޮށްފައެއްނުވެ އެވެ. އިސް ކޮމާންޑަރާ އެކު އޭނާގެ ތިން އެހީތެރިއަކު އަވަހާރުކޮށްލެވުނު ކަމަށް ވެސް ނޭޓޯ އިން ބުނި ނަމަވެސް އޭނާގެ މަރާބެހޭ ގޮތުން ތާލިބާނުން ވެސް އަދި އަފްޣާން ސަރުކާރުން ވެސް ބަޔާނެއްނުދެ އެވެ.
ތާލިބާނުންގެ ޢަސްކަރީ އިސްކޮމާންޑަރަކު އަވަހާރަކޮށްލެވުނުކަން މީގެކުރިން ވެސް ނޭޓޯ އިޢްލާންކޮށްފައިވެ އެވެ. އެއަށް ފަހު އިސްކޮމާންޑަރު ކަމުގެ މަޤާމަށް ޒުވާން އެހެން ކޮމާންޑަރަކު ތާލިބާނުން ޢައްޔަންކޮށްފައިވާ ކަމަށް ޚަބަރު ލިބެ އެވެ.
އަނެއްކޮޅުން އަފްޣާނިސްތާނުގެ ދެކުނުގައި އަފްޣާން ސިފައިންގެ މީހަކު ބަޑިން ދިން ޙަމަލާތަކެއްގައި ނޭޓޯގެ ސިފައިންގެ އެކަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެ އެވެ. ނޭޓޯގެ ތަރްޖަމާނަކުވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. މިއަހަރުގެ މިހާތަނަށް އަފްޣާން ސިފައިންގެ މީހުންދިން ބަޑީގެ ޙަމަލާތަކުގައި ނޭޓޯގެ ސިފައިންގެ 15 މީހަކު މަރުވެފައިވެ އެވެ. މިޙަމަލާތައް ދީފައިވަނީ އަފްޣާން ސިފައިންގެ ތެރޭގައި ހިމެނޭ ތާލިބާނުންގެ އެޖެންޓުން ކަމަށް ޚަބަރުތައް ބުނެ އެވެ. (ރޮއިޓާސް)