އިދިކޮޅު ލީޑާޝިޕް އެކުގައި، އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްކޮންފަރެންސުގައި މުއިއްޒުއާ އެކު ލީޑާޝިޕްގެ ހުރިހާ މެންބަރުން ވަނީ ބައިވެރިވެފައެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެ ޕާޓީގެ ލީޑާޝިޕްގައި އިންތިޚާބުގެ މަައްސަލައިގައި އެއްވެސް ދެބަސްވުމެއް ނެތް ކަމަށެވެ. އަދި ޔާމީންގެ ފުރިހަމަ ތާއީދު މުއިއްޒު އަށް އޮތްކަމަށް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

"މިކަމުގައި އަޅުގަނޑުމެންގެ ސަފު މިއޮތީ ބަދަހިކޮށް، އަޅުގަނޑުމެންގެ ލީޑާޝިޕް މިތިބީ އެކުގައި" މުއިއްޒު ވިދާޅުވިއެވެ.

މިއަދުގެ ނޫސް ކޮންފަރެންސާ ހަމައަށް ވެސް ޕީޕީއެމްގެ ބައެއް ލީޑަރުން ވަނީ ފާޅުގައި މުއިއްޒުއަށް ތާއީދު ނުކުރައްވާ، މަޑުކުރައްވާފައެވެ. އެއާއެކު، އިދިކޮޅުގެ އެންމެ އިސްސަފުގައި މުއިއްޒު އެންޑޯސް ކުރަން ދެކޮޅު ހަދާ ބައެއް ބޭފުޅުން ތިބި ކަމަށް އަޑުފެތުރުނެވެ. އެ އަޑުތައް އެންމެ ގަދަވީ ރޭ ޕީޕީއެމް އޮފީސް ކައިރީ ބޭއްވި އެއްވުމެއްގައި ލީޑާޝިޕްގެ ބައެއް ބޭފުޅުން ވާހަކަދެއްކެވި އިރު، ރިޔާސީ އިންތިހާބުގެ ވާހަކަ އެއްވެސް ވަރަކަށް ދައްކަވާފައި ނުވާތީއެވެ. އަދި ބައެއް ބޭފުޅުން ވަނީ އިންތިހާބުގައި ވާދަކުރުމަށް ސެނެޓާއި، ލީޑާޝިޕުން ނިންމި ނިންމުމާ ދެކޮޅަށް ވެސް ވާހަކަދައްކަވާފައެވެ.

ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި ވަނީ އެ ހުރިހާ ބޭފުޅުން ވެސް މުއިއްޒު އަށް ތާއީދުކުރައްވާ ކަން ހާމަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް މިތާކު ނެތް. އަޅުގަނޑުމެން ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ހާއްސަކޮށް ލީޑާޝިޕް އެއްކޮށް ޑރ. މުއިއްޒުއާ އެކުގައި، އަޅުގަނޑުމެންގެ އަޚު ހުސައިން މުހައްމަދު ލަތީފް ހިމެނޭ ޕެއާ އިންތިހާބު ކުރުމަށް ތައްޔާރަށް" މަހިބަދޫ ދާއިރާގެ މެންބަރު، އަހްމަދު ޠާރިޤު (ޓޮމް) ވިދާޅުވިއެވެ.

އޭނާގެ އިތުރުން، ނައިފަަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވެސް ވަނީ މުއިއްޒުގެ ފަހަތުގައި ތިބިކަން ވަކިން ފާހަގަކުރައްވާފައެވެ.

އިދިކޮޅު ކޯލިޝަނުން އިންތިހާބުގައި ވާދަކުރާނެ ކަމާމެދު ޚިޔާލު ތަފާތުވީ، ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަތުމަށް ނިންމުމުން، އެދުވަހު އިންތިޚާބު ބޮއިކޮޓް ކުރުމަށް އެދި، ޔާމީންގެ ނޯޓެއް ލިބުމާއެކުއެވެ. އެއާއެކު، ސެނެޓުން ވަނީ އެ ނޯޓުގައި އޮތް ގޮތާ ދެކޮޅަށް ކަން ކުރުމަށް ނިންމާފައެވެ. މުއިއްޒު އިންތިހާބަށް ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި އިރު، ދެ ފަހަރެއްގެ މަތިން ސެނެޓާއި، ލީޑާޝިޕުގައި އެ މައްސަލަ އޮތީ މަޝްވަރާ ކޮށްފައެވެ. ރައީސް ޔާމީންގެ ތާއީދު މުއިއްޒުއަށް ދެއްވި ކަން ހާމަކުރެއްވީ، އޭނާގެ ފޯމް ވެސް ހުށަހެޅި ފަހުންނެވެ.