09 Aug 2023, 00:15
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ މާހައުލަކީ މިނިވަން އިންސާފުވެރި މާހައުލެއްތޯ ކަށަވަރުކުރާނެ ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމް އިން ބުނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އިންތިޚާބުތަކާއިބެހޭ ގާނޫގައި ބަޔާންކުރާ ފަދަ ދިމިޤްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން، އިންސާފުވެރި ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި މާހައުލެއްތޯ ކަށަވަރުކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނަ ތައްޔާރީތަކާއި އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް ވަރަށް ގާތުން މޮނީޓާ ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެކޮމިޝަނުން ބުނިގޮތުގައި އިންތިޚާބު އޮބްޒާވްކުރުމުގެ މަސައްކަތް ގެންދާނީ މުޅިއެކު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އިންތިޚާބުގެ ކުރިން ހިނގާ ކަންކަން ދެނެގަތުމާއި ވޯޓް ލާ ދުވަހު އިންތިޚާބު އޮބްޒާވްކުރުމާއި އިންތިޚާބުގެ ފަހުން ހިނގާ ކަންކަން ހިމެނެއެވެ.
ހަމަމިއާއެކު އިންތިޚާބާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާއި ދިމާވާ ގޮންޖެހުންތަކާބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މިކަންކަމުގެ އިތުރުން އިންތިޚާބު މޮނިޓާކުރުމާއި ވޯޓް ލުމުގެ ހައްގާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންވެ. އަދި އިންތިޚާބުތަކާބެހޭ ގައުމީ ލަފާދޭ ކޮމިޓީގައި އެ ކޮމިޝަން ބައިވެރިވެ އިންސާނީ ހައްގުތަކުގެ ނަޒަކުން އިންތިޚާބާ ގުޅޭ ކަންކަމަށް ދަނީ ލަފާ ދެމުންނެވެ.
"2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މާހައުލަކީ ނުފޫޒުން އެއްކިބާވެ، މިނިވަން އަދި ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދެވޭ އިންތިޚާބީ މާހައުލެއްތޯ ބެލުމަށް ޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ކޮމިޝަނުން ބުންޏެވެ.
އެކޮމިޝަނުން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި ދެފުއް ފެންނަ އަދި އަމާން އިންތިޚާބަކަށް ހެދުމަށް ޓަކައި ދައުލަތުގެ އިދާރާތަކުން މަސައްކަތްކޮށްދިމުނަށް ވެސް އިލްތިމާސްކޮށްފައެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހުއެެވެ. އަދި މި އިންތިޚާބުގެ ދެ ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެ ނަމަ އޮންނާނީ ސެޕްޓެމްބަރު 30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.