އާބަންކޯގެ ހުރިހާ ޚިދުމަތެއް އެއްތަނަކުން ލިބޭ އާބަން ސެންޓަރު މިއަދު ހުޅުމާލޭގައި ހުޅުވައިފިއެވެ.

މި ސެންޓަރަކީ އާބަންކޯގެ ހުރިހާ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރު ކޮށްދިނުމަށްޓަކައި ފަރުމާކުރެވި ބިނާ ކޮށްފައިވާ ސެންޓަރެކެވެ.

މިއަދު ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާބަންކޯގެ މޭނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ޝާކުވާތަކަށް، ގާތުން ޚިދުމަތް ދީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މައުލޫމާތު ލިބި، މައުލޫމާތު ފޯރުކޮށްދެވޭނެ ތަނަކަށް ވާނެކަމަށެވެ.

އާތިފް ވިދާޅުވީ ކުރިން އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނުން ލިބުނު މަދު ޚިދުމަތްތަކާ ޚިލާފަށް މިހާރު އާބަން ސެންޓަރުގެ ރިސެޕްޝަނުން ގިނަ ޚިދުމަތްތަކެއް ލިބޭނެ ކަމަށެވެ.

"މުނިސިޕަލްގެ ވަރަށް ގިނަ ޚިދުމަތްތަކަކާއި، ހައުސިން ޔުނިޓް ތަކުގެ ޕޭމަންޓްތަކާއި އަދި އެނޫން ވެސް ޕޭމެންޓްތައް މިހާރު ރިސެޕްޝަނަށް ދައްކާލެވޭނެ،" އާތިފް ވިދާޅުވިއެވެ.

އާބަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު --- -- ސަން ފޮޓޯ/ މާހިލް އާތިފް

މިހާރުވެސް އޮންލައިންކޮށް އާބަންކޯގެ ޚިދުމަތްތައް ދިން ކަމުގައި ވިޔަސް، އޮންލައިންކޮށް ޚިދުމަތް ހޯދަން އުނގަދޫވާ މީހުންނަށް އާބަން ސެންޓަރުގެ އެހީގައި ޚިދުމަތް ހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް އާބަން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސެންޓަރު ހުޅުވަން ނިންމާފައި ވަނީ ވިނަރެސް ފްލެޓްގެ ގްރައުންޑް ފްލޯގައެވެ.

އާބަން ސެންޓަރަކީ، އެ ކުންފުނީގެ ތާރިޚުގައި ވެސް ރައްޔިތުންނަށް އެއްތަނަކުން ހުރިހާ ޚިދުމަތެއް ފޯރު ކޮށްދިނުމަށް ހެދޭ ފުރަތަމަ ތަނެވެ.