މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް މާދަމާ މެންދުރު ފަހު 4:30ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މާދަމާގެ 16:30އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން އަށް ކެންޑިޑެސީ ބަލައިގެންފައިވާއިރު އެބޭފުޅުންގެ ނަން ތަރުތީބު ކުރުން މާދަމާ ހަވީރު ބާއްވަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

އެކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ޓަކައި ގުރުއަތުން ނެގުން މާދަމާ 4:30 ގައި ދަރުބާރުގޭ ރަންނަ ބަންޑޭރި މާލަމުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މިއީ ހަތެއް އޯގަސްޓް 2008 ގައި ތަސްދީގު ކުރި އާ ގާނޫނު އަސާސީ އިން ގިނަ ޕާޓީތައް އެކުލެވޭ ނިޒާމު ތައާރަފުވެ، ގިނަ ކެންޑިޑޭޓުންނަށް ކުރިމަތިލެވޭ ގޮތަށް އިންތިޚާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އަހަރެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި ފަސް ބޭފުޅުން ވާދަ ކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރައްވައެވެ.

މި އިންތިޚާބުގައި 282،395 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ.

އިލެކްޝަނުން ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރުގައި މިއަހަރު ފަސް ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެއީ އިނގިރޭސި ވިލާތާއި އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ އިތުރުން މެލޭސިޔާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްއެވެ. ރިސޯޓްތަކުގައި ބަހައްޓާނީ 65 ވޯޓު ފޮއްޓެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ބާއްވާނީ ހަމަ އެމަހުގެ 30ގައެވެ.