ދަތުރު ވެރިން ގެ މާރުކޭޓް ނުވަތަ ލޯކަލް މާރުކޭޓަކީ ދިވެހި ރާއްޖޭގެ ގިނަ އުފެއްދުން ތަކެއް ލިބެން ހުންނަ މާރުކޭޓެވެ. ލޯކަލް މާރުކޭޓުވެފައި އޮންނަނީ އަތޮޅު ތެރޭގެ އެތައް ބަޔަކު "ވަޒީފާ އަދާކުރާ" މައި މަރުކަޒަށެވެ. ނަމަވެސް އެމީހުން އަބަދުވެސް ދައްކާ ވާހަކައަކީ އެމީހުންނަށް، އެ މީހުންގެ ވިޔަފާރިއަށް ހުރި ދަތި ތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ދަތިތަކުގެ ވާހަކަ އެވެ.

ބައެއް ވިޔަފާރިވެރިން ބުނަނީ ކޮންމެ މަހަކު އެމީހުންގެ އަތުން ކުލި ނަގާއިރު ވިޔަފާރި ހިންގުމަށް އެއްވެސް ހިދުމަތެއް އެތަނަކުން ނުލިބޭ ކަމަށާ ވިޔަފާރި ތަރައްގީ ކުރާނެ ފުރުސަތެއް ނޯންނަ ކަމަށެވެ.

"ކޮންމެ މަހަކު ބަރާބަރަށް ކުލި ނަގާ އެކަމަކު މިހިރަ ތަރުކާރީ އާއި މޭވާ ހަލާކުވެގެން ދާއިރުވެސް މި ތަކެތި ރައްކާތެރިކަމާ އެކު ވިއްކޭނެ އިންތިޒާމެއް ހަމަޖައްސައެއް ނުދޭ،" ދަތުރުވެރިންގެ މާރުކޭޓްގައި ވިޔަފާރި ކުރާ އއ. ތޮއްޑޫގެ ދަނޑުވެރި ވިޔަފާރިވެރިޔަކު ބުންޏެވެ.

ވިޔަފާރި ވެރިން ބުނާ ގޮތުގައި މޭވާ އާއި ތަރުކާރީ ތާޒާ ކަންމަތީ ފޯރު ކޮށްދޭން ބޭނުންވި ނަމަވެސް އިމާރާތުގެ ދަތިކަމާއި މިހާރު ތިބޭ ގޮޅިތަކުގެ ހޫނު ގަދަވުމުގެ ސަބަބުން ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ރައްކާތެރިކޮށް އަދި ސާފުތާހިރު ކަމާއެކު ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިފަ ނެތުމުން ވިޔަފާރީގައި ފައިދާ އަށް ވުރެ ބޮޑަށް އޮންނަނީ ގެއްލުމެވެ.

"މިތަނަކީ މޭވާ އާއި ތަރުކާރީ ވިއްކާތަނެއް. ނަމަވެސް މި ތަކެތި ރައްކާ ތެރިއެއް ނުކުރެވޭ ވާރޭ ވެހިއްޖެނަމަ މުޅި މިތަނުގައި ފެން ބޮޑު ވެފަ އަވިދޭ އިރު އެހާ ހޫނުގަދަ،" ވިޔަފާރިވެރިޔަކު ބުންޏެވެ.

މާރުކޭޓް ސަރަހައްދުގައި މުދާ ބެހެއްޓުމަށާއި ވަގުންނަށް ތަކެތި ނުގެންދުވޭނެ ގޮތަކަށް ބެހެއްޓޭނެ އިންތިޒާމެއް މިހާތަނަށް ވެސް ހަމަޖެހިފައި ނެތުމުން އެކަމުގެ ދައްޗަކީ ވިޔަފާރިވެރިން އަބަދުވެސް ކުރާ ޝަކުވާއަކަށް އޮންނަނީ ވެފައެވެ.

"މިތަނަކު ނުހުރޭ ވޮޗަރެއްވެސް އަހަރެމެންގެ މުދާ ތަށް ވަގުން ގެންދަނީ، އެއީ ދުވަހަކު ވެސް ހައްލުވީ ކަމެއް ނޫން،" ތ. ކަނޑުދޫގެ ވިޔަފާރި ވެރިއަކު ބުންޏެވެ.

މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ފާހަގަ ކުރާ ކަންތައްތަކުގެ ތެރޭގައި ބިދޭސީން އެތަނުގައި މަސައްކަތް ކުރަމުން ގެންދިއުން ވެސް ހިމެނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިހާރު ދަތުރުވެރިންގެ މާރުކޭޓްގައި ވިޔަފާރި ކުރަމުން ގެންދާ ފަރާތްތަކަށް ދިމާވާ ދަތިތަށް ހައްލު ކުރުމަށް މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި ސަބަބަކީ އެ ސަރަހައްދު އިމާރާތް ކުރަން ހަމަޖެހިފައިވާ އޮތުން ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމު ވިދާޅުވީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދޭން ގޮޅީގެ މުއްދަތު ތިން މަސް ދުވަހަށް އިތުރު ކޮއްދީފައިވާ ކަމަށާއި އިތުރު މަސައްކަތްތައް ކުރެވެން ނެތީ އިމާރާތް ކުރުމުގެ ޕްލޭން އޮތުމުން ކަމަށެވެ.

"ބިދޭސީން ގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ދަނީ މަސައްކަތް ކުރަމުން އަދި އަޅުގނޑުމެން އުއްމީދު ކުރަނީ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މާރުކޭތުގެ ސަބަބުން މިމައްސަލަތަށް ހައްލުވެގެން ދާނެކަމަށް" މުހައްމަދު ވިދާޅުވި އެވެ.