ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް އިތުރު 3،500 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އާންމު ކޮށްފައި ވާއިރު، އެ ލިސްޓުގައި 20،697 މީހުން ހިމެނޭ އިރު، ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ.

ސަރުކާރުން ވަނީ ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދިނުމަށް ނިންމާފައެވެ.

އެކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން"އަށް ވިދާޅުވީ އެ އެންމެންނަށް ފްލެޓު ދިނުމަށްޓަކައި އިތުރު 3،500 ހައުސިން ޔުނިޓު އެޅުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ހަވާލުކޮށްފައިވާ ފްލެޓުތަކުގެ މަސައްކަތް މިމަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ އެ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ނަންތައް މިއަހަަރުގެ ޖޫން މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެ މަހުގެ 26ގައި ސަރުކާރުން އާންމުކުރީ ހަމައެކަނި ގޯތި ލިބޭ މީހުންގެ ލިސްޓެވެ.

އެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މި މަހުގެ ދެވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓުތަކުގައި 900 އަކަފޫޓު ހުންނާނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓުތަކުގައި 750 އަކަފޫޓުހުރެއެވެ.