މި ވަގުތު ދުނިޔޭގައި ތިބި އެންމެ މަގުބޫލު މޮޑެލްތަކުންގެ ތެރޭގައި ހިމެނޭ ބެލާ ހަދީދު މޮޑެލިންއިން ބްރޭކެއް ނަގައި އަލުން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ހާމަކޮށްފިއެވެ.

މި އަހަރުގެ އެންމެ ބޮޑެތި ފެޝަން އިވެންޓުތަކުގައި މޮޑެލިންގެ އެންމެ ފާހަގަކުރެވޭ މޫނު ޒުވާން މޮޑެލް ބެލާ ނުފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. އަދި, އެތައް ބަޔަކު އިންތިޒާރު ކުރަމުން ދަނީ ބެލާ އަލުން ރަންވޭ އިން ފެންނާނެ ދުވަހަކަށެވެ.

ނަމަވެސް ސިއްހަތު ހުރި ގޮތުން ބެލާ ވަނީ މޮޑެލިންއާ ދުރަށް ޖެހިލައި މޮޑެލިންއިން ބްރޭކެއް ނަގާފައެވެ. އޭނާގެ ވަގުތު ހޭދަ ކުރަނީ އަމިއްލަ ސިއްހަތު ރަނގަޅު ކުރުމަށެވެ.

ދާދިފަހުން އިންސްޓަގްރާމް އަށް އާންމުކުރި ޕޯސްޓެއްގައި ބެލާ ބުނެފައިވަނީ އޭނާ ރަންވޭއަށް އެރުމަށް އަދި ރެޑީ ނޫން ކަމަށެވެ. ދުޅަހެޔޮ ސިއްހަތަކަށް ވާސިލު ވެވުނު އިރަކުން ނޫނީ އަލުން ރަންވޭއަށް ނާރާނެ ކަމަށް އޭނާ ބުންޏެވެ.

އަމިއްލަ ނަފުސަށް އެކަށީގެންވާ ވަރަށް ވަގުތު ނުވެއްޖެ ނަމަ ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ބެލާ ބުންޏެވެ.

މި އަހަރުގެ އޭޕްރިލް މަހުގައި ބެލާ ވަނީ މޮޑެލް ކުރުމުން ބްރޭކެއް ނަގާނެ ކަމަށް އިއުލާނު ކޮށްފައެވެ. ބެލާ މޮޑެލިން އާ ދުރަށް ދިޔުމަށް ނިންމާފައިވަނީ އޭނާއަށް ލައިމް ބަލި ޖެހިފައި ހުރުމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

ލައިމް ބަލީގެ ސަބަބުން އާންމުކޮށް ހުން އައުމާއި ގައިން ވަރު ދެރަ ވުމާއި ނޭވާ ކުރުވުމުގެ އިތުރުން ގައި ކަހައި ގައިގައި ރިއްސުމަށް މެދުވެރިވެއެވެ.