ޕެރިސް (މޭ 7): ފަރަންސޭސި ސޯސަލިސްޓް ލީޑަރު ފްރާންސްވާ އޮލާންޑޭ އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރައްވައި ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފި އެވެ.

އިއްޔެ ބޭއްވި ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮލާންޑޭ ކާމިޔާބުކުރެއްވީ 51.8 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ފަރަންސޭސި މިހާރުގެ ރައީސް ނިކޮލައި ސާ ކޯޒީ އަށް ލިބިވަޑައިގަތީ 48 ޕަސެންޓް ވޯޓެވެ. ރޭ އިޢްލާންކުރި ވަގުތީ ނަތީޖާއާ އެކު ރައީސް ސާކޯޒީ ވަނީ ބަލިޤަބޫލުކުރައްވައި އޭނާގެ ވާދަވެރިޔާ އޮލާންޑޭއަށް މަރްޙަބާ ވިދާޅުވެފަ އެވެ. އޮލާންޑޭގެ ކާމިޔާބީއާ އެކު ފަރަންސޭސި ކަނާތުފިޔައިގެ ޕާޓީތަކުގެ 17 އަހަރުގެ ދިގުވެރިކަން ނިމި ވާތުފިޔައިގެ ވެރިކަމަކަށް އެ ޤައުމު ވަނީ ކުރިމަތިލައިފަ އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ފަރަންސޭސިވިލާތުގެ މެދުގައިވާ ތޯލްގައި އޮލާންޑޭ، އޭނާގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ ފަރަންސޭސި ރައްޔިތުން ބަދަލަކަށް ވޯޓު ދީ ފިކަމުގަ އެވެ. އެކަމުގެ ސަބަބުން ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވެގެން ހިނގައްޖެ ކަމަށް ވެސް އޮލާންޑޭ ވިދާޅުވި އެވެ.

ފަރަންސޭސި ރިޔާސީ އިންތިޚާބުގެ ނަތީޖާ ފެނިގެން މިދިޔައީ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއާ ދާދިއެއްގޮތަކަށެވެ. އެ ދެ ބޭފުޅުންގެ މަޤްބޫލުކަން ހުރި މިންވަރު ބެލުމަށް ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ފެށުމުގެ ދެ ދުވަސްކުރިން ނެގި ޚިޔާލުހޯދުމުގެ ސާވޭގެ ނަތީޖާ ދައްކާފައި ވަނީ 52.2 ޕަަސެންޓް ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރައް ވާނީ އިދިކޮޅު ސޯސަލިސްޓް ލީޑަރު ފްރާންސްވާ އޮލާންޑޭ ކަމުގަ އެވެ.

މިދިޔަ އެޕްރިލް މަހުގެ 22ގައި ބޭއްވި މިއިންތިޚާބުގެ ފުރަތަމަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިފައި ނުވާއިރު ފުރަތަމަ ބުރުގައި ރައީސް ސަކޯޒީ އަށް ލިބުނީ 27.07 ޕަސެންޓް ވޯޓެވެ. އޮލާންޑޭއަށް ލިބުނީ 28.56 ޕަސެންޓް ވޯޓެވެ. އޮލާންޑޭގެ މިކާމިޔާބީއާ އެކު ފަރަންސޭސިވިލާތުގެ ވެރިކަން ވަނީ މުޅިން އައުމަރްޙަލާއަކާ ކުރިމަތިލާފަ އެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ފަރަންސޭސިވިލާތުގެ މެދުގައިވާ ތޯލްގައި އޮލާންޑޭ، އޭނާގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ރޭ ވާހަކަ ދައްކަވަމުން ވިދާޅުވީ ފަރަންސޭސި ރައްޔިތުން ބަދަލަކަށް ވޯޓު ދީ ފިކަމުގަ އެވެ. އެކަމުގެ ސަބަބުން ފަރަންސޭސިވިލާތަށް ކުރިމަތިވެފައިވާ އިޤްތިސާދީ އަދި އިޖްތިމާޢީ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވެގެން ހިނގައްޖެ ކަމަށް ވެސް އޮލާންޑޭ ވިދާޅުވި އެވެ.

އޮލާންޑޭ އުފަންވެ ވަޑައިގެންފައި ވަނީ 1954 ވަނަ އަހަރު ފަރަންސޭސިވިލާތުގައެވެ. (އަލްޖަޒީރާ)