ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ފޯމް ހުށަހެޅުއްވި ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރުމާ މެދު އިދިކޮޅު ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އަދިވެސް ގޮތެއް ނުނިންމަވައެވެ.

އިދިކޮޅު ލީޑާޝިޕާއި ސެނެޓުގައި ހިމެނޭ ގިނަ މެންބަރުން މުއިއްޒަށް މަރުހަބާ ކީ ނަމަވެސް، އަދިވެސް މުއިއްޒަށް ތާއީދު ނުކުރައްވާ ބައެއް ބޭފުޅުން އެބަ ތިއްބެވެ.

އޭގެތެރޭގައި އިންތިޚާބުގައި މުއިއްޒު އާ ވާދަކުރައްވާ ނާކާމިޔާބުވި ޕިއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ފަދަ ބޭފުޅުން ހިމެނެއެވެ.

އެ ބޭފުޅުންނަށް "ސަން" އިން މެސެޖް ކުރުމުން ޖަވާބު ދެއްވީ ޝިޔާމް އެކަންޏެވެ. ޝިޔާމް ވިދާޅުވީ ޕީޕީއެމުން ނިންމަވާ ގޮތަކަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް ޑރ. މުއިއްޒަށް ތާއީދު ކުރުމާ މެދު ސާފު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

އެ ބޭބޭފުޅުންގެ ސޯޝަލް މީޑިއާގައި ވެސް މުއިއްޒަށް ތާއީދުކުރިކަން ހާމަކޮށްފައެއް ނުވެއެވެ.

މީގެއިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް މުއިއްޒަށް ތާއީދު ކުރުމާ މެދު ފަހުން ވަކި ގޮތެއް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށްދާ ސެނެޓު ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި އެ ކޯލިޝަންގެ ފަރާތުން ކުރިމަތި ލުމަށް ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީގެ ސެނެޓްގެ މެމްބަރުންގެ މެދުގައި ބޭއްވި އިންތިޚާބު މުއިއްޒު ކާމިޔާބު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައި ނުގަނެވޭނެ ކަމަށް ނިންމާފައެވެ. ޔާމީންގެ ޕްލޭންގައި އޮތީ އެމަނިކުފާނަށް ވާދަ ނުުކުރެވިއްޖެ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުމަށެވެ. އަދި މުއިއްޒު އަކީ "ވޯސްޓް ކޭސް" ކަމަށް ޕީޕީއެމްއިން ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން އީސީ އާ އެއްކޮޅަށް މައްސަލަ ނިންމުމާއެކު ރައީސް ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓް ކުރަން އަންގަވާފައެވެ.

މުއިއްޒުގެ ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ

ޖޮއިންޓު ސެނެޓުގައި ނެގި ވޯޓުގައި ބައިވެރިވި 126 ސެނެޓަރުންގެ ތެރެއިން 67 ސެނެޓަރުން ވޯޓު ދީފައިވަނީ އިންތިޚާބު ބޮއިކޮޓު ނުކުރާށެވެ. ނަމަވެސް އިންތިޚާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ޔާމީން މުއިއްޒަށް ތާއީދު ކުރަން ނިންމެވީ އިއްޔެ އީސީއަށް އޭނާގެ ކެންޑިޑެސީ ފޯމު ވެސް ހުށަހެޅުއްވި ފަހުންނެވެ.

އެއަށްފަހު ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން އަދި ސެނެޓުގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ވަނީ ސެނެޓުގެ ގުރޫޕުގައި މުއިއްޒުއަށް މަރުހަބާ ކިޔާފައެވެ.