ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެވޭނީ ވޯޓުން ނަތީޖާ ދައްކައިގެންކަމަށާއި ކެމްޕޭން ހުއްޓުވުމަށް ހަމަނުޖެހުން ހިންގައިގެން ލިބޭނެ ކާމިޔާބެއް ނޯންނާނެކަމަށް އެމްޑީޕީ ކޯލިޝަންގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެެއެވެ.

ގދ. މަޑަވެއްޔަށް މިއަދު ހެނދުނު ރައީސް ވަޑައިގަންނަވާތީ އެ ރަށުގައި ޖަގަހަ ޖަލްސާއެއް ބާއްވަން އޮތީ ތައްޔާރުކޮށްފައެވެ. ނަމަވެސް ފަތިސްވީއިރު އެ ތަން އެއްކޮށް އަންދައި މުޅި ތަން ބޭނުން ނުކުރެވޭވަރުވަނީ ކޮށްފައެވެ. އެގޮތުން ތަނުގައި ހުރި ގޮނޑިތަކާއި، ބެކްޑްރޮޕް ވެސްވަނީ ހަލާކުކޮށްލައިފައެވެ.

މި ކަމާ ގުޅުވައި ރައީސް މި ރަށަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަޑަވެލިން މިއަދު ފަތިހު ފެނުނު މަންޒަރަކީ ހިތާމަވެރި މަންޒަރެއްކަމަށެވެ.

ރައީސް ގދ. މަޑަވެލީގައި. ޖަގަހައިގައި ރޯކުރުމުން ޖަލްސާ އޮތީ ހޮޅޮއައްޓެއް ކައިރި -- ފޮޓޯ/ އެމްޑީޕީ

މިއީ ވާދަވެރި ކެމްޕޭނެއްގެ ތެރެއިން ފެނިގެންވާނެ މަންޒަރެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ފަދަ ކަންކަން ހިންގަނީ އެމްޑީޕީ ކޯލިޝަންގެ ކެމްޕޭނުން ރައީސަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާ މަންޒަރު ފެންނާތީ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ބޭނުމަކީ ކެމްޕޭންގެ ފޯކަސް ގެއްލުވާލުންކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެން ދޭހަވާ އެއް ކަމަކީ އަޅުގަނޑުމެން މި ކުރާ ކެމްޕޭނުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަޅުގަނޑުމެންނަށް ބޮޑުތަނުން ކާމިޔާބުވާ ތަން އަޅުގަނޑުމެންގެ ވާދަވެރިންނަށް ފެނުނީމާ އެ ކަން ހުއްޓުވައިލުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހަމަނުޖެހުމަށް ތާއީދުކުރުމަކީ މި ސަރުކާރާއި، އެމްޑީޕީން ވެސް ތާއީދުކުރާނެ ކަމެއް ނޫންކަމަށެވެ. އަދި ޕާޓީގެ ސަޕޯޓަރުންނާއި ރައްޔިތުން އެ ކަންކަމާމެދު ކަންބޮޑުނުވުމަށް ވެސް ރައީސްވަނީ އެދިވަޑައިގެންފައެވެ. އަދި އެފަދަ އަމަލުތަކަށް ރައްދު ނުދިނުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.

"ތިޔަ ބޭފުޅުން ފޯކަސްކުރައްވަންވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް،" ރައީސް ވިދާޅުވިއެވެ.

މި ރަށަކީ މަސައްކަތްތެރި ބަޔަކު އުޅޭ ރަށެއްކަން ފާހަގަކުރައްވައި ރައީސްވަނީ ދެ ވަަނަ ދައުރެއްގައި ރަށުގައި ހިންގަވާނެ ބައެއް މަޝްރޫއުތައް އިއުލާންކުރައްވައިފައެވެ.

ދެވަނަ ދައުރުގައި މަޑަވެލީގައި ހިންގާނެ މަޝްރޫއުތައް:

  • ބިން ހިއްކައި ރޯހައުސާއި ފްލެޓް އަޅައިދިނުން

  • އައިސްޕްލާންޓުގެ ޚިދުމަތް ދިނުން
  • މަޑަވެއްޔާއި ހާދޫ އެއްކޮށްލުން