08 Aug 2023, 10:17
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބާއްވަވާނެކަމަށް ވިދާޅުވި ނޫސްވެރިންގެ ބައްދަލުވުން ނުބޭއްވި ދިގު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.
އިއްޔެގެ ހެނދުނު 9:30ގައި ދަރުބާރުގެއަށް ވަޑައިގެން މުއިއްޒު ކެންޑިޑެންސީ ފޯމު ހުށަހެޅުއްވީ، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިޚާބު ބޮއިކޮޓް ކުރަން އަންގަވައިފައި ވަނިކޮށްނެވެ.
ގޮތް ދޫކުރައްވާ ޔާމީން މުއިއްޒަށް ތާއީދުކުރަން ނިންމެވީ އޭގެ ފަހުންނެވެެ. ނަމަވެސް، ސުޕްރީމް ކޯޓުން ޔާމީނަށް ވާދަ ނުކުރެވޭނެކަމަށް ނިންމި ދުވަހު ޕީޕީއެމްގެ އޮފީސް ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތައް ވެސް ބޮޑެވެ.
މި ހުރިހާ ހައިޖާނުތަކަކާއެކު، ނޫސްވެރިންނާއި އާންމު ރައްޔިތުންގެ ހިތުގައި ވެސް އެތައް ސުވާލެއް އެބައޮތެވެ.
އިއްޔެ ފޯމު ހުށަހެޅުއްވުމަށްފަހު ނުކުމެވަޑައިގެންނެވުމުން، ނޫސްވެރިން އެތައް ސުވާލެއް ކުރިމަތި ކުރުވިއެވެ.
ޕީޕީއެމުން އިތުރު ކެންޑިޑޭޓަކު ނެރޭނެތޯ އެހިއެވެ. އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުއްވީ ރައީސް ޔާމީންގެ ތާއީދާއެކުތޯ ވެސް އެހިއެވެ.
އެ ސުވާލުތަކާއެކު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ނިންމުމަކީ ސެނެޓުގެ ނިންމުންކަމަށެވެ. ވާދަކުރަން ނިންމީ ޔާމީން މިނިވަން ކުރަން ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވައިފިން އަޅުގަނޑުމެން ތިއަށް ތަފްސީލްކޮށް ވާހަކަ ދައްކާނީ އަޅުގަނޑުމެން އޮފީހުގައި ބާއްވާ ޕްރެސްއެއްގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ސުވާލުތައް ދެން އަމާޒުވީ މުއިއްޒަށެވެ. އޭނާ ވެސް ވިދާޅުވީ، ޕްރެސްގައި ތަފްސީލުކޮށް ދައްކަން "ވަރަށް ގިނަ" ވާހަކަ އެބަހުރި ކަމަަށެވެ.
އެއްވެސް ވާހަކައެއް ހިއްސާނުކޮށް، ގަބޫލުކުރާ ގޮތް ހާމަނުކޮށް ނުތިއްބަވާނެކަމަށް ވެސް ވިދާޅުވިއެވެ.
"ކަންބޮޑުވެ ނުލައްވާތި. އިރާދަކުރެއްވިއްޔާ ވަރަށް ތަފްސީލްކޮށް ހުރިހާ ސުވާލަކަށް، ތިޔަ ބޭފުޅުން ބޭނުންވާ ހުރިހާ ސުވާލަކަށްް ސުވާލު ހުސްވަންދެން ޖަވާބު ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
"ނޫސްވެރިން ޑިސަޕޮއިންޓް ވާ ގޮތެއް ނުވާނެ،"
މުއިއްޒު ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށެވެ. އިދާރީ ގޮތުން ވަގުތު ހަމަޖެއްސެވުމަށްފަހު އަންގަވާނެ ކަމަށެވެ.
އިއްޔެގެ މެންދުރު 2:00ގައި ވެސް ނޫސްވެރިންގެ ބައްދަލުވުމެއް އޮތްކަމަށް މައުލޫމާތު ލިބުމުން ނޫސްވެރިން ޕީޕީއެމް އޮފީހަށް ދިޔައެވެ. ނަމަވެސް، އެ ވަގުތު އެ ތަނުގައި ތިއްބެވި ލީޑާޝިޕްގެ ބޭފުޅުން ވިދާޅުވީ އަދި ޕްރެސްއެއް ބޭއްވެން ނެތް ކަަމަށާއި ރައީސް ޔާމީންގެ އިރުޝާދެއް ނުލިބޭކަމަށެވެ.
ޕީޕީއެމްގެ އޮފިޝަލަކު ރޭ "ސަން"އަށް ވިދާޅުވީ ޕްރެސް ނުބޭއްވި ލަސްވަނީ ކެންޑިޑޭޓް ވަރަށް އަވަދިނެތި ބައްދަލުވުންތަކުގައި އުޅުއްވާތީ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވަނީ ރޭ އޭނާގެ ކެމްޕޭން ޓީމާއެކު ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ކުރައްވާނީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތްކަމަށެވެ.
މުއިއްޒު މީޑީއާތަކާ ވާހަކަ ދައްކައިފައި ނުވާއިރު، މިއީ މިހާރު މުޅި ގައުމު އިންތިޒާރުކުރަމުންދާ ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެކަމަކު، އިއްޔެ މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ޚަބަރެއް އަދި ނެތެވެ.