ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.

މިއަދު އެ ލިސްޓު އާންމު ކުރި އިރު، ސަރުކާރުން ނިންމަވާފައިވަނީ، ޝަރުތުހަމަވާ އެންމެންނަށް ފްލެޓު ދިނުމަށެވެ.

މިއަދު ޕްލޭނިން މިނިސްޓްރީން އާންމު ކުރިފްލެޓް ލިސްޓުގައި20،697 މީހަކު ލިސްޓުކޮށްފައިވެއެވެ. މީގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓަށް ލާފައިވަނީ 6،208 މީހުންނެވެ. އަދި ތިން ކޮޓަރީގެ ފްލެޓަށް އެދިފައި ވަނީ 14،489 މީހުންނެވެ.

އެ ލިސްޓުން ދައްކާ ގޮތުގައި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 15،046 މީހުންގެ ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 4،319 މީހުންނާއި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ 10،727 މީހުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓެއް އިއުލާނުކުރުމުގެ ކުރިން، ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގައި ދިރިއުޅުމުގެ ހާލަތާ ގުޅޭ ގޮތުން ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރާނެ ކަމަށެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. އެއީ މިއަދުން ފެށިގެން މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް، ގެދޮރުވެރިންގެ ޕޯޓަލް މެދުވެރިކޮށެވެ.

ސަރުކާރުގެ 'ބިންވެރިޔާ ސްކީމް' އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއާއި ގުޅީފަޅު ހިއްކައިގެން ދޫކުރާ ގޯއްޗާއި، ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް އެދުމަށް ސަރުކާރުން ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26ގައެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ އެ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ނަންތައް މިއަހަަރުގެ ޖޫން މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އެ މަހުގެ 26ގައި ސަރުކާރުން އާންމުކުރީ ހަމައެކަނި ގޯތި ލިބޭ މީހުންގެ ލިސްޓެވެ.

އެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އާއި އެންބީސީސީ އިންނެވެ. އެ ދެ ކުންފުނިން އަޅާ 32 ހައުސިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި، މީހުންނަށް ދިރިއުޅެވެން ފެށޭނީ 2025ގެ ތެރޭގައި ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި އިތުރު 4،000 ފްލެޓް އިމާރާތް ކުރުމުގެ މަޝްރޫއުއެއް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ މި މަހުގެ ދެވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓުތަކުގައި 900 އަކަފޫޓު ހުންނާނެއެވެ. އަދި ދެ ކޮޓަރީގެ ފްލެޓުތަކުގައި 750 އަކަފޫޓުހުރެއެވެ.

މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ އެ ފްލެޓުތަކުގެ ކުލި ވެސް އިއުލާނު ކުރައްވާފައެވެ. ޖުލައި، 2019ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެ ކޮޓަރީގެ ފްލެޓަކަށް މަހަކު 6،000 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ވަނީ ނިންމަވާފައެވެ. އަދި ތިން ކޮޓަރީގެ ފްލެޓުތަކަށް ދައްކަންޖެހޭނީ 7،000 ރުފިޔާއަށް ވުރެ ބޮޑު ނުވާ އަދަދެކެވެ.