ގިނަ ސިޔާސީ ޕާޓީތަކެއް ބައިވެރިވެގެން ރާއްޖޭގައި ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރީ އޭރު އޮތް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރާ ދެކޮޅު ގިނަ ސިޔާސީ ޕާޓީތަކެއްގެ ބައިވެރިވުމާ ވެސް އެކުގަ އެވެ. އޭރު ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބޭނުންވީ 30 އަހަރުގެ ދިގު ވެރިކަން ވަތަން އެދޭ ގޮތަށް ބަދަލުކޮށްލުމެވެ. ނަމަވެސް އެ އިރާއި މިހާރު ވަރަށް ބޮޑަށް ވެސް ތަފާތެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބެލެވިފައިވާއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ވެސް އިންތިހާބުގެ ނަތީޖާ ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ. މިހާހިސާބުން ރިޔާސީ އިންތިހާބުގެ ނަތީޖާ ނެރުމުގެ ގާބިލުކަން ލިބިފައި ވަނީ ކޮން ޕާޓީއަކަށްތޯ މިއީ ވެސް އުފެދޭ ސުވާލެވެ.

ްއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ނެރޭނެ ކަމަށް އިޢުލާންކޮށްފައިވާ ކެންޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައިވާ އިރު އެމްޑީޕީގެ ޓިކެޓްގައި ނަޝީދު ނުކުންނަވައިގެން އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ. މިއީ ބައެއް ފަރާތްތަކުގެ ނިންމުން ކަމުގައިވާ އިރު އެމްޑީޕީގެ މެޖޯރިޓީ ބޭނުންވަނީ ރާއްޖޭގެ ރައީސް ކަމަށް އަދިވެސް ނަޝީދު ގެނައުމަށް ކަން މިއީ ވެސް ދެބަސް ވެވެން ނެތް ހަގީގަތަކެވެ.

ރައީސް ނަޝީދުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުތަކުގައި ސިޔާސީ ގޮތުން އެކަތިގަނޑެއްގެ ގޮތުގައި ފެނިގެންދިޔަ އަދާލަތު ޕާޓީ އާއި ޑީއާރްޕީ އާއި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އާއި ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރުމަށް ވުރެ ބޮޑަށް ގާތް ކަމަށް ބެލެވެނީ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި މަޝްވަރާކުރެވިގެން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާއިރު ރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ވަރުގަދަ އަދި ގިނަ ބައެއްގެ މަގްބޫލުކަން ހޯއްދަވާފައިވާ ދެ ބޭފުޅުންނަކީ ރައީސް މައުމޫނާއި ރައީސް ނަޝީދެވެ. ކަންމިހެން އޮތް އިރު އެމްޑީޕީން ނަޝީދު ނެރޭއިރު ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ނެރޭނީ ރައީސް މައުމޫންތޯ ނުވަތަ އެ ފުރުސަތު ލިބިގެންދާނީ ކޮން ސިޔާސީ ޕާޓީއަކަށްތޯ މިއީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު އެމްޑީޕީގެ ސަޕޯޓަރުންނަށާއި ރާއްޖޭގެ ގިނަ ބަކަޔަށް ވަނީ ޝޮކެއް ލިބިފަ އެވެ. އަދި ރައީސް ނަޝީދުވެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުން ކަމަށް ބުނެ އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. މިފަދަ ދަނޑިވަޅެއްގައި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގެ ނަތީޖާ ނެރެވޭނެ ކަމަށް ގަބޫލުކުރާ މީހުން ތިބި އިރު ސަރުކާރަށް ތާއީދުކުރާ ގިނަ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެފި ނަމަ އެ ޕާޓީތަކުގެ އެއްބާރުލުމާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެވެ.

ރިޔާސީ އިންތިހާބެއް ބޭއްވުމަށް ގާނޫނުގައި ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ވެސް އަވަސް އިންތިހާބެއް ބޭއްވުމަށް އެމްޑީޕީން ކުރަމުން ގެންދާ މަސައްކަތްތައް ކާމިޔާބުވެއްޖެ ނަމަ އެކަމަށް އެމްޑީޕީ އޮތީ ތައްޔާރަށެވެ. ނަމަވެސް އެފަދަ އިންތިހާބެއް ބޭއްވޭނެ ފަދަ މާހައުލެއް ރާއްޖޭގައި ގާއިމްކުރެވިފައި ނެތް ކަމަށް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކުން ބުނަމުންދާ އިރު އަވަސް އިންތިހާބެއް ބާއްވަން ޖެހިއްޖެ ނަމަ އެފަދަ އިންތިހާބެއް ބޭއްވުމަށް ސަރުކާރަށާއި ސަރުކާރަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކަށް ލިބޭ ފުރުސަތު ކުޑަވެގެންދާނެ އެވެ.

ރައީސް ވަހީދުގެ ސަރުކާރާ އިއްތިހާދުވެފައިވާ ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އަންނަ ރިޔާސީ އިންތިހާބުގައި ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ރިޔާސީ ކެނޑިޑޭޓަކު ނެރެން ނިންމައިފި ނަމަ، އިންތިހާބުގެ ފުރަތަމަ ބުރުން ބޮޑު ނާކާމިޔާބީއަކަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބެލެވެ އެވެ. އަދި ސަރުކާރަށް ތާއީދުކުރާ ސިޔާސީ ޕާޓީތައް މަޝްވަރާކުރުމަށް ފަހު، އިއްތިހާދުގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި ބެލެވެ އެވެ.

"ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރުމަށް ފަހު، ހުރިހާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރެން އެއްބަސްވުމަކަށް ދިއުމަށް އަޅުގަނޑު ހުށަހަޅާނަން ޕާޓީތަކަށް، އެނޫން ގޮތަކަށް ކުރިއަށްދާން ނިންމައިފި ނަމަ ސަރުކާރު ވެއްޓިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ސަރުކާރަށް ތާއީދުކުރާ ޕާޓީތަކުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނެރެފި ނަމަ، ޕާޓީތަކުގެ ބެކަޕާއެކު އެ އިންތިހާބު އެފަރާތްތަކަށް ކާމިޔާބުކުރެވޭނެ ކަމަށްވެސް ގިނަ ބަޔަކު ގަބޫލްކުރެ އެވެ. ނަމަވެސް އެ ފުރުސަތު ވަހީދަށް ދެއްވުމާ މެދު ދެބަސްވެވަޑައިގެންނަވާނެ ބޭފުޅުން ނުވަތަ ޕާޓީތައް ހިމެނިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އުފެދޭ ސުވާލަކީ ސަރުކާރަށް ތާއީދު ކުރާ ހުރިހާ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓަކު ނެރުމުގެ ބަދަލުގައި އެންމެ ކެނޑިޑޭޓަކު ނެރެން ޖެހިއްޖެ ނަމަ ދެން ނުކުންނާނެ މައްސަލަތަކެވެ.

އެކަމުގެ އަލާމާތްތައް ކޮންމެ ވެސް ވަރަކަށް ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ވެސް ފެނިގެންދިޔަ އެވެ. އެއީ ކާށިދޫ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީން ކެނޑިޑޭޓަކު ނެރެފައިވަނިކޮށް، ޕީޕީއެމްގެ ޓިކެޓްގައި ބޭފުޅަކު ނުކުންނެވުމަށް ކުރެއްވި މަސައްކަތެވެ. އެ މައްސަލަ ޕާޓީތަކުގެ މެދުގައި މަޝްވަރާކުރެވިގެން ހައްލުވި ކަމުގައި ބެލެވުނު ނަމަވެސް ރިޔާސީ ކެންޑިޑޭޓަކު ނެރުމުގައި ޕާޓީތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ.