14 Aug 2023, 10:49
އެމެރިކާގައި އާދައިގެ ލައިޓް ބަލްބު ވިއްކުން މަނާކުރަން ގަވާއިދެއް އެކުލަވާލިތާ 16 އަހަރު ފަހުން، އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
އެ ގަވާއިދުގެ ދަށުން 'އިންކެންޑިސެންޓް ބަލްބު' ނުވަތަ އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ ބޮކި އުފައްދައި ވިއްކުން މަނާކޮށްފައިވާއިރު، މި ގަވާއިދާ ޚިލާފުވާ ކުންފުނިތަކުން އުފައްދާ ކޮންމެ ބޮތްކަކަށް ގިނަވެގެން 542 ޑޮލަރުގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
ނަމަވެސް މިދިޔަ އަހަރު އެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން ކަސްޓަމަރުންނަށް މިހާރު އެމީހުންގެ އަތުގައި ހުރި އިންކަންޑިސެންޓް ބަލްބުތައް ބޭނުން ކުރުމުގެ ފުރުސަތު ލިބިދީފައިވެއެވެ.
މީގެ އިތުރުން އިންކެންޑިސެންޓް އެޕްލަޔަންސް ލެމްޕް، ބްލެކް ލައިޓް، ބަގް ލެމްޕް، ހޮލިޑޭ ލައިޓް، ޕްލާންޓް ލައިޓް، ފްލަޑް ލައިޓް އަދި ޓްރެފިކް ސިގްނަލް އުފެއްދުމުގެ ހުއްދަ ވެސް އެ އިސްލާހުގެ ދަށުން ދީފައިވެއެވެ.
ތޯމަސް އެޑިސަން 1800ގެ އަހަރުތަކުގައި ޕެޓެންޓް އީޖާދު ކޮށްފައިވާ އިންކަންޑިސެންޓް ލައިޓް ބަލްބްގެ ޓެކްނޮލޮޖީ މަނާކުރަން ކުރީގެ ރައީސް ޖޯޖް ބުޝްގެ ވެރިކަމުގައި ނިންމިއެވެ. ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ އަލުން ދިނެވެ.
އެމެރިކާ ސަރުކާރުން މިގާނޫނަށް އަމަލު ކުރަން ފަށާފައިވާއިރު، އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން އަންދާޒާކޮށްފައިވާ ގޮތުގައި އިންކަންޑިސެންޓް ލައިޓް ބަލްބު ބޭނުންކުރުން ހުއްޓާލައި އޭގެ ބަދަލުގައި ލެޑް ލައިޓަށް ބަދަލުކުރުމުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކާބަން އެމިޝަން 222 މިލިއަން މެޓްރިކް ޓަނުން މަދުވެ، ކަސްޓަމަރުންގެ ކަރަންޓު ބިލްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރު ސަލާމަތްކުރެވޭނެއެވެ.
ލެޑް ބަލްބްތަކަކީ މިހާރު އިންކެންޑިސެންޓް ބަލްބަށް ވުރެ އަގުބޮޑު ބަލްބްތަކެއް ނަމަވެސް އިންކަންޑިސެންޓްތަކަށް ވުރެ 25-50 ގުނަ ދިގު މުއްދަތަކަށް އެ ބާވަތުގެ ބޮކި ބޭނުންކުރެވެއެވެ. އަދި ލެޑް ބޮކިން ހަކަތަ ބޭނުންކުރަނީ އިންކެންޑިސެންޓް ބޮތްކަށް ވުރެ 75 ޕަސެންޓް މަދުންނެވެ.