08 Aug 2023, 01:23
ފުކެއްގެ ޝައްކު އުފެދޭ ވަރުގެ ކަމެއް ވެސް އޭނާގެ ކިބައިން ނުފެންނާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރަނިން މޭޓު، މުހައްމަދު އަސްލަމް އިޚްލާސްތެރިވާނެ ކަމުގެ ޔަގީން ކަން ދެއްވައިފިއެވެ.
ދ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައި ރަނިން މޭޓުގެ ހައިސިއްޔަތުން ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި އަސްލަމް ވަނީ އޭނާއަށް ފުރިހަމައަށް އިތުބާރު ކުރެއްވުމަށް ރައީސް ޞާލިޙްގެ އަރިހުން އެދިވަޑައިގެންފައެވެ.
އަޅުގަނޑުގެ އިޚްލާސްތެރިކަމާއި ތެދުވެރިކަމާ މެދު ފުކެއްގެ ޝައްކެއް އުފެދޭ ވަރު ކަމެއް ވެސް އަޅުގަނޑުގެ ފަރާތުން އިރާދަކުރެއްވިއްޔާ ފެނިގެން ނުދާނެރައީސް ޞާލިޙްގެ ރަނިން މޭޓު މުހައްމަދު އަސްލަމް
އަސްލަމް ވިދާޅުވީ ރައީސް ޞާލިޙް ދެނެވަޑައިގަންނަވާތާ ގާތްގަނޑަކަށް 30 އަހަރު ވެއްޖެ ކަމަށާއި، އޭގެ ތެރެއިން ވޭތުވެ ދިޔަ 20 އަހަރަކީ ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވި އަހަރުތަކެއް ކަމަށެވެ.
އެ ދުވަސްވަރު އެމަނިކުފާނުގެ މިޒާޖުފުޅާއި މަސައްކަތް ކުރައްވާ ގޮތް ގާތުން ދެކެވަޑައިގެންނެވި ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ރައީސް ޞާލިޙްގެ އެންމެ ކަމުދާ ސިފަޔަކީ ގޮތް ނިންމެވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ކެތްތެރިކަމާއި މަޑުމައިތިރިކަމާއި ވިސްނުންތެރިކަން ކަމަށެވެ.
އަދި، އެމަނިކުފާނުގެ އެ ހަރުދަނާ ޝަޚުސިއްޔަތާއި ރައީސްގެ ލީޑާޝިޕް މިއަދު ވެގެން ގޮސްފައި ވަނީ ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަށް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މި ސަރުކާރުގެ ވެސް އެންމެ ބޮޑު ކާމިޔާބީއަކީ އެ ލީޑާޝިޕް. ޑިސިޝަން ނެންގެވުމުގައި އެ ގެންގުޅުއްވި ހަރުދަނާ އުސޫލާއި ހަރުދަނާ ޝަޚުސިއްޔަތުރައީސް ޞާލިޙްގެ ރަނިން މޭޓު މުހައްމަދު އަސްލަމް
މީގެއިތުރުން ވެސް އަސްލަމް ވަނީ ރައީސްގެ ސިޔާސަތުތަކަށާއި، ތަރައްގީގެ އެކި މަޝްރޫއުތަކަށް ތައުރީފް ކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
ސަރުކާރުން ކުރި މަސައްކަތްތަކާއި އިތުރަށް ކުރަން އިއުލާން ކޮށްފައި ހުރި ކަންކަމަކީ އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާ ކަމެއް ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ހުރިހާ ކަންކަމަކީ ވެސް ޝުކުރުވެރިކަމާއެކު ރައްޔިތުން ބަލައިގަންނަން ޖެހޭ ކަންތައްތައް ކަމަށެވެ.
އަސްލަމްއަކީ ވޭތުވެ ދިޔަ ހަތަރު އަހަރު މަޖިލީހުގައި ރައީސް ޞާލިޙް އާއެކު މަސައްކަތް ކުރެއްވި އެމަނިކުފާނުގެ އަރިސް ބޭފުޅެކެވެ.