ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ ރައްޔިތުން އެދޭ މިންވަރަށްވުރެ ބޮޑަށް ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ނަމޫނާ ވެރިއެއްކަމަށް ރައީސްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ދ. ކުޑަހުވަދޫގައި އޮތް ރައީސްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ މި ކެމްޕޭނުގައި ރައީސްގެ އަރިހުގައި ގިނަ ރަށްތަކަކަށް ދަތުރުފުޅުކުރެވިފައިވާކަމަށެވެ.

ކޮންމެ ރަށަކުން ވެސް ރައްޔިތުންގެ ފަރާތުން ރައީސަށް ހުށަހެޅުންތައް ހުށަހަޅާއިރު އެ ކަންކަން އަޑުއައްސަވާކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ގިނަ ކަންކަމުގައި އެދޭނަމަ ކޯފާ އިސްނުކުރައްވާކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"މިއީ ދެއްތޯ އަޅުގަނޑުމެން ބޭނުންވާ އެއްޗަކީ. އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތަކު ކޮންމެ ރަށަކަށް ދިޔައިމާ ބޮޑު ލިސްޓެއްދޭ. އެ ލިސްޓުން އެންމެ އެއްޗެއް ވެސް އުނި ނުކޮށް އަދި އޭގެ އިތުރަށް އިތުުރުކޮށްފައި ރައީސުލްޖުމްހޫރިއްޔާ އެ ދެއްވަނީ އަޅުގަނޑުމެން ކޮށްދޭނަމޭ. ކޮށްދީފައޭ ހުރީ،" ސިޔާމް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ކޮންމެ ރަށަކުން ވެސް އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންކަން ހުށަހެޅުމަށް ރައީސް ފުރުސަތު ދެއްވަނީ ރައްޔިތުންގެ ހިތް ފުރެންދެން ކަަމަށެވެ.

އެއާއެކު ސިޔާމް ވިދާޅުވީ، މިއަދު ރައްޔިތުން ރައީސް ޞާލިހަށް ޝުކުރު އަދާކުރަންޖެހޭނެކަމަށެވެ.

"ޝުކުރުގެ މަތިން ޝުކުރު އަދާކުރަންޖެހޭ،" ސިޔާމް ވިދާޅުވިއެވެ.

ފަތުރުވެރިކަމުން މިސާލު ނަންގަވައި ސިޔާމް ވިދާޅުވީ ފާއިތުވި ފަސް އަހަރު ރާއްޖެއަށް 'ބެސްޓު ޑެސްޓިނޭޝަން' އެވޯޑު ލިބުނީ އަމާންކަން ގާއިމްވެފައި އޮތުމުންކަމަށެވެ.

"ދުނިޔޭގެ ބެސްޓް ޑެސްޓިނޭޝަނަށް ދިވެހިރާއްޖެވީ ކީއްވެެގެންތޯ. ދިވެހިރާއްޖެ ވީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމާން އުފާވެރި ދިވެހިރާއްޖެއެއް ދިވެހި ރައްޔިތުންނަށް ގެނެސްދިނީމަ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އަމާން ރާއްޖެއެއް ގެނެވޭނީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވޯޓު ދީގެންކަމަށެވެ. އެ ވޯޓަކީ ގޯސްމަގުން ލެވޭ ވޯޓެއްނަމަ ހިތާމަކުރަން ޖެހޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ވަސީލަތްތައް ކިތަންމެ ގިނަ ނަމަވެސް މުޖުތަމައުގައި އެކި ކުށްތަކާއި ހަަމަނުޖެހުން އާންމުވަނީ ވިސްނުންތެރި ވެރިން ނެތީމަ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، އަށް ކެންޑިޑޭޓުން ކުރިމަތިލާއިރު، ވޯޓު ދިނުމުގައި ވިސްނަންވީ ވެރިކަން ކުރުމުގެ ގޮތް ދަންނަ، ޓެސްޓުކުރެވިފައިވާ މީހެއް އިޚްތިޔާރުކުރުމަށް ކަމަށެވެ. އަދި ރައީސް ޞާލިހަކީ ފާސްވެފައި ހުންނެވި ބޭފުޅެއްކަމަށް ސިޔާމް ވިދާޅުވިއެވެ.