26 Aug 2023, 12:45
އަރުޝާއަށް އިތުރު އެއްޗެއް އަހާކަށް ނުކެރުނެވެ. ނިޔަމް ގެއިން ނުކުތްގޮތުން އަރުޝާ ހާސްވިއެވެ. ލޫކަށް ގުޅިއެވެ. ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެންދިޔަ ނިޔަމްއަށް ހީވަނީ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ ހެންނެވެ. އޭނާ އެދިޔަ ބާރުމިނުގައި ގޮސް، އާޔަތުމެން ތިބި މޭޒު ކައިރިއަށް ހުއްޓުނެވެ. ކުއްލިއަކަށް ނިޔަމް ފެނުމުން، ޒައިލްއަށް ކޮޅަށް ތެދުވެވުނުއިރު، އާޔަތުވެސް އިނީ ވާނުވާ ނޭނގިފައި ނިޔަމްއަށް ބަލާށެވެ. ނިޔަމް ވަކި އެއްޗެއް ނުބުނެ، ކުއްލިއަކަށް ދާވިއަން އުރާލައިގެން ރެސްޓޯރެންޓުން ނުކުންނަން ދިޔައެވެ.
********
"ޏަމް..." ޒައިލް ނިޔަމްގެ ފަހަތުން ހިނގައިގަތެވެ.
ލޫކް ނުކުތްއިރު، ޒައިލް ގޮސް ނިޔަމްގެ އަތުގައި ހިފައިފިއެވެ. ނިޔަމް އަތް ފޮޅުވައިލުމުންވެސް ޒައިލް ދެވަނަ ފަހަރަށް ނިޔަމްގެ އަތުގައި ހިފިއެވެ.
ދާވިއަން ވާނުވާ ނޭނގިފައި ފަހަރަކު މީހަކަށް ބަލަން އިނެވެ. މަންމަގެ މޫނުން އެފަދަ ހާސްކަމެއް އޭގެ ކުރިން ނުފެންނާތީ ކަމެއް ގޯސްވެއްޖެކަން އެ ކުޑަކުޑަ ސިކުނޑިއަށްވެސް ވިސްނުނު ކަހަލައެވެ. ދާވިއަން ނިޔަމްގެ ކޮނޑުގައި ބޯ އަޅައިލިއެވެ.
"ޕްލީޒް ޑޯންޓް ޑޫ ދިސް..." ވަށައިގެން ނަޒަރު ހިންގައިލަމުން ޒައިލް ބުންޏެވެ.
"ޕްލީޒް ގޯ..." ނިޔަމް އާދޭހާއިއެކު އެދުނެވެ.
ޒައިލް އެއްފަހަރު ދާވިއަންއަށް އަނެއްފަހަރު ނިޔަމްގެ މޫނަށް ބަލައިލިއެވެ. އޭނާ އެނގެން ބޭނުންވާ އެތައް ކަމެއް ހުރި ނަމަވެސް އެއީ އެންމެ އެކަށީގެންވާ ވަގުތު ނޫންކަން އަމިއްލަ ސިކުނޑިއަށް ވިސްނައިދިނެވެ. އެކަމަކު، އެފަދަގޮތަކަށް ނިޔަމްއާއި ދާވިއަށް އެކަނި މަގުމައްޗަށް ދޫކޮށްލާކަށް އޭނާގެ ހިތެއް ނޭދުނެވެ.
"ގެއަށް ގެންގޮސްދެންތަ؟..." ނިޔަމްގެ ޖަވާބު އެނގޭއިރުވެސް ޒައިލް އަހައިލިއެވެ.
"ޒައިލް ޕްލީޒް ގޯ..." ނިޔަމްގެ އަޑު ކުރެހުނެވެ.
ޒައިލްއަށް ވަގުތުން ނިޔަމްގެ އަތުން ދޫކޮށްލެވުނެވެ. އޭނާގެ މަގުސަދަކީ ނިޔަމްއަށް އުނދަގޫކުރުމެއް ނޫނެވެ. ނިޔަމް ޓެކްސީއަށް އަރައިގެން ދާތަން ބަލަން ޒައިލް ހުރީ ކުށްވެރިއަކު ފަދައިންނެވެ. ކުއްލިއަކަށް ނިޔަމް ކަންތައް ކުރިގޮތުން ޒައިލްގެ ހިތުގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ. ދާވިއަންއާއިމެދު އޭނާގެ ހިތުގައި އުފެދިފައިވާ ޝައުގުވެރިކަންވެސް ކުރިއަށްވުރެ އިތުރުވިއެވެ. ޒައިލްއަކީ އެހާ ފަސޭހައިން ކަމެއް ދޫކުރާނެ މީހެއް ނޫނެވެ.
"ތިއްތަ ކިހިނެއްވެފަ ހުރި ދުވަހެއްތަ؟... ކުރިން އެހެން ނުހަދާނެ..." ޓެކްސީ ނައްޓާލި މަންޒަރު ބަލަން ޒައިލްގެ ފަހަތުގައި ހުރެފައި، އާޔަތު ބުންޏެވެ. އާޔަތުގެ ހިތުތެރޭގައި އޮތް ހިތްހަމަނުޖެހުން ބޭރަށް ފާޅުވާން ހުއްޓެވެ.
ޒައިލްއަށް އާޔަތުގެ އަޑު ނީވޭ ކަހަލައެވެ. އޭނާ ހިނގައިގަތީ ކާރާއި ދިމާއަށެވެ. އާޔަތު ކުދިކިޔަމުން ޒައިލްގެ ފަހަތުން ދިޔައެވެ. އޭނާގެ މުޅި ދުވަސް ހަރާބުވީތީ ނިޔަމްދެކެ ރުޅިއެވެ. ޒައިލްއާއިއެކު އެހާ އުފާވެރި ވަގުތުތަކެއް ހޭދަކުރަމުން ދަނިކޮށް ނިޔަމް ކަންތައް ކުރިގޮތުން އޭނާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ވަގުތުން ނިޔަމްއަށް ގުޅަންވެސް އޭނާގެ ހިތަށް އެރިއެވެ. ޒައިލް ކާރަށް އަރަން ދޮރު ހުޅުވައިލުމުން އާޔަތު ދޮރު ލެއްޕިއެވެ.
"ކާއެއްޗެހި ދެންމެއެއްނު އެއައީ... ނުކައި ދަނީތަ؟..." އާޔަތު ފުސްމޫނު ހަދައިލިއެވެ.
ޒައިލް އެއްޗެއް ނުބުނެ ހަށަމް ބަނދެލިއެވެ. އެންމެ ފަހަރަކުވެސް އާޔަތާއި ދިމާއަށް ބަލައެއް ނުލައެވެ. އޭނާގެ ހިތުތެރޭގައިވި ހައިޖާނުގަނޑު އެއަށްވުރެ ބޮޑެވެ.
"އޯކޭ އޯކޭ... ހިނގާ..." ޒައިލް ނުދާނެކަން އެނގޭތީ އާޔަތަށް ގޮތް ހުސްވިއެވެ.
********
ލޫކް އައިއިރު އަރުޝާ ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގާލަހިނގާލައެވެ. ދެބުމަ ގޮށްޖަހާލައިގެން ހުރިގޮތުން ލޫކް ޖެހިލުންވެގެން ކުޑަކޮށް ފަހަތަށް ޖެހުނެވެ.
"ސޮރީ މެޑަމް..." ލޫކް އިސްޖަހައިލިއެވެ.
"މީގެފަހުން ޔަމް ދެރަކޮށްގެންނުވާނެ!..." އަރުޝާ އަމުރުކުރިއެވެ.
"ލައްބަ..." ލޫކް އަދަބުވެރިކަމާއިއެކު އެއްބަސްވިއެވެ.
"އަދި މާ ސީރިއަސްވެގެން އެބަ ހުއްޓެއްނު..." އަރުޝާ ހީގަތެވެ. ލޫކަށްވެސް ހެވުނެވެ.
"ޔަމް ކޮބާ؟..." ކޮޓަރި ދޮރާއި ދިމާއަށް ބަލައިލަމުން ލޫކް އަހައިލިއެވެ.
"އެތެރޭގަ... މިގަޑީގަ ހިނގާ އިހަށް... ފަހުން އަންނާނީ..." ލޫކް އިތުރު އެއްޗެއް އަހާފާނެތީ އަރުޝާ އެފުރުސަތު ދޭކަށް ބޭނުމެއް ނުވިއެވެ.
"އަރޫ..." ލޫކް އަރުޝާގެ އަތުގައި ހިފެހެއްޓިއެވެ. "އަހަރެން ކުރަން ބޭނުންވާ ބައިވަރު ސުވާލު އެބަހުރި... އަހަންނަށް އެނގޭ އަރޫއަށް އެނގޭނެކަން... ދާންގެ ބައްޕަތަ އެއީ؟..."
ލޫކް އެހާ ކުއްލިގޮތަކަށް އެ ސުވާލު ކޮށްފާނެކަމަކަށް އަރުޝާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އޭނާ ހުއްޓުން އަރާފައި ހުއްޓާ ނިޔަމް ކޮޓަރިން ނުކުތެވެ.
"ބައްޕީ..." ލޫކް ފެނުމުން ދާވިއަން ދުއްވައިގަތެވެ.
ލޫކް ދާވިއަން އުރާލައިގެން ގޮސް ސޯފާގައި އިށީނެވެ. އަރުޝާ ނިޔަމްގެ އަތުގައި ހިފައިގެން ކާގެއާއި ދިމާއަށް ހިނގައިގަތެވެ.
"މިކަންތައް ދެން ސިއްރެއް ނުވާނެ އިނގޭ... ޔަމް ތި ހެދިގޮތުން އާޔަތުވެސް ނޭނގެ ނުޒުހަތު ކައިރީގަ އެވާހަކަ ނުދައްކާނެކަމެއް..." އަރުޝާގެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. "މިހާރު ލޫކްވެސް އެސުވާލުކޮށްފި... އަހަންނަށް ނޭނގުނު ބުނާނެ އެއްޗެއްވެސް..."
"ޒައިލްއަށް ނޭނގިއްޖެއްޔާ އެނިމުނީ..." ނިޔަމް ދޫކޮށްލީ ފުން ނޭވާއެކެވެ.
"އެނގޭނެ... ޔަމްއަށް ނޭނގެނީތަ އެއީ ޕޮލިހެއްކަން؟... އެމީހުންނަށް ކިހާ ފަސޭހައިން ރެކޯޑްސް ބެލޭނެ..." އަރުޝާ ދެން ބުނީ ކުރިން ނިޔަމްއަށް ވިސްނައިލެވިފައިނުވާ ކަމެއްގެ ވާހަކައެވެ.
"ޗުއްޓީ ނަގައިގެން އަވަހަށް މާމަ ކައިރިއަށް ދާންވީ؟..." ނިޔަމް ހާސްވިއެވެ.
********
ހެނދުނު ޝަރަފަށް ޑިއުޓީއަށް އާދެވުނީ ގަޑިޖެހިގެންނެވެ. އޭނާ ގޮސް ކެބިންއަށް ވަންއިރު، ކުރިމަތީގައި ހުރި ޒައިލް ފެނިފައި ދިޔައީ ސިއްސައިގެންނެވެ. ޒައިލްގެ އިސްތަށިގަނޑުގައި ތަރުތީބެއް ނެތެވެ. މޫނުމަތިން ފެންނަމުން ދިޔައީ ނުނިދާ ހުރިކަމުގެ އަސަރުތަކެވެ.
"ސިއްސައިގެންނޭ އެދިޔައީ..." ކޮނޑުގައި އަޅުވާފައި އޮތް ދަބަސް މޭޒުމަތީގައި ބާއްވަމުން ޝަރަފް ބުންޏެވެ.
"އެއީ އަހަރެންގެ ދަރިއެއް..." ޒައިލްއަށް ބުނެވުނެވެ.
"އޭނ؟..." ގޮނޑީގައި އިށީންނަން އުޅުނު ޝަރަފަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. "ކޮން ފިލްމެއްގެ މަންޒަރެއް ތިކުޅެލަނީ؟..."
ޝަރަފް ހީގަތެވެ. އޭނާ ހީކުރީ ޒައިލް ސަމާސާކުރަނީ ކަމަށެވެ. ކުޑަ ހިނދުކޮޅަކަށް އެމޫނުން ފެނުނު ސީރިއަސްކަން މިހާރު ފެންނާކަށް ނެތެވެ. ޒައިލް ކުރިއަށްޖެހިލައި ޝަރަފްގެ ދެކޮނޑުގައި ހިފައި ގޮނޑީގައި ބޭންދިއެވެ. ކޮމްޕިއުޓަރާއި ދިމާއަށް ގޮނޑި އަނބުރުވައިލިއެވެ. ޒައިލް ހަލުވިކަމާއިއެކު ކީބޯޑުގެ ފިތްތަކަށް ފިތަންފެށިއެވެ. ޝަރަފް އިނީ ވާނުވާ ނޭނގިފައެވެ.
"މީ އަހަރެންގެ ދަރިއެކޭ މިބުނީ..." އިސްކްރީނުން ފެންނަމުންދިޔަ ތަސްވީރު ދައްކައިލަމުން ޒައިލް ބުންޏެވެ.
ޝަރަފް އައިނު ރަނގަޅުކޮށްލާފައި އިސްކްރީނަށް ބަލައިލިއެވެ. އެއްފަހަރު ޒައިލްއަށް އަނެއްފަހަރު ކުރިމަތިން ފެންނަމުންދިޔަ ތަސްވީރަށް އޭނާ ބެލިއެވެ.
"މުޙައްމަދު ދާވިއަން އަޙްމަދު..." ޝަރަފްގެ ނަޒަރު ތަސްވީރުން ފެށިގެން ތިރިން ފެންނަމުންދިޔަ ނަމަށް ހުއްޓުނެވެ. "ކަލޭ ރޭގަ ނުނިދާ ދޯ އުޅުނީ؟..."
ޒައިލް ދެއްކި ވާހަކަ ޝަރަފަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ހީކުރީ ޒައިލް ސަމާސާ ކުރަނީ ކަމަށެވެ.
"އަހަންނަށްވެސް އަހަރެންގެ ދަރިފުޅުގެ ހައްގު އޮންނާނެ... ނޫންތަ؟..." ޒައިލް ވިސްނައިލާފައި ބުންޏެވެ.
ނިޔަމް ދާވިއަން ގޮވައިގެން ސްކޫލުން ނުކުތްއިރު ޒައިލް ހުރީ ކާރު ކައިރީގައެވެ. ނިޔަމް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ.
ނިޔަމް ދާވިއަން ހިފަހައްޓަން އުޅުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ. ދާވިއަން ދުވެލާފައި ޒައިލްގެ ކައިރިއަށް ދިޔައެވެ. ޒައިލްގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. އެ އުފާވެރިކަން ފެނި ނިޔަމްގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއްވެގެން ދިޔައެވެ.
"ޕޮލިސް ކާރަށް އަރާނަންތަ؟... ދާން އަދި ނާރަން ދޯ ޕޮލިސް ކާރަކަށް... ހިނގާ، ގެއަށް ގެންގޮސްދޭނަން..." ޒައިލް އެދުނެވެ. "މަންމި ކައިރިވެސް ބުނޭ އަރާށޭ..."
"މަންމީ އާދޭ އަރަން..." ދާވިއަން ގޮވައިލިއެވެ.
(ނުނިމޭ)