08 Aug 2023, 09:29
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ 65 ރިސޯޓެއްގައްޔާއި ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އިންތިޚާބުގައި ވޯޓު ލުމަށް ރީ ރެޖިސްޓާ ވުމުގެ ފުރުސަތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:00 އަށް ހަމަވިއިރު، އެ މުއްދަތުގެ ތެރޭގައި 35،000އަށް ވުރެ ގިނަ މީހުން ވަނީ ރީ ރެޖިސްޓާ ކޮށްފައެވެ.
ފާއިތުވި ހަފުތާގައި ވޯޓު ފޮށި ބަހައްޓަން ކަށަވަރު ކުރެވިފައިވަނީ ހަތަރު ގައުމުގައެވެ. ނަމަވެސް ރީ ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު ވޯޓު ފޮށި ބެހެއްޓޭ ވަރަށް ފަސް ގައުމެއްގައި މީހުން ރެޖިސްޓާ ވެފައިވާ ކަމަށް އީސީން ބުނެއެވެ.
ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އެންމެ މަދުވެގެން 150 މީހުން ވޯޓުލާން ރެޖިސްޓްރީ ވުމުންނެވެ. އެގޮތުން މި އަހަރު ވޯޓު ފޮށި ބަހައްޓާނެ ކަން ކަށަވަރު ވެފައިވާ ގައުމުތަކަކީ އިނގިރޭސިވިލާތާއި، މެލޭޝިއާ އަދި އިންޑިއާގެ ޓްރިވޭންޑްރަމާއި، ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން ޔޫއޭއީގެ އަބޫ ދާބީގައެވެ.
ސިންގަޕޫރާއި، ތައިލެންޑް، އަދި ޖަޕާނުގައި ވެސް ކޮންމެވެސް ވަރަކަށް ދިވެހިން ރަޖިސްޓްރީ ވެފައި ވީނަމަވެސް، ވޯޓު ފޮށި ބަހައްޓާ ވަރަށް އަދަދު ހަމައެއް ނުވެއެވެ.
މީގެއިތުރުން، އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަގުތު ހަމަވިއިރު ރީރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ 42،867 މީހުންގެ ތެރެއިން 35،849 މީހަކު އީސީން ވަނީ ރީ ރަޖިސްޓާ ކޮށްދީފައެވެ. އޭގެތެރޭގައި އޮންލައިންކޮށް ރީރެޖިސްޓާ ވާން ހުށަހެޅި 22،882 މީހުންގެ ތެރެއިން 18،088 މީހެއްގެ ފޯމު ބަލައިގެންފައިވެއެވެ.
އަދި، ސިޔާސީ ޕާޓީތަކުން 4،010 ފޯމާއި، ޖަލުތަކުގައި ތިބި 1،443 ގައިދީއަކު ވެސް ރީރަޖިސްޓާ ކޮށްދީފައިވެއެވެ.
އީސީން ބުނީ ރީރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމުތައް އިތުރަށް ބަލައި ޗެކް ކުރަމުންދާތީ ރީރަޖިސްޓްރީ ކުރި މީހުންގެ ނަންބަރުތަކަށް ކުޑަ ބަދަލެއް އައުން އެކަށީގެންވާ ކަމަށެވެ.
މިއަހަރުގެ އިންތިޚާބުގައި ޖުމްލަ އަށް ބޭފުޅަކު ފުރަތަމަ ބުރުގައި ވާދަ ކުރުމަށް ކުރިމަތި ލާފައިވެއެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.