08 Aug 2023, 09:08
ރިމޭކް ފިލްމުތައް ކުޅުމުގެ ޚިޔާލު މިހާރު އެއްވެސް ވަރަކަށް ނުގެންގުޅޭކަމަށް ކާތިކް އާރްޔަން ބުނެފިއެވެ.
ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެތެރޭ ގުނާލެވޭ އެކްޓަރު މިގޮތަށް ނިންމާފައިވަނީ ދާދިފަހުން ރިލީޒްވި ކާތިކްގެ ރިމޭކް "ޝެހެޒާދާ"އަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބުމާ ގުޅިގެންނެވެ.
މިދިޔަ ޖޫން މަހު ރިލީޒްވި ފިލްމު "ސަތުޔަ ޕްރޭމްކީ ކަތާ"ގެ ކާމިޔާބީގެ ވާހަކަ ދައްކަމުން ކާތިކް ބުނެފައިވަނީ ބޮޑަށް ބޭނުން ވަނީ ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ފިލްމުތައް ކުޅެން އިސްކަން ދިނުމަށް ކަމަށެވެ. ފިލްމުތަކުގެ ރިމޭކްތައް އުފެއްދުމުން ބެލުންތެރިންގެ ތަރުހީބު ކުޑަވަނީ ކުރިން ބަލާފައިވާ ފިލްމެއް އަނެއްކާވެސް ބެލުމަށް އޯޑިއަންސް ބޭނުންނުވާތީ ކަމަށް ދެކޭކަމުގައި ކާތިކް ވަނީ ބުނެފައެވެ.
އެހެންވެ ކުރިޔަށް އޮތްތަނުގައި ރިމޭކް ފިލްމުތައް ކުޅެން ނުވިސްނަން ނިންމީ ކަމަށް "ބޫލް ބުލައްޔާ2"ގެ އެކްޓަރު ވަނީ ބުނެފައެވެ. ކުރިމަގުގައި ފިލްމު ސްކްރިޕްޓްތައް ހޮވާއިރު ބަލާނީ މީގެކުރިން އެހެން އެކްޓަރުން ކުޅެފައިނުވާފަދަ ތަފާތު ރޯލްތައް ހޮވުމަށްކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ.
ކާތިކް މިވަގުތު ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ ލީޑްރޯލްކުޅޭ ޑައިރެކްޓަރު ކަބީރު ޚާންގެ ފިލްމު "ޗަންދޫ ޗެމްޕިއަން"އަށެވެ. މި ފިލްމުގައި ކާތިކް ކުޅޭ ރޯލަށް ތައްޔާރުވުމަށްޓަކައި އެކްޓަރު ވަނީ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިކޮށްފައެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ފިލްމުގެ ޝޫޓިންގް ކުރިޔަށްދާއިރު އޮސްޓްރޭލިއާގެ މެލްބޯންގައި އޮންނަ އިންޑިއަން ފިލްމު ފެސްޓިވަލްގައި ކާތިކް ބައިވެރިވާނެކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފެސްޓިވަލުގައި ކާތިކްއަށް ރައިޒިންގް ގްލޯބަލް ސުޕަސްޓާ އޮފް އިންޑިއަން ސިނަމާގެ ޝަރަފް އެރުވުމަށް ވަނީ ނިންމާފައެވެ. ކާތިކްގެ ކުރިޔަށް ހުރި ފިލްމުތަކުގެތެރެއިން އަދި އިއުލާނުނުކުރާ ދެ ފިލްމަކަށް ސޮއިކޮށްފައިވާކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެއީ ފިލްމު "ބޫލް ބުލައްޔާ3" އަދި "އާޝިޤީ3"އެވެ.