އެޕަލްގެ އައިފޯން ސީރީސްގެ ކުރިއަށް އޮތް ފޯނު، އައިފޯން 15 ނެރެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ދުނިޔޭގެ ބޮޑެތި މާކެޓްތަކުގައި ސްމާޓްފޯން ވިކޭ މިންވަރު ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.

ސްމާޓް ފޯނުގެ ބާޒާރުގައި އެތައް އަހަރެއް ވަންދެން އެޕަލް އައިފޯން ރަސްކަން ކުރުމަށް ފަހު، އެމެރިކާގައި އައިފޯން ވިއްކާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް އެޕަލް ކުންފުނިންވެސް ވަނީ ގަބޫލުކޮށްފައެވެ.

ބްލޫމްބާގްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު އެޕަލްގެ ސީއީއޯ ޓިމް ކުކްއަށް އެ ނޫހުން ކުރި ފޯންކޯލެއްގައި އޭނާ ވަނީ އައިފޯން ވިއްކުން ވަރަށް ބޮޑަށް މަޑުޖެހިފައިވާކަން ހާމަކޮށްފައެވެ.

ޓިމް ކުކް މި ކޯލްގައި ވިދާޅުވީ ސްމާޓްފޯން ވިއްކުނު މިންވަރު ނިމުނު ކުއާޓާއަށް ވުރެ މި ކުއާޓަރުގައި ދެ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

އެޕަލްގެ ސީއެފްއޯ ލޫކާ މެސްޓްރީ ވެސް ވިދާޅުވީ މި ބަދަލުގެ މައިގަނޑު ސަބަބަކީ އެމެރިކާގެ ކަސްޓަމަރުން އައިފޯނާ މެދު ދެކެމުން އައިގޮތް މަޑުމަޑުން ނަމަވެސް ބަދަލުވުން ކަމަށެވެ. އެމެރިކާގައި ފާއިތުވި ދެ ކުއާޓަރުގެ ތެރޭގައިވެސް ސްމާޓްފޯން މާކެޓް ދަށަށް ގޮސްފައިވާކަން އޭނާ ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެޕަލްއިން އައިފޯން ވިއްކާ މިންވަރު ދަށަށް ގޮސްފައިވީ ނަމަވެސް، އިންޑިއާ، އިންޑޮނޭޝިއާ، މެކްސިކޯ، ފިލިޕީންސް، ޕޮލެންޑް، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޔޫއޭއީ ފަދަ ކުރިއަރަމުން އަންނަ މާކެޓްތަކުގައި އައިފޯން ވިއްކާ މިންވަރު ރަނގަޅު ކަމަށް މެސްޓްރީ ވިދާޅުވިއެވެ.

ސްމާޓްފޯން ވިއްކޭ މިންވަރު ފާއިތުވި ކުއާޓަރުގައި ދަށަށް ދިޔަ ނަމަވެސް އެކަމާމެދު އެޕަލްއިން ކަންބޮނުވާ ކަމަށް ކުކްވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ކުކް ވަނީ މިދިޔަ ކުއާޓަރުގައި ޕެއިޑް ސަބްސްކްރިޕްޝަނުން އެއް ބިލިއަން ޑޮލަރުގެ ފައިދާގެ ރެކޯޑެއް އެޕަލްއިން ހަދާފައިވާ ކަމަށް ވިދާޅުވެފައެވެ.