ވެރިކަމާ ހަވާލުވެ ފުރަތަމަ ދުވަހު ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމުގެ މަސައްކަތް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕާއެކު މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ އިސްކަމެއް ދެއްވާނީ ޔާމީން މިނިވަންކުރުމަށް ކަމަށެވެ.

މުއިއްޒު އެހެން ވިދާޅުވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.

"ދެވަނަ ބުރަކަށް ދަންޏާ ދެވަނަ ބުރުގައި އަޅުގަނޑުމެން އިންޝާﷲ ކާމިޔާބުވެ ފުރަތަމަ ޕޯޑިއަމަށް އަރައި ފުރަތަމަ އަޅުގަނޑު ދައްކާނެ ވާހަކައަކީ ވެސް މިހާރު ހުރި ރައީސަށް ގޮވާލުން މިހާރުން މިހާރަށް އެމަނިކުފާނު [ޔާމީން] ގެއަށް ގެންނަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ސިޔާސީ ބާރުވެރިކަމާއެކު އެދުވަހުން އެދުވަހަށް ޔާމީން މިނިވަންކުރުމުގެ މަސައްކަތް މިހާރަށްވުރެ ބާރަށް ކުރިއަށްގެންދާނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑު ވެރިކަމާ ހަވާލުވާ ފުރަތަމަ ދުވަހު ވެސް، އެ ހާތަނަށް ވެސް އެމަނިކުފާނު ގެއަށް ނުގެނެސް ބަހައްޓައިފިނަމަ އަޅުގަނޑު ފުރަތަމަ [ޔާމީން ގެއަށް] ގެންނާނަން. މާނައަކީ އަޅުގަނޑުމެން އިއްޔެ ފެށި މަސައްކަތުގެ ގިޔަރު މަތިކުރަމުން، މަތިކުރަމުން، މަތިކުރަމުން ގޮސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން އިންޝާﷲ ކާމިޔާބުކޮށް އެމަނިކުފާނު މިނިވަންކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.

ޔާމީންގެ ތާއީދާއެކު މިއަދު ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށްފަހު މުއިއްޒު މީޑިއާއާ ވާހަކަދައްކަވާފައެއްނުވެއެވެ.

އޭނާ ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ތަފްސީލީގޮތެއްގައި ޖަވާބުދިނުމަށްޓަކައި ވަރަށް އަވަހަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.