08 Aug 2023, 08:59
ޝާހްރުކް ޚާން މުހިއްމު ރޯލްކުޅޭ ފިލްމު "ޖަވާން"ގެ ޑައިރެކްޓަރު އެޓްލީގެ ކުރިޔަށް އުފައްދާ ހިންދީ ފިލްމަށް ބަތަލާ ވަމީގާ ގައްބީ ސޮއިކޮށްފިއެވެ.
ވަމީގާއަކީ، ޕަންޖާބަށް ނިސްބަތްވާ ބަތަލާއެކެވެ. ހިންދީ ފިލްމުތަކުގެ އިތުރުން ބައެއް ތަމަޅަ ފިލްމުތަކުންވެސް ފެނިފައިވާ ބަތަލާއާއެކު އެޓްލީގެ ފިލްމުގައި ލީޑް ރޯލް ކުޅެން ހަމަޖެހިފައިވަނީ އެކްޓަރު ވަރުން ދަވަންއެވެ.
ވަގުތީ ނަމެއްގެގޮތުގައި "ވީޑީ18"އިގެ ނަން ދެވިފައިވާ މިފިލްމަކީ، 2024ވަނަ އަހަރު ރިލީޒްކުރެވޭނެ އެންމެ އުއްމީދީ ފިލްމަށްވާނެކަމަށް ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރާ ކަލީސް ވަނީ ބުނެފައެވެ.
ވަރުން ދަވަންގެ އިތުރުން ސައުތު ސިނަމާގެ ބަތަލާ ކީރްތީ ސުރޭޝް މުހިއްމު ރޯލްއިން ފެންނަ ފިލްމުން ފުރުސަތު ލިބުމުން ބަޔާންނުކުރެވޭފަދަ އުފާވެރިކަމެއް ބަތަލާ ވަމީގާއަށް ވަނީ ލިބިފައެވެ. މިއީ ވަމީގާގެ ފުރަތަމަ ކޮމާޝަލް ފިލްމަށްވެފައި ތަޖުރިބާކާރު ޓީމާއެކު މަސައްކަތްކޮށްލަން ލިބުނު މި ފުރުސަތަކީ ފިލްމީ ކެރިއަރަށް ލިބޭނެ އިތުރު ކުރިއެރުމެއްކަމަށް ބަތަލާ ވަނީ ބުނެފައެވެ. މި ފިލްމަކީ، އެޓްލީގެ އިތުރުން ތަޖުރިބާކާރު ޕްރޮޑިއުސަރު މުރާދުގެ މަސައްކަތް ފެންނާނެ ފިލްމެކެވެ.
އެމޭޒަން ޕްރައިމްއިން މި އަހަރު ގެނެސްދިން ވެބް ސީރީސް "ޖުބިލީ"ގައި ބަތަލާ ވަމީގާ ދައްކުވައިދިން އެކްޓިންގްއަށް ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން ވެސް ވަނީ ވަމީގާ ކުޅުނު ރޯލަށް ތަޢުރީފުކޮށް އެފަދަ ރޯލެއް ކުޅެން ޝައުގުވެރިވާކަން ފާޅުކޮށްފައެވެ.
ވަމީގާގެ ކުރިޔަށް ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް ސޮނީލިވްއަށް އުފައްދާ ވެބް ސީރީސް "ޗާލީ ޗޯޕްރާ" އަދި ވިޝާލް ނެޓްފްލިކްސްއަށް އުފައްދާ ފިލްމު "ކޫފިޔާ" ހިމެނެއެވެ.